Advertisement

މުސްތަގުބަލު ފެންނަނީ ބަނަކޮށް، އުއްމީދެއް އޮތީ އެމްޑީޕީއަށް މަޖިލިސް ލިބިގެން: ފައްޔާޒު

27 މާރިޗު 2024 - 23:49 0

އަމަން ހަލީމް

އަމަން ހަލީމް

އެމްޑީޕީގެ އެހެން ކެމްޕެއިން ހަރަކާތެއްގައި ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ: ފައްޔާޒު ވިދާޅުވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުން އަނިޔާވެރިވެ، ވަޒީފާގެ ބިރުދައްކަމުން އަންނަ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މުސްތަގުބަލު ފެންނަނީ ބަނަކޮށް، އުއްމީދެއް އޮތީ އެމްޑީޕީއަށް މަޖިލިސް ލިބިގެން: ފައްޔާޒު

27 މާރިޗު 2024 - 23:49 0

މި ސަރުކާރުގެ "އަނިޔާވެރިކަމުގެ" ސަބަބުން މުސްތަގުބަލު ފެންނަނީ ވަރަށް ބަނަކޮށް ކަމަށާއި އުއްމީދެއް އޮތީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީއެއް އޮވެގެން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ހެންވޭރުގެ ދާއިރާތަކަށް ވާދަކުރާ މަޖިލިސް ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތެއްގައި ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމްގެ ސަރުކާރު އަޅައިބަލަމުންނެވެ.

އެގޮތުން ދެއްކެވި ވާހަކައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މިހާރުގެ ސަރުކާރަށް ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވަމުން ފައްޔާޒު ވިދާޅުވީ މާޒީއަށް ބެލުމުން ޕީޕީއެމްގެ ވެރިކަމެއްގައި އަބަދުވެސް އަނިޔާވެރިކަން އިސްކުރާކަން ހާމަވާ ކަމަށާއި އެއީ އެމްޑީޕީން ވެރިކަން ކުރާ ގޮތް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ވެރިކަން ކުރީ އަޅުގަނޑުމެން ގަބޫލުކުރާ ފަލްސަފާ މި ގައުމުގައި ނަގަހައްޓާ ދެމެހެއްޓުމަށްޓަކައި. އެއީ ޑިމޮކްރެސީ އާއި ވާހަކަ ދެއްކުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާ، މިކަންކަން ހިފެހެއްޓުން." އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އަނިޔާވަމުންދާ ކަމުގެ ވާހަކަ ފައްޔާޒު ގުޅުވާލެއްވީ އެމްޑީޕީއާ ގުޅުން ހުރި މީހުން ވަޒީފާތަކުން ވަކިކުރަމުންދާ މައްސަލައާ އެވެ. ފައްޔާޒު ތުހުމަތުކުރެއްވީ މި ސަރުކާރުން ވަޒީފާގެ ބިރު އިންތިހާއަށް ދައްކަމުން އަންނަ ކަމަށެވެ.

ފައްޔާޒުގެ ވާހަކަައިގައި އަލިއަޅުއްވާލި އަނެއް ކަމަކީ ގޯއްޗާއި ފްލެޓު ކަށަވަރުކުރަން އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދޭން ޖެހޭ ކަމަށް ސޯލިހު ވިދާޅުވުމުން، އެއާ ގުޅިގެން ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަށެވެ. ރައީސް ވަނީ އެމްޑީޕީއަށް މިހާރު ވެސް މަޖިލީހުގެ މެޖޯރިޓީ އޮތް އިރު އެކަން ނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ.

މިއަށް ރައްދު ދެއްވައި ފައްޔާޒު ވިދާޅުވީ ނިމެމުންދާ މަޖިލިހުގެ ދައުރުގައި އެމްޑީޕީން ބިލެއް ފާސްކޮށްފައި ފޮނުވިޔަސް އެ ތަންފީޒު ނުކޮށް ބާއްވައި، ޕީޕީއެމް/ޕީއެންސީއަށް މެޖޯރިޓީ ލިބޭ މަޖިލީހެއްގައި އެއަށް ބަދަލު ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އަންނަން އޮތް ދައުރު ލިބިއްޖެ ނަމަ މިހެން ނުވާނެ ކަމަށެވެ.

"ކުރިއަށް އޮތް މަޖިލިސް ފަސް އަހަރަށް އަޅުގަނޑުމެންނަށް މެޖޯރިޓީ ލިބުނީމަ ފާސްކުރާ ބިލަކީ، އެއީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހަމަގައިމު ވެސް އެއަށް ބަދަލެއް ނުގެނެވޭނެ އެއްޗެއް. މިއަދު އެ ބިލު ފާސްކުރި ނަމަވެސް، މިހާރުގެ ސަރުކާރަށް މެޖޯރިޓީ ލިބިއްޖެއްޔާމުން އޭތި އެއްކޮށް އަނބުރާލެވޭނެ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވަނީ އަންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ބޮޑު އަގުލަބިއްޔަތެއް ހޯދާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ.