Advertisement

ތަރައްގީގެ ޕްރޮޖެކްޓުތައް ހުއްޓާލައިފި ނަމަ އިގުތިސޯދީ ކުރިއެރުމަށް އަސަރު ކުރާނެ: އެމްއެމްއޭ

28 މާރިޗު 2024 - 14:13 0

އަމަން ހަލީމް

އަމަން ހަލީމް

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އިމާދާއި އެސިސްޓަންޓް ގަވަރުނަރު އިދުހާމް ހުސެއިން: އެމްއެމްއޭ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރީ ދައުލަތުގެ މާލީ ހާލަތާ ގުޅޭ މައުޅޫމާތު ހޯދަން --- ފޮޓޯ: އިޔާދު އަބްދުލް ވައްހާބް/އަދަދު


ތަރައްގީގެ ޕްރޮޖެކްޓުތައް ހުއްޓާލައިފި ނަމަ އިގުތިސޯދީ ކުރިއެރުމަށް އަސަރު ކުރާނެ: އެމްއެމްއޭ

28 މާރިޗު 2024 - 14:13 0

ކެޕިޓަލް ހަރަދުތައް ކުޑަކުރުމުގެ އަސަރު އިގުތިސޯދީ ކުރިއެރުމަށް ކުރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި އިމާދު މިހެން ވިދާޅުވީ ރިކަރަންޓު ހަރަދުތައް ކުޑަކުރުމުގެ ބަދަލުގައި ކެޕިޓަލް ހަރަދުތައް ކުޑަކުރުމުން އޭގެ ނުރަނގަޅު އަސަރު އިގުތިސޯދީ ކުރިއެރުމަށް ނުކުރާނެތޯ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އެއްސެވި ސުވާލެއްގެ ޖަވާބުގަ އެވެ.

"ކެޕިޓަލް އެކްސްޕެންޑިޗާއަށް ކޮންޓްރެކްޝަނެއް ގެނައުމަކީ ގްރޯތަށް އިމްޕެކްޓެއް އަންނާނެ ކަމެއް ކަމަށް އަޅުގަނޑުމެންނަށް ވެސް ގަބޫލުކުރެވެނީ," އިމާދު ވިދާޅުވި އެވެ.

ކެޕިޓަލް ހަރަދުތައް މަޑުޖައްސާލުމުން އިގުތިސޯދީ ދުވެއްޔަށް އަސަރު ކުރާނެ ކަމަށް އިމާދު ވިދާޅުވި ނަމަވެސް ކޮމިޓީގައި އެހެން ސުވާލުތަކަށް ޖަވާބު ދެެއްވަމުން އޭނާ ވިދާޅުވީ ހަރަދުތައް ކުޑަކުރުމާ ގުޅިގެން ބޮޑު އަދަދެއް ފައިނޭންސް ނުކޮށާއި ފައިސާ ޗާޕު ނުކޮށް ދައުލަތުގެ ހަރަދުތައް ހަމަޖައްސަމުންދާ ކަން ފާހަގަވާ ކަމަށެވެ.

"ދައުލަތުގެ ހަރަދުތައް އަޅުގަނޑުމެން ފާއިތުވެ ދިޔަ ޖެނުއަރީ ފެބްރުއަރީ އަދި މި މަހަށް ބަލާލާއިރުގައި، މެނޭޖުކުރަމުން މި އާދެވެނީ އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް ގާތްގަނޑަކަށް ހެން ހަރަދު ކުރެވޭ ކަހަލަ ގޮތަކަށް," އޭނާ ވިދާޅުވި އެވެ.

ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުން މަދުކުރި މައްސަލައިގައި މެމްބަރުުން ކަންބޮޑުވި ނަމަވެސް ކޮމިޓީގައި އިމާދު ދެއްކެވި ވާހަކަތަކުން ސާފުވީ މިގޮތުގައި ކުރިއަށް ގެންދަން އެމްއެމްއޭއިން ތާއީދުކުރާ ކަމަށެވެ. އަދި އެއީ މި ހާލަތުގައި ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިމާދު ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން، ހަރަދުތައް ކުޑަކުރަން އިތުރު ހަރުކަށި ފިޔަވަޅުތައް ނާޅައި މުޅި އިގުތިސޯދުގެ ކަންކަން މެނޭޖުކުރަން ދަތިވާނެ ކަމަށް ވިދާޅުވެ، އަދިވެސް އިތުރަށް ހަރަދުތައް ކުޑަކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް އިލްތިމާސްކުރައްވާފަ އެވެ.

