Advertisement

ސިޓީ އާއި އާސެނަލް އެއްވަރުވެ، ލިވަޕޫލަށް އެއް ވަނަ

1 އޭޕްރީލް 2024 - 00:27 0

ިލިވަޕޫލްގެ ސަލާހު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ސިޓީ އާއި އާސެނަލް އެއްވަރުވެ، ލިވަޕޫލަށް އެއް ވަނަ

1 އޭޕްރީލް 2024 - 00:27 0

ލިވަޕޫލް (އޭޕްރީލް 1) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމާ އެކު، ބްރައިޓަން އަތުން ފަހަތުން އަރައި 2-1 އިން މޮޅުވި، ލިވަޕޫލް އެއް ވަނަ މަގާމުގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލީގުގައި މިރޭ ފުރަތަމަ ކުޅުނު މެޗުން ލިވަޕޫލުން ވަނީ ބްރައިޓަން ބަލިކޮށް، ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު، އާސެނަލް ކުޅުނު މެޗުން ސިޓީއާ އެއްވަރުވުމުން، އެ ލީޑު ދެ ޕޮއިންޓަށް ކުޑަވީ އެވެ. ލިވަޕޫލަށް 29 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލަށް ވަނީ 29 މެޗުން 65 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ސިޓީ އަށް 29 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ.

ސިޓީން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމަށް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ނުހޯދުނެވެ. ފުރަތަމަ ހާފުގައި ސިޓީގެ ޑިފެންޑަރު، ނޭތަން އަކޭ ބޮލުން ޖެހި ބޯޅަ އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ މަތަކުރި އެވެ. އާސެނަލްގެ ކައި ހަވާޓްޒް ފޮނުވާލަން އުޅުނު ބޯޅައެއް ހުއްޓުވީ، ސިޓީގެ ގޯލު ބެލެހެއްޓި، ކީޕަރު ސްޓެފަން އޯޓޭގާ އެވެ.

ސިޓީގެ ހާލަންޑް (ކ) އަތުން އާސެނަލްގެ ރައިސް ބޯޅަ ހޯދަން މަސައްކަތްކުރަނީ.


ލަނޑެއް ނުޖެހި ސިޓީން މި މެޗު ނިންމާލަން ޖެހުނުއިރު، އެ ޓީމުން މި މެޗުގެ ކުރިން އަމިއްލަ ދަނޑުގައި ކުޅުނު 57 މެޗުގައި ލަނޑު ޖެހި އެވެ. އެކަމަކު، މިރޭ އާސެނަލްގެ ޑިފެންސްލައިން ފޫއަޅުވާލެވޭ ގޮތެއް ސިޓީ އަށް ނުހޯދުނެވެ.

ލިވަޕޫލް ދަނޑުގައި ބްރައިޓަން އިން ވަނީ، 84 ވަނަ ސިކުންތުގައި ގޯލު ޖަހައި ލީޑުނަގައިފަ އެވެ. މިއީ އޭރިއާތެރެއިން ބްރައިޓަންގެ ފޯވާޑް، ޑެނީ ވެލްބެކް ޖެހި ގޯލެކެވެ. ލިވަޕޫލުން އެއްވަރުކުރީ 27 ވަނަ މިނިޓްގަ އެވެ. ބްރައިޓަންގެ ޑިފެންޑަރު، ޖޮއެލް ވެލްޓްމަން ފައިގައި ޖެހިފައި އޭރިއާތެރެއަށް އައި ބޯޅައެއް ގޯލަށް ވައްދާލީ ލުއިޒް ޑިއާޒް އެވެ.

މެޗުގެ ނަތީޖާ ލިވަޕޫލް ކޮޅަށް އަނބުރާލި ގޯލު ޖެހީ، 65 ވަނަ މިނިޓްގައި މުހައްމަދު ސަލާހު އެވެ. މެޗުގައި 12 ހަމަލާ ފޮނުވާލި ސަލާހު، މި ލަނޑު ޖެހީ އަލެކްސިސް މެކް އަލިސްޓާ ދިން ބޯޅައަކުންނެވެ. މިއީ މި ފަހަރު ލީގުގައި ސަލާހު ޖެހި 16 ވަނަ ގޯލެވެ. އެންމެ ފަހުން ގޯލެއް ޖެހީ، ފެބްރުއަރީ މަހު 17 ވަނަ ދުވަހު އެވެ.

ސަލާހު ދިން ބޯޅައަކުން، ލުއިޒް ޑިއާޒް ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

މިއީ ބްރައިޓަންގެ ކޯޗުކަމާ 2022 ވަނަ އަހަރު ހަވާލުވި އިޓަލީގެ ރޮބާޓޯ ޑި ޒާބީ ހަވާލުވި ފަހުން، ލީގުގައި ބްރައިޓަން އަތުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕަށް ހޯދުނު ފުރަތަމަ މޮޅެވެ. މި ސީޒަނަށް ފަހު، ލިވަޕޫލް ދޫކޮށްލަން ކްލޮޕް ނިންމާފައިވާއިރު، އެ ޓީމަށް ގެންނަން މަސައްކަތްކުރާ ކޯޗުންގެ ތެރޭގައި ޑި ޒާބީގެ ނަން ހިމެނެ އެވެ.