Advertisement

ސަރުކާރުގެ އޮފިޝަލުން އިންތިޒާމުވެގެން އޮޅުވާލުމުގެ ކެމްޕޭނެއް ހިންގަނީ

27 މާރިޗު 2024 - 12:52 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކެބިނެޓު ބައްދަލުވުމެއްގެ ތެރެއިން. މި ސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެމްޕޭނުގައި ވެސް އޮޅުވާލި ކަމަށް ޔޫރަޕިއަން ޔޫނިއަނުން ބުނެފައިވޭ --- ފޮޓޯ: ރައީސް އޮފީސް


ސަރުކާރުގެ އޮފިޝަލުން އިންތިޒާމުވެގެން އޮޅުވާލުމުގެ ކެމްޕޭނެއް ހިންގަނީ

27 މާރިޗު 2024 - 12:52 0

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސް ކޮންފަރެންސެއްގައި ދައްކާފައިވާ ވާހަކައެއްގެ ބައެއް ބޭނުންކޮށްގެން އޮޅުވާލުމުގެ ކެމްޕޭނެއް މި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އިންތިޒާމުވެގެން ހިންގަން ފަށައިފި އެވެ.

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރުންގެ މެދުގައި މި ދުވަސްވަރު ބަހުގެ ހަމަލާތަކެއް ދަނީ ބަދަލުކުރަމުންނެވެ. މިކަމެއް ފެށުނީ އެމްޑީޕީގެ ރައީސް, އަބްދުالله ޝާހިދު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއަކާ އެކު އެވެ.

އެއަށްފަހު, ސަރުކާރުގެ އޮފިޝަލުން އިންތިޒާމުވެ އެމްޑީޕީއަށް ރައްދު އަންނަނީ ދެމުންނެވެ. އޭގެ ތެރެއިން, މިހާރު ދައުރުކުރަމުންދަނީ މާޗު 10, 2021 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސޯލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ވީޑިއޯ އެވެ. އެ ވީޑިއޯގައި ސޯލިހު ދައްކަވަނީ ވަޒީފާތަކުގެ ވާހަކަ އެވެ.

މިއީ ރިޔާސީ ދައުރަކަށް ފަސް އަހަރަކީ އެކަށީގެންވާ މުއްދަތެއްތޯ އާއި އެމަނިކުފާނު އިތުރު ދައުރަކަށް ކުރިމަތިލައްވަން ގަސްތުކުރައްވާތޯ ބެލުމަށް ނޫސްވެރިޔަކު އެ ދުވަހު ކުރި ސުވާލެކެވެ. މި ވީޑިއޯގެ 01:00:00 ނޫސްވެރިޔާ ސުވާލުކުރަން ފަށަ އެވެ.

އެ ޖަވާބުގެ ތެރެއިން ވަޒީފާގެ ވާހަކަތައް ސޯލިހު ހިއްސާ ކުރައްވަނީ ވީޑިއޯގެ 01:03:06 ހިސާބުގަ އެވެ.

"ވެރިކަމަށް އައިސްފައި، އަނެއް ދުވަހު، ކުރިއަށް އޮތް ދައުރުގައި ކުރިމަތިލާން ނިންމައިފީވިއްޔާ، ރައްޔިތުންނަކަށް ހިދުމަތެއް ނުކުރެވޭނެ. އަޅުގަނޑު ވެރިކަމަށް އައިސް، އަޅުގަނޑު މި ކުރާ ކަމަކީ، އަޅުގަނޑު ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދޭތޯ ބެލުން،" މިއީ ޖަވާބުގެ ކުރީކޮޅު ސޯލިހު ދެންނެވި ވާހަކަ އެވެ.

ޖަވާބުގެ ކުރީކޮޅާއި ފަހަތު ބައި އުނިކުރުމަށް ފަހު އެ އޮފިޝަލުން ދައުރުކުރަމުން ދަނީ ތިރީގައިވާ ބައެވެ.

"އެހެނެއް ނޫން، އަޅުގަނޑު ދެން އޮތް އިންތިހާބަކަށް ކުރިމަތިލާން ނިންމައިފީވިއްޔާ، އަޅުގަނޑު ހިންގާ ކޮންމެ މަޝްރޫޢެއް ހިންގާނީ، އަޅުގަނޑަށް ތާއީދު ބޮޑުވާނީ ކޮންގޮތަކަށްތޯ ބަލައިގެން. ކޮން ރަށެއްގައި، ކޮން މަޝްރޫޢެއް ހިންގައިގެންތޯ، މިރަށުގެ ތާއީދު އަޅުގަނޑަށް ލިބޭނީ. ކޮން ޢާއިލާއެއްގެ، ކާކަށް ވަޒީފާ ދީގެންތޯ، އަޅުގަނޑަށް އެ ޢާއިލާގެ ސަޕޯޓް ހޯދޭނީ. އެއީ އެކަން ވާނެގޮތަކީ. ވެރިކަމަށް ކުރިމަތިލާން ނިންމައިގެން، ކުރިއަށް އޮތް ދައުރަށް ކުރިމަތިލާން ނިންމައިގެން، ވެރިކަން ކުރާ މީހަކު، ކަންކުރާނެގޮތް އެއީ," ސޯލިހު އެ ދުވަހު ވިދާޅުވި އެވެ.

