Advertisement

ރަފީނިއާގެ ގޯލުން ބާސެލޯނާ އަށް މޮޅެއް

31 މާރިޗު 2024 - 08:41 0

ލަނޑު ޖެހުމަށް ފަހު ރަފީނިއާ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ރަފީނިއާގެ ގޯލުން ބާސެލޯނާ އަށް މޮޅެއް

31 މާރިޗު 2024 - 08:41 0

ބާސެލޯނާ (މާޗް 31) - ސްޕެނިޝް ލީގުގައި ރޭ ރަފީނިއާ ޖެހި ގޯލުން ބާސެލޯނާ އިން 1-0 އިން ލަސް ޕަލްމާސް ބަލިކޮށް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު ފަރަގު ކުޑަކޮށްފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 29 މެޗުން 72 ޕޮއިންޓް ލިބިފަ އެެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 30 މެޗުން 67 ޕޮއިންޓް ލިބިފަ އެެވެ. ތިން ވަނައިގައި އޮތް ޖިރޯނާ އަށް ވަނީ 29 މެޗުން 62 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބާސެލޯނާ އިން ވަނީ މެޗުގެ ފަސް ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު އެ ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. މެޗުގެ 19 ވަނަ މިނިޓްގައި، ބާސެލޯނާގެ ރަފީނިއާ ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ޗެކްކޮށް، ބަަލައިނުގަންނަން ނިންމައިފަ އެވެ.

ލަސް ޕަލްމާސް އަށް މެޗުގައި މައްސަލަ ދިމާވީ، 24 ވަަނަ މިނިޓްގައި އެ ޓީމުގެ ގޯލްކީޕަރު އަލްވާރޯ ވެލާސް އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މިއީ ރަފިނިއާ އަށް ކުރި ފައުލަކަށް ދެއްކި ރަތް ކާޑެކެވެ.

ބާސެލޯނާ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖެހީ 59 ވަަނަ މިނިޓްގަ އެވެ. މިއީ ޖޮއާއޯ ފެލިކްސް ދިން ބޯޅައަކުން ރަފީނިއާ ޖެހި ގޯލެކެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ލަސް ޕަލްމާސް ކޮޅަށް އިތުރު ގޯލެއް ޖަހަން ބާސެލޯނާ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

ސްޕެނިޝް ލީގުގައި ރޭ ސާޖިއޯ ރާމޯސް ފަސް ވަނަ މިނިޓްގައި ޖެހި ގޯލުން ސެވިއްޔާ އިން ގެޓަފޭ އަތުން 1-0 އިން މޮޅުވި އެވެ. އެ މެޗުގައި ގެޓަފޭ އިން ސެވިއްޔާގެ އަކޫނިއާ އާއި ކޯޗިން ސްޓާފުންނާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ހޫނުވި އެވެ. އެކަމާ މެދު ސެވިއްޔާ އިން ވަނީ ވަރަށް ބޮޑަށް ނުރުުހުންފާޅުކޮށްފަ އެވެ.