Advertisement

ފުލުހަށް ހާޒިރުވާން އެންގުމުން ފައްޔާޒު ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީ ކަމަށް

27 މާރިޗު 2024 - 15:41 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: މީގެ ކުރިން ވެސް އޭނާ ވަނީ މި ސަރުކާރުން ނަހަމަ ގޮތުގައި ބާރުގެ ބޭނުން ހިފާނެކަމަށް ވިދާޅުވެފައި - ފޮޓޯ: އަދަދު


ފުލުހަށް ހާޒިރުވާން އެންގުމުން ފައްޔާޒު ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީ ކަމަށް

27 މާރިޗު 2024 - 15:41 0

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ހިޔާނާތުގެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމާއެކު، މިއީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާގެ ފެށުން ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މާދަމާ މެންދުރުފަހު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެދި ފޮނުވި ޗިޓާއެކު އެކްސްގައި ކުރި ޕޯސްޓެއްގައި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އާރުޑީސީއިން ހިޔާނާތެއް ވެއްޖެ ކަމަށް ބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭ ފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން، ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.

އަންނަ މަހު 21 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނައިރު ފައްޔާޒު ވަނީ ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލާފަ އެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި މިއީ ސިޔާސީ ބޭނުމަކަށް ސަރުކާރުގެ ނުފޫޒާއެކު ފުލުހުން ހިންގާ ތަހުގީގެކެވެ.

މިކަމާ ގުޅިގެން ފައްޔާޒު "އަދަދު" އާ ވާހަކަދައްކަވަމުން ވިދާޅުވީ މާދަމާ ހާޒިރުވެ، ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"އަޅުގަނޑަކަށް ވެސް ނޭނގޭ އެ މައްސަލަ އާ އަޅުގަނޑާ ސީދާ ގުޅެނީ ކިހިނެތް ކަމެއް،" އޭނާ ވިދާޅުވި އެވެ.

މީގެ ދޮޅު އަހަރު ކުރިން ފުލުހުން ހިންގަން ފެށި އާރުޑީސީގެ ތަހުގީގާ ގުޅިގެން ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ ގޮތުގައި އާރުޑީސީގެ ތިން މުވައްޒަފެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ވަދެފައިވެ އެވެ. އަދި އެތަނުން އެއް މުވައްޒަފުގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެން ނަމަވެސް އޭގައި ހިޔާނާތް އެކުލެވޭނީ އެ ޓްރާންސެކްޝަންތައް ކުރި ސަބަބުތައް އިތުރަށް ތަހުގީގުކޮށް ތަހުގީގަށް ލިބިފައި ހުރި ލިޔެކިޔުންތައް އިތުރަށް ދިރާސާކޮށްގެން ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އެކީ ޖޮއިންޓް ތަހުގީގެއް ފަށަން ނިންމިކަން އިއުލާންކުރި ދުވަހު ފުލުހުން ބުނެފެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އާރުޑީސީ އޮފީހާއި މައްސަލައާ ގުޅުން ހުރި އެހެން ބައެއް ތަންތަން ބަލައި ފާސްކޮށް ބަޔަކާ ސުވާލުކޮށްފައިވާ ކަމަށް އޭގެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް ބުނެ އިތުރު ތަފުސީލެއް ނުދެ އެވެ.