Advertisement

ރައީސްގެ ހައްލަކީ ޕާޓީ ކެންޑިޑޭޓް ފަހަތަށް ޖެހި "ސަރުކާރު ކެންޑިޑޭޓަށް" ފުރުސަތު ދިނުން

29 މާރިޗު 2024 - 11:41 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ޒަމީޒުގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަދައްވަނީ. ފޮޓޯ:އިޔާދު އަބްދުލް ވައްހާބް/އަދަދު


ރައީސްގެ ހައްލަކީ ޕާޓީ ކެންޑިޑޭޓް ފަހަތަށް ޖެހި "ސަރުކާރު ކެންޑިޑޭޓަށް" ފުރުސަތު ދިނުން

29 މާރިޗު 2024 - 11:41 0

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން އަންނަ އޭޕްރިލް މަހު ބާއްވާ އިންތިހާބަށް ވެރިކަން ކުރާ ޕީއެންސީން ޓިކެޓް ދީފައިވާ 90 ވަރަަކަށް ކެންޑިޑޭޓުން ތިބި އިރު އޭގެ ތެރެއިން އަށެއްކަ ކެންޑިޑޭޓުންގެ ބަދަލުގައި ސަރުކާރުން ތާއީދުކުރަމުން އަންނަނީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ތަކަކަށެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ރޭ ގެނެސްދިން ހާއްސަ އިންޓަވިއުއެއްގައި، އެ މައްސަލައާ ބެހޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސުވާލު ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ އެއީ "މަދު ދާއިރާތަކެއްގެ ހަގީގަތް" ކަމަށާއި ބައެއް ތަންތަނުގައި އެކަން ހައްލު ވަމުން ވެސް އަންނަ ކަމަށެވެ.

"މިސާލަކަށް އިހަކަށް ރޭ އަޅުގަނޑުމެން މައްޗަންގޮޅި މެދު ދާއިރާގެ މި ބޭއްވި ޖަގަހަ ހުޅުވުމުގެ އިވެންޓް، މިނިވަން ކެންޑިޑޭޓް ޒަމީރުގެ އިވެންޓެއް [އެއީ]. އެތަނުގައި އަޅުގަނޑުމެންގެ ޕާޓީގެ ޓިކެޓް ލިބިލެއްވި ބޭފުޅާ ފަހަތަށް ޖެހިވަޑައިގެން އޯޕެންލީ ތާއީދުކުރެއްވީ ޒަމީރަށް، އެއީ ވަރަށް ރޫހެއް ދެއްކެވި އެ ގޮނޑި ކާމިޔާބުކުރުމަށް ޓަކައި. އެގޮތަށް ހައްލު ކުރެވޭ ކަަމަށް ވަންޏާ އަޅުގަނޑުމެންނަށް ކާމިޔާބުވާނެ މިކަހަކަ މައްސަލަ ހުރި ހުރިހާ ދިމާލެއް،" ރައީސް ވިދާޅުވި އެެވެ.

ޕާޓީގެ ކެންޑިޑޭޓަކު ހުއްޓައި އެހެން ކެންޑިޑޭޓަކަށް ސަރުކާރުން ތާއީދުކުރުމުން، ވޯޓު ބައިބައިވެ، އިދިކޮޅަށް ގޮނޑި ކާމިޔާބުވެދާނެ ކަމުގެ ކަންބޮޑުވުން، ޕާޓީގެ މެމްބަރުންގެ މެދުގައި އެބަ އޮތް ކަމަށް ޕީއެސްއެމްގެ ސުވާލުގައި ބުނުމުން، ރައީސް އެވާހަކައާ ވެސް އެކަމަކު އެއްބަސްވެވަޑައިގެންނެވި އެވެ.

"ސަރުކާރުގެ ކެންޑިޑޭޓަކު ހުއްޓައި، އަމިއްލަ ގޮތުން ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ވެސް މިއީ ހަމަ ސަރުކާރުގެ ކެންޑިޑޭޓް ކަމަށް ބުނެ އެބަ ކެމްޕޭންކުރައްވަމުން ގެންދަވާ. ދެން މީގެ ސަބަބުން ވޯޓު ބައިބައިވެ، އިދިކޮޅަށް މީގެ ފައިދާ [ވެދާނެކަމަށް] ނުވަތަ އިދިކޮޅަށް އެ ވޯޓުތައް ލިބިގެން ގޮސްދާނެކަމުގެ ނުތަނަވަސްކަން ވެސް ބައެއް ސަޕޯޓަރުންގެ އެބަ އޮތް،" ޕީއެސްއެމްގެ ސުވާލުގައި ރައީސަށް ދެންނެވި އެވެ.

އެކަން އެހެން އޮތުމުން އަޅުއްވާނެ ފިޔަވަޅުތަކީ ކޮބައިތޯ ދެންނެވުމުން ރައީސް ވިދާޅުވީ އެއީ މަދު ދާއިރާތަކެއްގައި ހަގީގަތުގައި ވެސް ކަން އޮތީ އެހެން ކަަމަށެވެ. "ތިއީ މަދު ދާއިރާތަކެއްގެ ހަގީގަތް ހަމަ ތި ވިދާޅުވީ" ރައީސް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް އަށެއްކަ ދާއިރާގައި މިކަހަލަ މައްސަލަތައް އެބަ އުޅޭ، އަޅުގަނޑުމެންގެ ކެންޑިޑޭޓް ހުއްޓައި، އަޅުގަނޑުމެންގެ ތެރެއިން ޕްރައިމަރީން ބަލިވި ކެންޑިޑޭޓެއް، ނޫނިއްޔާ ޕްރައިމަރީގައި ވާދަނުކުރާ ކެންޑިޑޭޓަކު ނުކުމެ މިނިވަންކޮށް ވާދަކުރަމުންދާ މައްސަލަ، މިކަންކަން ހައްލުކުރެވޭތޯ އެބަ މަސައްކަތްކުރަން އަޅުގަނޑުމެން. ހިތާމަހުރި ކަމެއް ބައެއް ދިމަދިމާލުގައި މިގޮތަށް މިކަން ހިނގާކަން. ދެން މިސާލަކަށް މައްޗަންގޮޅި މެދު ދާއިރާގައި އެ ހައްލުވި ގޮތަށް ދެން ހުރި ދާއިރާތަކުގައި ވެސް ހައްލުވަންޏާ ވަރަށް ރަނވގަޅުވާނެ،" ރައީސް ވިދާޅުވި އެެވެ.

އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު ޕީއެންސީގައި ވެސް އެޕާޓީގެ ޕްރައިމަރީއެއް ކާމިޔާބުކޮށް ޓިކެޓް ދީފައިވާ ކެންޑިޑޭޓް ފިޔަވައި އެހެން ކެންޑިޑޭޓަކަށް ތާއީދު ހޯދަން މަސައްކަތް ކުރުމަކީ އަސާސީ ގަވައިދާ ހިލާފު ކަމެކެވެ. ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއްގައި ވެސް އެކަން އޮތީ އެހެންނެވެ.