Advertisement

ޑޯޓްމަންޑް މެޗަށް ކޭން ފިޓް

30 މާރިޗު 2024 - 10:22 0


ޑޯޓްމަންޑް މެޗަށް ކޭން ފިޓް

30 މާރިޗު 2024 - 10:22 0

މިއުނިކް (މާޗް 30) - ޖަރުމަނު ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ބަޔާން މިއުނިކް ކުޅޭ މެޗަށް އެ ޓީމުގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ފިޓްވެފައިވާ ކަމަށް ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

މި މަހު 16 ވަނަ ދުވަހު ޖަރުމަނު ލީގުގައި ޑަމްސްޓަޑް އަތުން ބަޔާން މޮޅުވި މެޗުގައި ކޭންގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ބަދަލުކުރި އެވެ. އެ އަނިޔާއާ ހެދި، އިނގިރޭސި ގައުމީ ޓީމުގެ މެޗުތައް ވެސް ކޭން އަށް ގެއްލުނެވެ. ކޭން ވަނީ އިނގިރޭސި ސްކޮޑުގައި ހިމެނުނު ނަމަވެސް ފަހުން، ލިސްޓުން އަމިއްލަ އަށް އެދިގެން ވަކިވެފަ އެެވެ.

ޖަރުމަނު ލީގުގައި މިރޭ ޑޯޓްމަންޑާ ދެކޮޅަށް ބަޔާން ކުޅޭ މެޗުގެ ކުރިން މީޑިއާ އަށް މައުލޫމާތު ދެމުން ޓުޗެލް ބުނީ، މެޗު ކުޅެވޭ ވަރަށް ކޭންގެ ފިޓްނަސް ރަނގަޅުވެފައިވާ ކަމަށެވެ.

"ކޭން ފިޓް، އޭނަ (ޑޯޓްމަންޑާ ދެކޮޅަށް އޮތް މެޗުގައި) ކުޅޭނެ،" ޓުޗެލް ބުންޏެވެ.

ބޮޑު އަގުގައި ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށް މި ފަހަރު ބަޔާންއާ ގުޅުނު ކޭން ވަނީ ސީޒަނުގައި ހުރިހާ މުބާރާތެއްގައި މިހާތަނަށް 35 މެޗުން 37 ގޯލު ޖަހަައިފަ އެވެ. މީގެ ތެރެއިން، 31 ގޯލަކީ، ލީގުގެ 26 މެޗުގައި ޖަހާފައިވާ ލަނޑުތަކެވެ.

ކޭން، ބަނީ މިދިޔަ ނޮވެމްބަރު މަހު، ޑޯޓްމަންޑް އަތުން ބަޔާން މޮޅުވި މެޗުގައި، ހެޓްރިކެއް ހަދައިފަ އެވެ.

އަނިޔާ އަށް ފަހު، ޑޯޓްމަންޑް މެޗަށް ކޭން ފިޓްވި ނަމަވެސް، ބަޔާންގެ އެއް ވަނަ ގޯލްކީޕަރު، މެނުއަލް ނޯޔާ އަށް މި މެޗު ގެއްލޭނެ އެވެ. ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ، އަލުން ކުޅުމަށް އެނބުރި އަންނަން ނޯޔާ އަށް ހަފްތާއެއް ނަގާނެ އެވެ.