Advertisement

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލި މައްސަލައިގައި އެ ރަށުގައި ބޮޑު އިހުތިޖާޖެއް

31 މާރިޗު 2024 - 20:28 0

އަމަން ހަލީމް

އަމަން ހަލީމް

މަގޫދޫގައި މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން


މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލި މައްސަލައިގައި އެ ރަށުގައި ބޮޑު އިހުތިޖާޖެއް

31 މާރިޗު 2024 - 20:28 0

ކުރީ ސަރުކާރުން ފެށި ފ. މަގޫދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ބުނެ އެ ރަށުގައި މިއަދު ބޮޑު އިހުތިޖާޖެއް ކޮށްފި އެވެ.

މިހާރު ކުރިއަށްދާ މި އިހުތިޖާޖުގައި ފައިމަގުންނާއި ސައިކަލުގައި އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ. މި އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުން ދިޔައީ އެއާޕޯޓުގެ މަސައްކަތް އަލުން ފެށުމަށާއި ރަށްރަށުގެ މެދުގައި ތަފާތުކުރުން ނައްތާލާށެވެ.

މި މައްސަލައިގައި މަގޫދޫ ރައްޔިތުން އިހުތިޖާޖު ކުރަން ފެށީ، އެއާޕޯޓުގެ މަސައްކަތް ހުއްޓާލި ފަހުން، އެ ރަށާ ހަތް ވަރަކަށް ކިލޯމީޓަރު ދުރުމިނުގައި އޮންނަ ނިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރަން ސަރުކާރުން އިއުލާންކުރުމާ ގުޅިގެންނެވެ.

އެ ރަށުން ބުނަނީ އެއާޕޯޓުގެ މަސައްކަތް އަލުން ފަށަން ދެން ސިލްސިލާކޮށް އިހުތިޖާޖު ކުރަމުން ގެންދާނެ ކަމަށެވެ. ރެ އާއި ކުރިން ރޭ ވެސް އެ ރަށު ރައްޔިތުން އެއާޕޯޓު ސަރަހައްދަށް އެއްވެ އަޑުއުލާފައިވެ އެވެ.

މަގޫދޫ ކައުންސިލުގެ ރައީސް މީގެ ކުރިން "އަދަދު" އަށް ބުނި ގޮތުގައި އެއާޕޯޓުގެ މަސައްކަތް ހުއްޓާލީ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި އެވެ. އަދި އެ މަޝްރޫއާ ގުޅޭ ގޮތުން ސަރުކާރުން ކަނޑައަޅާ ގޮތެއް ސާފުކުރަން ރައީސް އޮފީހަށް ފޮނުވި ސިޓީތަކުގެ ޖަވާބު ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލި ކަމަށް ބުނާ ވާހަކަތައް ސަރުކާރާއި އެމްޓީސީސީން ދޮގުކުރެ އެވެ. ނަމަވެސް އެ ރަށު ކައުންސިލާއި ރައްޔިތުން ވަނީ އެއާޕޯޓުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަން ކަށަވަރުކޮށްދީފަ އެވެ.

ނިލަންދޫގައި އެއާޕޯޓެއް އަޅަން ނިންމާ އެ މަސައްކަތް ވެސް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާ އެވެ. އޭރު ސަރުކާރާއި އެ ކުންފުނިން ބުނީ މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓަކާއި ސިނާއީ ރަށަކުން 30 މިނިޓު ދަތުރުކޮށްފައި ދެވޭ ދުރުމިނުގައި އެއާޕޯޓެއް އަޅަން ގެންގުޅޭ ސިޔާސަތުގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށެވެ.

އެކަމަކު މަގޫދޫއަކީ ނިލަންދޫން ފުރައިގެން 30 މިނިޓަށް ވުރެ ކުރު ދަތުރެއް ކޮށްފައި ދެވޭ ރަށެކެވެ.

މަގޫދޫގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓަކީ 230 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޖެޓު ޖެއްސޭ ފެންވަރަށް، ޖެޓު ކްރޫއިންނަށް ހާއްސަ ހޮޓަލަކާއި އެހެނިހެން އިންތިޒާމުތައް ހިމެނޭ އެއާޕޯޓެކެވެ.