"ބައެއް ކަންތައްތަކަކީ އަޅުގަނޑަށް ހީވަނީ މި ހާލަތަށް ދިޔައިމަ ޕްރަޔޯރިޓައިޒްކޮށްގެން ކުރިއަށް ދެވޭނެ ކަންތައްތައް ކަން ނޭނގެ ފާއިތުވި ދިޔަ ދެ ތިން މަސް ތެރޭގައި މި ފާހަގަވީ އެކަހަލަ ގޮތަކަށް ކުރިއަށް ގެންދެވިފައި އޮތްކަން. ހަމަ އެ މޭރުމުން އަޅުގަނޑުމެން ކުރިއަށް ގެނދިޔަ ކަމުގައި ވިޔަސް އަދި އެއަށް ވުރެ ބޮޑެތި މެޝާސްތަކާއެކު މި ޗެލެންޖަސްތަކަށް އަޅުގަނޑުމެންނަށް ކުރެވޭނީ," އޭނާ ވިދާޅުވި އެވެ.

ބަޖެޓަށް މި ވަގުތަށް ހުރި އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރި ބޭރު ފައިސާގެ ދަތިކަމެވެ.

އެގޮތުން ދައުލަތަށް ލިބޭ ޑޮލަރު އާމްދަނީ އިތުރުވަމުން އައި ނަމަވެސް، ހަރަދުތައް ކުޑަކޮށްގެން ސަރުކާރުގެ ހަރަދުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނާއި ބޭންކުތަކުން ޑޮލަރު ނުލިބޭ މައްސަލަ ހައްލުކޮށްގެން މެނުވީ މުޅި އިގުތިސޯދަށް ހުރި ގޮންޖެހުންތަކުން އަރައިގަންނަން ދަތިވާނެ ކަމަށް އިމާދު ވިދާޅުވި އެވެ.

ހަރަދުތައް ކުޑަކުރަން ޖެހޭ އަނެއް ސަބަބެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރީ އެތެރެ އާއި ބޭރުގެ ބާޒާރުތަކުން ވެސް ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތަކެވެ. މި އަހަރުގެ ބަޖެޓު ހަރަދު ފޫބައްދަން 15 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާއިރު އިމާދު ވިދާޅުވީ ބޮޑެތި ބަދަލުތަކެއް ނުގެނެސް ބަޖެޓު ތަންފީޒުކުރަން ދަތިވާނެ ކަމަށެވެ.

"އަޅަގަނޑުމެން ބަޖެޓު ހުށަހެޅި އިރުގައި ދެއްވި ލަފަޔާ އެއްގޮތަށް ބަޖެޓު އެގްޒިކިއުޓް ކުރުމުގައި، ހާއްސަކޮށް ފައިނޭންސިން ހޯދުމުގައި ދަތިތައް އެބަހުރި. ބޮޑެތި އިސްލާހީ ބަދަލުތަކެއް ނުގެނެސް ބަޖެޓު އެގްޒިކިއުޓް ކުރުން ޗެލެންޖިން ކަމަކަށް ވާނެ ކަމަށް ލަފާކުރެވެނީ."

މި ކޮމިޓީގައި އިމާދު ވަނީ ރާއްޖެއިން އައިއެމްއެފްގެ ޕްރޮގްރާމަކަށް ދާން އުޅޭ ވާހަކަ ދޮގުކުރައްވާފަ އެވެ. ނަމަވެސް އެމްއެމްއޭއިން ވެސް ލަފާދޭ ފަދައިން، ހަރަދުތައް ކުޑަކޮށް މެދު ރާސްތާގެ ފިސްކަލް ސްޓްރެޓަޖީގައި ހުރި ކަންކަން ތަންފީޒުކުރަން އައިއެމްއެފްއިން ވެސް ލަފާދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭއިން މި އަހަރުގެ ބަޖެޓަށް ދިން ލަފާގައި ވެސް ހަރަދުތައް ކުޑަކުރުމުގެ ގޮތުން ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރަން ގޮވާލާފައިވެ އެވެ. ހާއްސަކޮށް ފަައިސާ ހަމަނުޖެހޭ ޕްރޮޖެކްޓުތައް އިހަށް ނުހިންގާށާއި ބަޖެޓުން އުނިކުރެވޭނެ މަޝްރޫއުތައް ފާހަގަކުރުމަށް ފަހު އުނިކުރުމަށް ވެސް އެ އިދާރާގެ ލަފާގައިވެ އެވެ.

އެހެން ނަމަވެސް ސަރުކާރުން ބުނަނީ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށެވެ. މި ވަގުތަށް މަޝްރޫއުތައް ހިންގުން މަޑުޖައްސާލާފައި ވަނީ ބޭނުންވާ ފައިސާ ހަމަޖެހެންދެން ކަަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މީގެ ކުރިން "އަދަދު" އަށް ވިދާޅުވެފައިވެ އެވެ.