Advertisement

ކުރިމަގާ މެދު ޑި ޒާބީ އަދި ވަކި ގޮތެއް ނުނިންމާ

1 އޭޕްރީލް 2024 - 12:44 0


ކުރިމަގާ މެދު ޑި ޒާބީ އަދި ވަކި ގޮތެއް ނުނިންމާ

1 އޭޕްރީލް 2024 - 12:44 0

ލަންޑަން (އޭޕްރީލް 1) - ބްރައިޓަންގެ ކޮންޓުރެކްޓް އާކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި ކުރިމަގާމެދު ގޮތެއް ނިންމާނީ އެ ކްލަބާއެކު މަޝްވަރާކުރުމަށް ފަހު ކަމަށް ބްރައިޓަންގެ ކޯޗު އިޓަލީގެ ރޮބަޓް ޑި ޒާބީ ބުނެފި އެވެ.

ލިވަޕޫލަކީ ޑި ޒާބީ ގެންދަން އެންމެ ޝައުގުވެރިވާ އެއް ކްލަބު ކަމަށް ވަނީ އަޑުއަރައިފަ އެވެ. ލިވަޕޫލުން އާ ކޯޗެއް ހޯދަން މަސައްކަތް ފަށާފައިވަނި މި ސީޒަނަށް ފަހު ޔާގަން ކްލޮޕް އެ ޓީމުގެ ކޯޗުކަމުން ވަކިވާން ނިންމާފައިވާތީ އެވެ.

ޑި ޒާބީ، 44، ބްރައިޓަންއާ އެކު ހަދާފައިވާ ކޮންޓުރެކްޓް ހަމަވާނީ 2026 ވަނަ އަހަރެވެ. އެކަމަކު، މީޑިއާއާ ވާހަކަދައްކަމުން ޑި ޒާބީ ބުނީ ކުރިމަގާމެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އަދި ގޮތެއް ނިންމާނީ ކޮންޓުރެކްޓް އާކުރުމާ ގުޅޭގޮތުން ބްރައިޓަންގެ ވެރިންނާ ވާހަކަ ދެއްކުމަށްފަހު ކަމަށެވެ.

"އަހަރެން ބޭނުންވަނީ ބްރައިޓަންގެ ވެރިޔާ (ޓޯނީ) ބްލޫމްއާ ވާހަކަދައްކަން ކޮންޓުރެކްޓް އާކުރުމާއި އެ ކްލަބުގެ ޕްލޭންތަކާ ގުޅޭގޮތުން. އެއަށްފަހު ގޮތެއް ނިންމާނީ،" ޑި ޒާބީ ބުންޏެވެ.

ޑި ޒާބީގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަން ބްރައިޓަން ނިންމާލީ ހަ ވަނައިގަ އެވެ. މިދިޔަ ސީޒަންގެ ހަ ވަނަ މަގާމާ އެކު، ބްރައިޓަން ވަނީ އެ ކްލަބުގެ 112 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވެފަ އެވެ.

ލީގުގައި ރޭ ލިވަޕޫލް ދަނޑުގައި ބްރައިޓަން އިން ލީޑުނެގި ނަމަވެސް އެ ޓީމު ވަނީ 2-1 އިން ބަލިވެފަ އެވެ. މިއީ ޑި ޒާބީ ހަވާލުވި ފަހުން، ލީގުގައި ބްރައިޓަން އިން ލިވަޕޫލް އަތުން ބަލިވި ފުރަތަމަ ފަހަރެެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގައި ބްރައިޓަން މި ވަގުތު އޮތީ ނުވަ ވަނައިގަ އެވެ.