Advertisement

ދައުލަތުގެ ބައެއް މުވައްޒަފުންނާ ގުޅުން އޮންނަ މީހުންނާއެކު ވިޔަފާރި ނުކުރޭ ގޮތަށް ހަދައި ގަވާއިދެެއް ނެރެފި

29 މާރިޗު 2024 - 11:11 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ފައިނޭންސް މިނިސްޓްރީ: އާ ގަވާއިދުގެ ދަށުން ޕްރޮކިއުމެންޓް ޑިޕާޓްމަންޓުގެ ވެރިޔާއާ ގުޅުން އޮންނަ ފަރާތްތަކާއެކު ވިޔަފާރި ނުކުރެވޭނެ -- ފޮޓޯ: އަދަދު ފައިލް


ދައުލަތުގެ ބައެއް މުވައްޒަފުންނާ ގުޅުން އޮންނަ މީހުންނާއެކު ވިޔަފާރި ނުކުރޭ ގޮތަށް ހަދައި ގަވާއިދެެއް ނެރެފި

29 މާރިޗު 2024 - 11:11 0

ދައުލަތުގެ މުވައްޒަފަކާ ގުޅުން އޮންނަ ފަރާތްތަކާއެކު ވިޔަފާރި ކުރުމުގައި އަމަލު ކުރާނެ އުސޫލުތަކާއި މުވައްޒަފަކާ ގުޅުން އޮންނަ މީހުންގެ ތެރެއިން އެއްގޮތަކަށް ވެސް ވިޔަފާރީގެ މުއާމަލާތް ނުކުރެވޭނެ ފަރާތްތައް ކަނޑައަޅައި ބުރާސްފަތި ދުވަހު ގަވާއިދެއް ނެރެފި އެވެ.

ފައިނޭންސް މިނިސްޓްރީން ގެޒެޓު ކުރި އެ ގަވާއިދުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކާ ގުޅުން އޮންނަ ފަރާތްތަކާއެކު ވިޔަފާރީގެ މުއާމަލާތެއް ހިންގޭނީ އެކަމަށް ބޭނުންވާ ހާއްސަ ހުއްދައެއް ނަގައިގެނެވެ. އަދި އެއްގޮތަކަށް ވެސް ވިޔަފާރީގެ މުއާމަލާތް ނުހިންގޭނެ ފަރާތްތައް ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

މުވައްޒަފަކާ ގުޅުން އޮންނަ މީހުންނާއެކު ވިޔަފާރީގެ ކޮންމެ މުއާމަލާތެއް ހިންގުމުގެ ކުރިން އެ ގަވާއިދުގެ ދަށުން ހާއްސަ ހުއްދަ ނަގަންޖެހެ އެވެ. ހުއްދަ ނަގަންޖެހެނީ ލިޔުމުންނެވެ.

ގަވާއިދުގައިވާ ގޮތުން ބައެއް މަގާމުތަކުގައި ތިބޭ މުވައްޒަފުންނާ ގުޅުން އޮންނަ އެއްވެސް ފަރާތްތަކާއެކު ވިޔަފާރި ކުރުމަށް ހުއްދަ ދީގެން ނުވާނެ އެވެ. އެ މުވައްޒަފުންނަކީ:

  1. ފައިސާއާ ބެހޭ ޑިޕާޓްމަންޓުގެ އެންމެ އިސް މުވައްޒަފު
  2. ޕްރޮކިއުމަންޓުގެ އެންމެ އިސް މުވައްޒަފު
  3. ބިޑު އަދި ޕްރޮކިއުމެންޓް ކޮމެޓީގެ މެންބަރުން
  4. ޕްރޮކިއުމަންޓަށް ހުއްދަ ދޭ އެގްޒެކެޓިން
  5. ބިޑު ވަޒަން ކުރާ ނުވަތަ އެކަމަށް އެހީވެދޭ މެންބަރުން
  6. ބިޑު އަދި ޕްރޮކިއުމަންޓާ ގުޅޭ އެހެނިހެން ކޮމެޓީގެ މެންބަރުން
  7. މާލީ ޒިންމާދާރު ވެރިޔާ ނުވަތަ ސެކްރެޓަރީ ޖެނެރަލް
  8. ބިޑު ނުވަތަ ޓެންޑާ ޑޮކިއުމެންޓް ތައްޔާރު ކުރުމުގައި ބައިވެރިވާ މުވައްޒަފުން

އެ މުވައްޒަފުންނާ ގުޅުން އޮންނަ ފަރާތްތަކާއެކު ވިޔަފާރީގެ މުއާމަލާތް ހިންގުން މަނާ ނަމަވެސް ކުއްލި ހާލަތްތަކުގައި މިނިސްޓްރީން ހުއްދަ ހޯދައިގެން ވިޔަފާރީގެ ގުޅުން ހިންގިދާނެ އެވެ. ކުއްލި ހާލަތެއް ކަމަށް ބެލޭނީ މާލީއްޔަތު ގަވާއިދުގައި ބުނާ ކުއްލި ހާލަތްތަކަށެވެ.

