Advertisement

ޑޯޓްމަންޑުން ބަޔާން ބަލިކުރުމުން ފަހު ވަގުތު މޮޅުވި ލެވަކޫސަން ތަށްޓާ ގާތަށް

31 މާރިޗު 2024 - 01:24 0

ލެވަކޫސަންގެ ޝިކް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ


ޑޯޓްމަންޑުން ބަޔާން ބަލިކުރުމުން ފަހު ވަގުތު މޮޅުވި ލެވަކޫސަން ތަށްޓާ ގާތަށް

31 މާރިޗު 2024 - 01:24 0

މިއުނިކް (މާޗް 31) - ޖަރުމަނު ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑުން 2-0 އިން ބަޔާން މިއުނިކް ބަލިކުރުމާ އެކު، ލީގުގެ އެއް ވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ލިބުނު ބަޔާ ލެވަކޫސަން ލީގު ތަށްޓާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

އިތުރު ވަގުތުގައި ޖެހި ގޯލުން 2-1 އިން ހޮފެންހައިމް އަތުން މޮޅުވެ، ލީގުގެ އެއް ވަނައިގައި ލެވަކޫސަން އޮތީ 27 މެޗުން 73 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަޔާން އަށް 27 މެޗުން ވަނީ 60 ޕޮއިންޓް ލިބިފަ އެވެ.

ތިން ވަނައިގައި އޮތް ސްޓުޓްގާޓް އަށް 26 މެޗުން ވަނީ 56 ޕޮއިންޓް ލިބިފަ އެވެ. ޑޯޓްމަންޑުން ހަތަރެއްގައި އޮތީ، 27 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ.

ލެވަކޫސަނުން ފުރަތަމަ ކުޅުނުއިރު، އެ ޓީމު އޮތީ މެޗުގެ 88 ވަނަ މިނިޓާ ހަމައަށް އެއް ގޯލު ފަހަތުގަ އެވެ. އެއީ، 33 ވަަނަ މިނިޓްގައި މެކްސިމިލިއަން ބައިއާ ޖެހި ގޯލުންނެވެ. ލެވަކޫސަނުން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުވީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ހުއްޓަ އެވެ. މި ލަނޑު ޖެހީ، ރޮބާޓް އެންޑްރިޗް އެވެ. އަދި އިތުރު ވަގުތުގެ އެއް ވަނަ މިނިޓްގައި ޕެޓްރިކް ޝިކް ވަނީ ގޯލު ޖަހައި، ލެވަކޫސަނަށް މެޗުގެ ތިން ޕޮއިންޓް ހޯދައިދީފަ އެވެ.

ޗެކް ރިޕަބްލިކްގެ ފޯވާޑް، ޝިކް އަކީ މި ސީޒަނުގައި ފަހު ވަގުތު ލެވަކޫސަނަށް ނަތީޖާ ނެރެދިނުމުގައި ތަފާތު ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.

މިއީ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ އަށް ވެސް ހިތްހަމަޖެހުން ލިބޭނެ ނަތީޖާއެކެވެ. ބަޔާން މިއުނިކާއި ލިވަޕޫލުން ލިބުނު ހުށަހެޅުންތައް ދޫކޮށްލައި، ލެވަކޫސަންގައި މަޑުކުރަން އަލޮންސޯ ނިންމި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެ، މި ވަނީ، ސީޒަނުގައި ބަލިނުވެ، 39 ވަނަ މެޗު ފުރިހަމަ ކޮށްފަ އެވެ.

ބަޔާންގެ ކޭން (ކ) ޑޯޓްމަންޑްގެ އަޑެޔޭމީ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ


ލެވަކޫސަން މޮޅުވުމާ އެކު ޕްރެޝަރުގައި މެޗު ފަށަން ޖެހުނު، ބަޔާން ކޮޅަށް ޑޯޓްމަންޑް އިން 10 ވަނަ މިނިޓްގައި ލީޑުނެގި އެވެ. ރަށުންބޭރުގައި ޑޯޓްމަންޑަށް މި ލަނޑު ޖަަހައިދިނީ ކަރީމް އަޑެޔޭމީ އެވެ.

ބަޔާނުން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގެ ހުރަހަކަށްވެ، އެންމެ މޮޅު ކުޅުމެއް ޑޯޓްމަންޑް ފަހަތުގައި ހުރެ، ދައްކައިދިނީ މެޓް ހަމެލްސް އެވެ.

ޑޯޓްމަންޑުން ކައުންޓަ އެޓޭކުގައި ދެ ވަނަ ލަނޑު ޖެހީ، 83 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ ފުލްބެކް، ޖޫލިއަން ރިޔާސަން މި ލަނޑު ޖެހީ، އޭރިއާތެރެއިން ސަބެސްޓިއަން އަލެއާ ދިން ބޯޅައަކުންނެވެ. އަނިޔާ އިން ރަނގަޅުވެ، މި މެޗަށް އެނބުރި އައި، ބަޔާންގެ އިނގިރޭސި ފޯވާޑް، ހެރީ ކޭން ވަނީ ފުރިހަމަ ވަގުތުގެ ފަހު މިނިޓްގައި ބޮލުން ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ރެފްރީން ނިންމީ އޮފްސައިޑް ކަމަށެވެ.

މިއީ، 2019 ވަނަ އަހަރުގެ ޖަރުމަނު ސުޕަ ކަޕްގައި، ބަޔާން ބަލިކުރި ފަހުން، އެ ޓީމު އަތުން ޑޯޓްމަންޑް ހޯދި ފުރަތަމަ މޮޅެވެ. މި ނަތީޖާއާ އެކު، ބަޔާންގެ ކޯޗަކަށް ހުރި، ތޯމަސް ޓުޗެލް އަށް މަގާމުގައި ދެމިހުންނަން ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.