Advertisement

ރައީސް މުއިއްޒު ފުލުހުންނާ ވެސް ބައްދަލު ކުރައްވައިފި

29 މާރިޗު 2024 - 15:18 0

ރޭގެ ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ: މިދިޔަ ބުދަ ދުވަހު ރައީސް ވަނީ ސިފައިންނާ ވެސް ބައްދަލު ކުރައްވައިފަ -- ފޮޓޯ: ޕޮލިސް


ރައީސް މުއިއްޒު ފުލުހުންނާ ވެސް ބައްދަލު ކުރައްވައިފި

29 މާރިޗު 2024 - 15:18 0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުދަ ދުވަހު ސިފައިންނާ ބައްދަލު ކުރެއްވުމަށްފަހު ރޭ އަނެއްކާ ފުލުހުންނާ ވެސް ބައްދަލު ކުރައްވައިފި އެވެ.

ރައީސް ފުލުހުންނާ ބައްދަލު ކުރެއްވީ ރޭ އިސްކަންދަރު ކޮށީގައި ބޭއްވި ޖަލްސާއެއްގަ އެވެ. އެމަނިކުފާނު ވަނީ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވައިފަ އެވެ. ނަމަވެސް އެ ޖަލްސާ އާންމުކޮށްފައެއް ނުވެ އެވެ.

ރައީސްގެ ވާހަކައިގައި، ފުލުހުން ދޭ ހިދުމަތް ރައްޔިތުންނާ ގާތުން ލޯބިން ދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށް ފުލުހުން ބުނެ އެވެ. އަދި ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް ކުރިއަށް ރާވާފައި ހުރި ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވާހަކަ ދެއްކެވި ކަމަށް ފުލުހުން ބުނެ އެވެ. އޭނާގެ ވާހަކައިގައި، ގޭންގުތަކާއި މަސްތުވާތަކެތީގެ ނުރައްކަލުން ގައުމު ސަލާމަތް ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ފުލުހުން ބުނެ އެވެ.

މިދިޔަ ބުދަ ދުވަހު ސިފައިންނާ ބައްދަލުކޮށް ރައީސް ވަނީ ފިކުރީގެ ހަނގުރާމައިގެ ނުރައްކަލުގެ މައްޗަށް އަލިއަޅުއްވާލައި ވާހަކަ ދައްކަވައިފަ އެވެ. އަދި އެކަމަށް ސަމާލުވެ ކޮންމެ ސިފައިންގެ މީހެއް ވެސް މަސައްކަތް ކުރުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

ސިފައިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް އެމަނިކުފާނު ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަމުން ވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި ސިފައިންގެ ގާބިލްކަން އިތުރުކޮށް ސިފައިންގެ ވެލްފެއާގެ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.