Advertisement

ޔުނައިޓެޑާއި ޗެލްސީ އަށް މޮޅެއް ނުލިބުނު

31 މާރިޗު 2024 - 08:40 0


ޔުނައިޓެޑާއި ޗެލްސީ އަށް މޮޅެއް ނުލިބުނު

31 މާރިޗު 2024 - 08:40 0

ލަންޑަން (މާޗް 31) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން ރޭ ކުޅުނު މެޗުތަކުން ލީޑުނެގި ނަމަވެސް މޮޅެއް ނުލިބި އެއްވަރުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޗެލްސީ ވަނީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ބާންލީއާ 2-2 އިން އެއްވަރުވެފަ އެވެ. ބްރެންޓްފޯޑް ދަނޑުގައި ޔުނައިޓެޑް އެއްވަރުވީ 1-1 އިންނެވެ.

ލީގުގެ 11 ވަނައިގައި އޮތް ޗެލްސީން ރޭ ލީޑުނެގީ ކޯލް ޕާމާ ޖެހި ޕެނަލްޓީންނެވެ. މިއީ، 40 ވަނަ މިނިޓްގައި، ޗެލްސީގެ މިކައިލޯ މުޑްރިކް އަށް ބާންލީގެ ލޮރެންޒް އަސައިނޯން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

އެ ފައުލަށް އަސައިނޯން އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކިއިރު، އެކަމާ ހިތްހަަމަނުޖެހުން ފާޅުކުރި ގޮތުން، ބާންލީގެ ކޯޗު، ވިންސެންޓް ކޮމްޕެނީ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. މެޗުގެ ބާކީ ބައިގައި އެ ޓީމަށް ބެންޗުން އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު، ކްރެއިގް ބެލަމީ އެވެ.

ޕާމާގެ ޕެނަލްޓީން ޗެލްސީން ލީޑުގައި ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެ ވަނަ ހާފުގައި ކުޅެން އަރައި ބާންލީން ދެ މިނިޓް ތެރޭ އެއްވަރުކުރި އެވެ. ބަދަލަކަށް ކުޅެން އެރި ޖޯޝް ކުލެން ވަނީ ގޯލު ޖަހައިފަ އެވެ. އަނެއްކާ ވެސް ހިތްވަރުކޮށް، ޗެލްސީން ވަނީ ޕާމާ ޖެހި ދެ ވަނަ ގޯލުން އަލުން ލީޑުނަގައިފަ އެވެ. އަދި އިތުރު ގޯލު ޖަހަން ވެސް ފުރުސަތު ހޯދި އެވެ. އެކަމަކު، ބޭނުމެއް ނުކުރެވުނެވެ.

ޗެލްސީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


ބާންލީ އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ، މެޗު ނިމެން ނުވަ މިނިޓަށް ވެފައިވަނިކޮށް، ޑަރާ އޯޝެއާ ޖެހި ގޯލުންނެވެ. މިއީ، ކުލެން ނެގި ކޯނަރަކުން އޯޝެއާ ބޮލުން ޖެހި ގޯލެކެވެ. އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ބާންލީ މޮޅުކޮށްދޭން އެ ޓީމުގެ ފޯވާޑް ޖޭ ރޮޑްރިގޭޒް ބޮލުން ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ.

މެޗަށް ފަހު، ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ނަތީޖާއާ މެދު ކަންބޮޑުވުން ފާޅުކޮށް، ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބްރެންޓްފޯޑުން ރަނގަޅަށް ކުޅެ ގޯލެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އެ ގޮތުން، ފުރަތަމަ ހާފުގައި ބްރެންޓްފޯޑްގެ އައިވާން ޓޯނީ އާއި ޖޯގެންސަން ޖެހި ބޯޅަތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ދެ ވަނަ ހާފުގައި ކުޅެން އަރައި، ބްރެންޓްފޯޑްގެ ބްރަޔާން އެމްބުއޭމޯ ޖެހި ބޯޅައެއް ވެސް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. ފަހުން، އެމްބުއޭމޯ ދިން ބޯޅައަކުން ޓޯނީ ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ބަލައި، އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ބްރެންޓްފޯޑުން ފުރުސަތުތަކުގެ ބޭނުންނުހިފުމުގެ ނަތީޖާ އަކަށްވީ، އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި މޭސަން މައުންޓް ލަނޑެއް ޖަހައި ޔުނައިޓެޑަށް ލީޑުނަގައިދިނުމެވެ. މިއީ، ޗެލްސީ ދޫކޮށް ޔުނައިޓެޑަށް ބަދަލުވި ފަހުން މައުންޓް ޖެހި ފުރަތަމަ ގޯލެވެ. އަނިޔާގެ ސަބަބުން މި ސީޒަނުގައި އަދި މައުންޓަށް އެންމެ ރަނގަޅު ކުޅުން ނުދެއްކެ އެވެ. ޔުނައިޓެޑަށް މޮޅެއް ނުހޯދުނީ، އިތުރު ވަގުތުގެ ނުވަ ވަނަ މިނިޓްގައި ކްރިސްޓޮފް އާުޔާ ގޯލެއް ޖަހައި، ބްރެންޓްފޯޑަށް އެއްވަރުކޮށްދިނުމުންނެވެ.

މި ނަތީޖާއާ އެކު، ޔުނައިޓެޑް ލީގުގެ ހަ ވަނައިގައި އޮތީ 29 މެޗުން 48 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތީ ރޭ ފަހަތުން އަރައި، ލޫޓަން ޓައުން އަތުން 1-0 އިން މޮޅުވި، ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ޓޮޓެންހަމް އަށް ވަނީ 29 މެޗުން 56 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އެސްޓަން ވިލާ ވަނީ 2-0 އިން ވުލްވްސް ބަލިކޮށްފަ އެވެ. އެސްޓަން ވިލާ އަށް ވަނީ 30 މެޗުން 59 ޕޮއިންޓް ލިބިފަ އެެވެ.

ރޭ ކުޅުނު އެންމެ ފޯރިގަދަ މެޗަކީ، ނިއުކާސަލް ޔުނައިޓެޑުން ފަހަތުން އަރައި، 4-3 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރި މެޗެވެ. ނިއުކާސަލް އަށް ވަނައިގައި އޮތްއިރު، ވެސްޓް ހޭމް އޮތީ ހަތް ވަނައިގަ އެވެ. ނިއުކާސަލް އަށް 29 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ވެސްޓް ހޭމަށް ވަނީ 30 މެޗުން 44 ޕޮއިންޓް ލިބިފަ އެވެ.