Advertisement

ކްރޫސް އިތުރު އެއް އަހަރަށް ރެއާލްގައި މަޑުކުރަން ނިންމައިފި

29 މާރިޗު 2024 - 14:57 0


ކްރޫސް އިތުރު އެއް އަހަރަށް ރެއާލްގައި މަޑުކުރަން ނިންމައިފި

29 މާރިޗު 2024 - 14:57 0

މެޑްރިޑް (މާޗް 29) - މި ސީޒަނުގެ ނިޔަލަށް ރެއާލް މެޑްރިޑާ އެކު ކޮންޓްރެކްޓްގައި ހުރި ޖަރުމަނުގެ މިޑްފީލްޑަރު، ޓޯނީ ކްރޫސް އެ ކްލަބްގައި އިތުރު އެއް އަހަރަށް މަޑުކުރަން ނިންމައިފި އެވެ.

އެކާވީސް ވަނަ ގަރުނުގައި ދުނިޔޭގައި ފެނުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކްރޫސް، 34، ރެއާލާ އެކު ހަދާފައިވާ ކޮންޓްރެކްޓް އޮތީ މި ސީޒަނުގެ ނިޔަލަށެވެ. ކްރޫސްގެ މުސްތަގުބަލާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދެކެވެމުން އަންނައިރު، މިހާރު އޭނާ ވަނީ ގޮތެއް ނިންމައިފަ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކްރޫސް، ރެއާލާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރާނެ އެވެ. އެ ގޮތުން، ކްރޫސް ސޮއިކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓެއްގަ އެވެ.

ޖަރުމަނު ގައުމީ ޓީމުން ރިޓަޔާކުރަން ނިންމި ނިންމުން ތިން އަހަރަށް ފަހު ބަދަލުކޮށް، ކްރޫސް ވަނީ ދާދި ފަހުން ޖަރުމަނު ޓީމަށް އަލުން ކުޅެފަ އެވެ. ޖަރުމަނަށް އަލުން ކުޅުނު ދެ މެޗުގައި ވެސް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ކްރޫސް އަށް، މި ފަހަރު ޖަރުމަނުން ހޯސްޓް ކުރާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ތަފާތު ދެއްކޭނެ ކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ގަބޫލުކުރެ އެވެ.

ބަޔާން މިއުނިކް ދޫކޮށް 2014 ވަނަ އަހަރު ކްރޫސް އެންމެ ފުރަަތަމަ ގުޅެން މަޝްވަރާކުރީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. އެކަމަކު، ފަހުން، ރެއާލްގެ ކޯޗަކަށް ހުރި ކާލޯ އަންޗެލޮޓީގެ އެދުމަށް އެ ޓީމުން ކްރޫސް ހޯދުމުގެ ރޭހަށް ވަނެވެ. އަދި ހަ އަހަރުގެ ކޮންޓްރެކްޓެއްގައި ކްރޫސްގެ ސޮއި ހޯދީ ޖުމްލަ އެކު 35 މިލިއަން ޑޮލަރު ދައްކައިފަ އެވެ.

ރެއާލާ އެކު ކްރޫސް ކޮންޓްރެކްޓް އާ ކުރަން ނިންމީ ވެސް އަންޗެލޮޓީއާ މަޝްވަރާކޮށްފަ އެވެ.

މި ސީޒަނުގައި މިހާތަނަށް ރެއާލްގެ 38 މެޗުގައި ކުޅުނު ކްރޫސް ވަނީ އެއް ގޯލު ޖަހައި، ހަތް ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.