Advertisement

ފައްޔާޒު ފުލުހަށް ހާޒިރުކުރީ ބިރުދައްކަން، މަޖިލީހުގެ މެޖޯރިޓީ ނުލިބޭތީ ސަރުކާރަށް ގޮތްހުސްވެއްޖެ: ޝާހިދު

28 މާރިޗު 2024 - 20:04 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު : އޭނާ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ގެއްލޭ މަންޒަރު ފެނި ސަރުކާރަށް ގޮތްހުސްވެއްޖެ ކަމަށް - ފޮޓޯ: އަދަދު


ފައްޔާޒު ފުލުހަށް ހާޒިރުކުރީ ބިރުދައްކަން، މަޖިލީހުގެ މެޖޯރިޓީ ނުލިބޭތީ ސަރުކާރަށް ގޮތްހުސްވެއްޖެ: ޝާހިދު

28 މާރިޗު 2024 - 20:04 1

އިދިކޮޅު ލީޑަރުން ފުލުހަށް ހާޒިރުކުރަން ފަށާފައި މިވަނީ ސަރުކާރަށް ކުރިއަށް މަޖިލިސް އިންތިހާބުގައި މެޖޯރިޓީ ނުލިބުމުގެ ފުރުސަތު ބޮޑުކަމުން، ގޮތް ހުސްވެގެން ކުރާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސިފަކުރައްވައިފި އެވެ.

އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ފުލުހަށް ހާޒިރުކުރުން ކުށްވެރިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ފައްޔާޒު ފުލުހަށް ހާޒިރުކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތެއްގައި ކަމަށެވެ.

"ސަރުކާރުން އިދިކޮޅު ސިޔާސީ ލީޑަރުންނަށް ބިރުދެއްކުމަށް ކުރަމުން ގެންދާ މަސައްކަތްތައް، ސަރުކާރު ހިންގުމުގައި މި ސަރުކާރުގެ އަމަލުތައް ހުރި ބީދައިން ކާމިޔާބެއް ނުވާނެ،" ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީގެ މަސައްކަތްތައް މަޑުޖައްސައިނުލާނެ ކަމަށާއި ޒިންމާދާރު އިދިކޮޅެއްގެ ގޮތުގައި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގައި އެ ޕާޓީ ދެމިއޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން އިއްޔެ ފައްޔާޒަށް ފޮނުވި ޗިޓުގައި ބުނެފައި އޮތީ އޭނާ ހާޒިރު ކުރާ ސަބަބަކީ އާރްޑީސީގެ ފައިސާއަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ހިޔާނާތްތެރިވެ، އެ ހިޔާނާތްތެރިވި ފައިސާއިން ފައްޔާޒަށް މާލީ މަންފާތަކެއް ލިބިފައިވާ ކަމަށް ބެލެވޭތީ ކަމަށެވެ.

ނަމަވެސް ފުލުހުން އޮފީހުން ނުކުމެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައްޔާޒްގެ ވަކީލު މަހްފޫޒް ވިދާޅުވީ ފައްޔާޒަށް ކުރެވޭ ތުހުމަތަކީ އާރްޑީސީއާއެކު ވިޔަފާރީގެ މުއާމަލާތެއް ކުރާ ކުންފުންޏަކަށް ފޮނުވި ޕޭމަންޓަކުން ލިބުމުން އެ ކުންފުނިން ފައްޔާޒްގެ އެކައުންޓަށް ފައިސާ ފޮނުވާފައިވުން ކަމަށެވެ.

"އާރްޑީސީއާ ގުޅިގެން އެ ބަލާ މައްސަލައާ ޗެއާޕާސަންއާ އެއްވެސް ގުޅުމެއް ހުރި ކަމަށް ވެސް މިއަދު ފުލުހުން އަދި މިހާތަނަށް ވިދާޅުވެފައެއް ނެތް،" ވަކީލު ވިދާޅުވި އެވެ. "ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނުކުރެވޭ، ހާޒިރު ކުރެވުނީ ވެސް ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ ހައިސިއްޔަތަކުން ނޫން."

ފައްޔާޒް ހާޒިރު ކުރީ ހަމައެކަނި މައުލޫމާތު ސާފު ކުރަން ކަމަށް ފުލުހުން ބުނި ކަމަށެވެ. ނަމަވެސް ފުލުހުން ސާފު ކުރަން ބޭނުންވި މައުލޫމާތަކީ އާންމުކޮށްފައިވާ މައުލޫމާތު ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އެއީ މިނިސްޓަރުންގެ މާލީ ބަޔާންތަކުގައި މީގެ ކުރިން އާންމުކޮށްފައިވާ މައުލޫމާތުތައް ކަމަށް ވެސް މަހްފޫޒް ވިދާޅުވި އެވެ.