މިއީ މާޗު، 2021، ގެ ވީޑިއޯއެއް ކަމަށްވާއިރު އޭރު ދެވަނަ ދައުރަކަށް ވާދަކުރުމަށް ސޯލިހު ނިންމަވާފައި ނުވެ އެވެ. އެމްޑީޕީގެ ޕްރައިމަރީ ވެސް ބޭއްވީ އޭގެ ގާތްގަނޑަކަށް ދެ އަހަރު ފަހުންނެވެ. އޭރު އެމްޑީޕީގެ ތެރޭގައި ދިޔައީ ވެރިކަމުގެ ނިޒާމުގެ ބަހުސެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ، މި ކުރަނީ އެހެނެއް ނޫން. އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، އަޅުގަނޑުވީ ވައުދުތައް އިހަށް ފުއްދޭތޯ. އެނޫން ވިސްނުމެއް މިވަގުތަކު އަޅުގަނޑުގެ ނެތް. އަޅުގަނޑު ވެރިކަމުގެ ވާހަކަ ދައްކަން ހެޔޮނުވާނެ، އަޅުގަނޑުވީ ވައުދުތައް ނުފުއްދަދީ. ރައްޔިތުން ގަބޫލެއް ނުކުރާނެ. އެހެންވީމާ، ފުރަތަމަ ކުރަންޖެހޭނެ ކަމަކީ އެއީ," ޖަވާބު ފުރިހަމަ ކުރައްވަމުން ސޯލިހު ވިދާޅުވި އެވެ.

ވީޑިއޯގެ މަފްހޫމް އޮޅުވާލާފައި

ސޯލިހުގެ އެ ވާހަކަތައް ހިއްސާ ކުރެއްވީ ދެވަނަ ދައުރަކަށް ފުރަތަމަ ދުވަހުން ފެށިގެން ފައިނަގާ ވެރިޔަކު ރައްޔިތުންނަށް ހެވެއް ނޭދޭނެކަން ހާމަކުރުމުގެ ގޮތުންނެވެ. ވެރިކަން ކުރާނެ މީހެއްގެ ބަހުސް އޭރު ގައުމުގައި ހިނގަމުން ނުދެ އެވެ. އެއީ ކޮވިޑުގެ އާލަމީ ވަބާއާ ދިވެހިން ހަނގުރާމަކުރަމުންދިޔަ ދުވަސްވަރެވެ.

މިއީ އާންމު ގޮތެއްގައި ޕްރޮޕަގަންޑާ ކެމްޕޭނުތަކުގެ ތެރެއިން ވީޑިއޯ މެދުވެރިކޮށް މީހުންނަށް އޮޅުވާލުމަށް ވީޑިއޯ ދައުރުކުރާ ގޮތުގެ ތެރެއިން އެއްގޮތެވެ. އެއީ ވީޑިއޯގެ މަފްހޫމާއި ދައްކާ ވާހަކަ އޮޅުވާލުމުގެ ގޮތުން ވީޑިއޯގެ ކުރީކޮޅާއި ފަހަތު ބައި ނުލައި ދައުރުކުރުމެވެ.

ވީޑިއޯގައި ދައްކާ ވާހަކައިގެ ކޮންޓެކްސްޓް މިހެން އެޑިޓު ކުރުމުން ވަރަށް ފަސޭހައިން އޮޅުވާލެވޭނެ އެވެ. އާންމު ގޮތެއްގައި މިފަދަ ވީޑިއޯތަކުގައި ޕްރޮމޯޓް ކުރަނީ އެ ވާހަކަތަކުގެ އެއް އޭންގަލް އެވެ. މިފަދަ ވީޑިއޯތައް ދެނެގަތުމަށް ފަސޭހަ ގައިޑްލައިނެއް މި ލިންކުން ލިބޭނެ އެވެ.

މި ވީޑިއޯ ދައުރުކުރި ސަރުކާރުގެ އޮފިޝަލުންގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސް ކޮށްގެން ވަޒީފާއިން ސަސްޕެންޑު ކޮށްފައިވާ ޔޫތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް ހިމެނެ އެވެ. އޭގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވެސް އެ ވީޑިއޯ ދައުރުކުރި އެވެ.

އޭގެ އިތުރުން, ބައެއް ޑެޕިއުޓީ މިނިސްޓަރުންނާއި, ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި އަދިވެސް އެހެނިހެން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ވަނީ މި ވީޑިއޯ ރީޕޯސްޓްކޮށްފަ އެވެ. އޭގެ ތެރޭގައި އެންސްޕާގެ ސީއިއޯ ހިނާ ވަލީދު އާއި އެޗްޑީސީގެ ސީއޯއޯ އަހުމަދު އިބްރާހިމް ވެސް ހިމެނެ އެވެ.

މި ސަރުކާރު ވެރިކަމަށް އައުމުގެ ގޮތުން ކުރި ކެމްޕޭނުގައި ވެސް އާންމުންގެ ޖަޒުބާތުތަކާ ކުޅުމުގެ ގޮތުން ގަސްތުގައި ދޮގު މައުލޫމާތު ފެތުރި ކަމަށް ވެސް ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ އިލެކްޝަން އޮބްޒަވޭޝަން ރިޕޯޓުގައި ބުނެފައިވެ އެވެ.

ޓުވިޓާ އަދި ފޭސްބުކްގައި ހިންގި ކިތަންމެ އެކައުންޓަކުން ދޮގު މައުލޫމާތު ފެތުރުމުގައި ބައިވެރިވި ކަމަށް އީޔޫއިން އޭރު ބުނެފައިވެ އެވެ. މި ވީޑިއޯ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ވެސް ޕީޕީއެމް/ޕީއެންސީގެ ވެރިން ހިމެނޭހެން އެކި މަންސަތަކުގައި ދައުރުކޮށްފައިވެ އެވެ.

ސަރުކާރުގެ ސިއްރު ކަމާއި ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށް ބުނެ ނޫސްވެރިންގެ ކަންބޮޑުވުމާއި އާންމުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.