Advertisement

ޕީއެންސީ ޑޯ ޓު ޑޯގައި ބަހަނީ ދައުލަތުގެ ހަރަދުގައި ރައީސް އޮފީހުން ބަންދުކުރާ ތަކެތި: މީކާއިލް

1 އޭޕްރީލް 2024 - 12:04 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް. އޭނާ ގެންދަނީ އެ ދާއިރާއަށް ދެވަނަ ދައުރަކަށް ވާދަކުރަމުން --- ފޮޓޯ: އަދަދު ފައިލް


ޕީއެންސީ ޑޯ ޓު ޑޯގައި ބަހަނީ ދައުލަތުގެ ހަރަދުގައި ރައީސް އޮފީހުން ބަންދުކުރާ ތަކެތި: މީކާއިލް

1 އޭޕްރީލް 2024 - 12:04 0

އޭޕްރީލް 21، ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނުގައި ވެރިކަންކުރާ ޕީއެންސީއިން ކުރިއަށް ގެންދާ ޑޯ ޓު ޑޯ ހަރަކާތުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްސަވަމުން ގެންދަވާ ހަދިޔާއަކީ ދައުލަތުގެ ހަރަދުގައި ރައީސް އޮފީހުން ބަންދުކުރާ ތަކެތި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ ތެރޭ މާލޭގެ އެކި ދާއިރާތަކުގައި ކުރިއަށް ގެންދަވާ ޑޯ ޓު ޑޯ އިވެންޓުތަކުގެ ތެރެއިން ރަސްމީ ކަރުދާހުގައި ހަދިޔާ ބަހާ ފޮޓޯތަކެއް ދަނީ ދައުރުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފ. މަގޫދޫގައި އަޅަމުންދާ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ބުނެ ކުއްލި މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލާގައި ވާހަކަ ދައްކަވަމުން ހަދިޔާ ފޮޓޯތަކަށް އިޝާރާތް ކުރައްވައި މީކާއިލް ވިދާޅުވީ ރައީސް މުއިއްޒު އަމަލުކުރައްވަމުން ގެންދަވަނީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ރައީސަކު އަމަލުނުކުރައްވާ ގޮތަށް ކަމަށެވެ.

"ޕާރުސަލް ކުރަނީ ރައީސް އޮފީހުން. ޕާރުސަލް ކުރަނީ ދައުލަތުގެ ހަރަދުގައި. ޕާރުސަލްގައި އޮންނަނީ ދައުލަތުން ދޭ އެއްޗެއް. އެހެން ނަމަވެސް ވަޑައިގަންނަވަނީ ޕީއެންސީ ކެންޑިޑޭޓުގެ ޑޯޓުޑޯއަށް," މީކާއިލް ވިދާޅުވި އެވެ.

އެއީ މައްސަލައެއް ކަމަށް ރައީސް އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ނުފެންނަ ކަމަށް މީކާއިލް ފާހަގަކުރެއްވި އެވެ. ޕީއެންސީގެ ކެންޑިޑޭޓުން މަޖިލީހަށް ހޮވައިފިނަމަ އަމަލުކުރާނީ އެފަދަ ގޮތަކަށް ކަމަށް މީކާއިލް ފާހަގަކުރެއްވި އެވެ.

ރައީސް އޮފީހުން ވަނީ ޕީއެންސީގެ ކެމްޕޭނުގައި ރައީސް ހަދިޔާ ދެއްވުން ދިފާއުކޮށްފަ އެވެ. އެކަމާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ކެމްޕެއިނު ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް ރައީސުލްޖުމްހުރިއްޔާ ހުންނަވާނީ އެމަނިކުފާނުގެ މަގާމުގައި ކަމަށާއި އެއީ 24 ގަޑިއިރު އަދާކުރައްވާ ވަޒީފާއެއް ކަމަށެވެ.

އެއީ ޕީއެންސީގެ ޑޯ ޓު ޑޯ އިވެންޓެއްގެ ތެރެއިން ހިނގި ކަމެއް ނޫންތޯ އެހުމުން ހަލީލު ވިދާޅުވީ، "އެއީ ދެން ތިބޭފުޅުން ސިފަކުރައްވާ ގޮތް" ކަމަށެވެ.

"ރައީސުލްޖުމްހުރިއްޔާ އޭ އެއީ 24 ގަޑިއިރު، ރައީސުލްޖުމްހުރިއްޔާގެ ހައިސިއްޔަތުން އެންމެ ސިކުންތަކަށްވެސް ނުގެއްލޭ،" ހަލީލު ވިދާޅުވި އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގެ 19 ވަނަ މާއްދާގެ ހ. ގެ 14 ގައި ވަނީ "ވަކި މީހަކަށް ވޯޓު ލުމަށް ނުވަތަ ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުން އެއްވެސް މީހަކަށް ފައިސާ ނުވަތަ ހަދިޔާ ދީ ހަދައިގެން ނުވާނެ، އަދި މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަ ހަޅައިގެންވެސް ނުވާނެ" ކަމަށެވެ.