31 މާރިޗު 2024 - 08:41 0
31 މާރިޗު 2024 - 08:41 0
މިއުނިކް (މާޗް 31) - ޖަރުމަނު ލީގުގެ އެއް ވަނައިގައި ބަޔާ ލެވަކޫސަނުން 13 ޕޮއިންޓުގެ ލީޑެއް ނެގުމާ އެކު، ރޭ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް އަތުން ބަލިވި ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް އެ ޓީމަށް ލީގު ދިފާއުނުކުރެވޭނެ ކަމަށް އެއްބަސްވެއްޖެ އެވެ.
ލެވަކޫސަނުން ފަހު ވަގުތު ގޯލު ޖަހައި، 2-1 އިން ހޮފެންހައިމް ބަލިކުރި ފަހުން، ބަޔާން ކުޅެން ނުކުތް މެޗުން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ޑޯޓްމަންޑް އަތުން ބަލިވެފަ އެވެ.
ލީގުގެ އެއް ވަނައިގައި ލެވަކޫސަން އޮތީ 27 މެޗުން 73 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަޔާން އަށް 27 މެޗުން ވަނީ 60 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ސްޓުޓްގާޓް އަށް 26 މެޗުން ވަނީ 56 ޕޮއިންޓް ލިބިފަ އެވެ. ޑޯޓްމަންޑުން ހަތަރެއްގައި އޮތީ، 27 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ.
އެންމެ ފަހުން، 10 އަހަރު ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދި ބަޔާން އަށް މި ފަހަރުގެ ލީގު ހޯދިދާނެތޯ ސުވާލުކުރުމުން އެ ޓީމުގެ ކޯޗު ޓުޗެލް ބުނީ އެ ފުރުސަތު މިހާރު ނެތް ކަމަށެވެ.
"މި މެޗަށް ފަހު ދެން ޕޮއިންޓްތައް ގުނުމުގެ ބޭނުމެއް ނެތް. ކިހާ ވަރެއް މިހާރު ފަރަގަކީ؟ އަހަރެން ބޭނުމީ ލެވަކޫސަން އަށް މަރުހަބާ ކިޔަން،" މި ސީޒަނަށް ފަހު ބަޔާން ދޫކޮށްލަން ނިންމާފައިވާ ކޯޗު ޓުޗެލް ބުންޏެވެ.
ކުރިން ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ބުުނީ، ހަގީގަތުގައި އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެއް ލެވަލެއްގައި މެޗުތަކުގައި ނުކުޅެވުމުގެ މައްސަލަ ކަމަށެެވެ.
ލީގުގައި ބާކީ އޮތް ހަތް މެޗަށް ނުކުންނައިރު، ބަޔާންގެ އަޒުމަކަށްވާނީ ޗެމްޕިއަންސް ލީގުގައި ނަތީޖާ ނެރެން ބޭނުންވާ ވަރަށް ޓީމުގެ ކުޅުމުގެ ފެންވަރު މައްޗަށް ޖެއްސުމަށް ލީގުގެ ބޭނުންހިފުން ކަމަށެވެ.
ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ އަށް މިއީ އުފާވެރި ހަފްތާއެކެވެ. ބަޔާން މިއުނިކާއި ލިވަޕޫލްގެ ކޯޗަކަށް ވާން ލިބުނު ހުށަހެޅުންތައް ދޫކޮށްލައި، ލެވަކޫސަންގައި މަޑުކުރަން އަލޮންސޯ ނިންމި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެ، މި ވަނީ، ސީޒަނުގައި ބަލިނުވެ، 39 ވަނަ މެޗު ފުރިހަމަ ކޮށްފަ އެވެ.
ލެވަކޫސަނުން މަސައްކަތް ކުރަމުން އަންނަނީ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލީގު ތަށި އުފުލާލުމަށެެވެ. ލެވަކޫސަން ވަނީ މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ލީގުގެ ދެ ވަނައިގައި ނިންމާލައިފަ އެވެ. އެންމެ ފަހުން، އެ ޓީމު ލީގުގެ ދެ ވަނައިގައި ނިންމާލީ 2010-2011 ވަނަ ސީޒަނުގަ އެވެ.
Comment