އެހެނިގެން މުވައްޒަފާ ގުޅުން އޮންނަ ފަރާތްތަކާއެކު ވިޔަފާރީގެ ގުޅުން ހިންގާ ނަމަ އެކަމަށް ހުއްދަ ދޭނެ މިންގަނޑުތައް ވެސް ގަވާއިދުގައި ބުނެ އެވެ. އެގޮތުން، ވިޔަފާރީގެ މުއާމަލާތް 35،000ރ. އަށް ވުރެ ބޮޑު ނޫން ނަމަ ހުއްދަ ދޭންޖެހެނީ މާލީ ޒިންމާދާރު ވެރިޔާ އެވެ. އަދި 35،000ރ. އިން ފެށިގެން ފަސް މިލިއަން އާ ހަމައަށް ހުއްދަ ދޭންޖެހެނީ ބިޑު ކޮމެޓީންނެވެ. މުއާމަލާތް ފަސް މިލިއަނަށް ވުރެ ބޮޑު ނަމަ ހުއްދަ ދެވޭނީ ނެޝަނަލް ޓެންޑާ ބޯޑަށެވެ.

އެ ގަވާއިދުގައިވާ ގޮތުން ގުޅުން އޮންނަަ ފަރާތެއް ކަމަށް ބަލާނީ ޕްރޮކިއުމަންޓަށް ކުރިމަތިލާފައިވާ ފަރާތުގެ "ކްލޯޒް ރިލޭޓިވް" އެއް ނުވަތަ އާއިލީ ގޮތުން ގުޅުން އޮންނަ މީހުންނަށެވެ.

އާއިލީ ގޮތުން ގުޅުން އޮންނަ މީހުން ތެރޭގައި:

  • ކައިވެނިކޮށްގެން އުޅޭ މީހާ
  • ދަރިން
  • އެއްބަނޑުއެއްބަފާ މީހުން
  • އެއްބަނޑު މީހުން
  • އެއްބަފާ މީހުން
  • ދޮންދަރިން
  • ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑު މީހުން
  • ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަފާ މީހުން
  • ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑުއެއްބަފާ މީހުން
  • އެ މުވައްޒަފެއްގެ މައިންބަފައިން

އޭގެ އިތުރުން ޕްރޮކިއުމަންޓަށް ކުރިމަތިލާފައިވާ ފަރާތާއި މުވައްޒަފަކާ ދެމެދު ވިޔަފާރީގެ ގުޅުން އޮތަސް ނުވަތަ މުވައްޒަފުގެ ކްލޯޒް ރިލޭޓިވަކަށް ވިޔަސް ބަލާނީ ގުޅުން އޮންނަ ފަރާތަކަށެވެ. އަދި ޕްރޮކިއުމަންޓަށް ކުރިމަތިލާފައިވާ ފަރާތަކީ މުވައްޒަފު މުސާރައެއް ދޭ މީހެއް ނަމަވެސް ގުޅުން އޮންނަ ފަރާތެއްގެ ގޮތުގައި ބެލޭނެ އެވެ.

މުވައްޒަފަކާ ގުޅުން އޮންނަ ފަރާތަކާއެކު ދާއިމީ ގޮތަކަށް ވިޔަފާރި ކުރަން ހުއްދަ ދީގެން ނުވާނެ ކަމަށް އެ ގަވާއިދުގައި ބުނެ އެވެ. އަދި ހުއްދަ ދިނުމުގެ ކުރިން، ޕްރޮކިއުމެންޓާއި އެހެނިހެން ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ބަރާބަރަށްތޯ ބަލަންޖެހެ އެވެ. އަދި މީގެ ކުރިން އެ މީހަކާއެކު އެ އޮފީހުން ވިޔަފާރިކޮށްފައވާ މިންވަރަށް ވެސް ބަލަންޖެހެ އެވެ.