Advertisement

ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ ދެ މެމްބަރަކު އިސްތިއުފާދީފި

26 މާރިޗު 2024 - 21:59 1

ބެޑްމިންޓަން އެސޯސިއޭޝަންގެ އާންމު ޖަލްސާއެއްގެ ތެރެއިން


ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ ދެ މެމްބަރަކު އިސްތިއުފާދީފި

26 މާރިޗު 2024 - 21:59 1

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހިންގާ ކޮމިޓީން ދެ މެމްބަރަކު އިސްތިއުފާދީފި އެވެ.

އެ ދެ މެމްބަރުންނަކީ، ހިންގާ ކޮމިޓީގައި ފަރުދީ މެމްބަރެއްގެ ޒިންމާ އަދާކުރައްވަމުން އައި، ސިޔާދު ހަބީބު އާއި އަންހެން މެމްބަރެއްގެ ގޮތުގައި ހުންނެވި، މުރުޝިދާ އަބްދުލް މަންނާން އެވެ.

އިސް އަމްޕަޔަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ސިޔާދު އާއި ބެޑްމިންޓަން ގައުމީ ޓީމުގެ މެނޭޖަރުކަން ދާދި ފަހުން ކޮށްފައިވާ މުރުޝިދާ ވެސް މަގާމުން އިސްތިއުފާ ދީފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަނަށް ސިޓީ ފޮނުވައިގެންނެވެ.

ސިޓީގައި ފާހަަގަކޮށްފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މިހާރުގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވެފައިވާތީ އާއި މި ވަގުތު އެސޯސިއޭޝަނާ ގުޅިގެން މަސައްކަތް ކުރުމުގެ މާހައުލެއް އޮތް ކަމަށް ގަބޫލުނުކުރޭވޭތީ މަގާމުން އިސްތިއުފާ ދޭން ނިންމީ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ މިހާރުގެ ހިންގާ ކޮމިޓީ އިންތިހާބު ކުރީ 2021 ވަަނަ އަހަރުގެ ފެބްރުއަރީ 24 ގަ އެވެ. އެ ހިންގާ ބޯޑު ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ، 2021، މާޗް 11 ގަ އެވެ. އެހެންކަމުން، މި މަހުގެ 11 އަށް މިހާރު އޮތް ހިންގާ ކޮމިޓީގެ ދައުރު ވަނީ ހަމަވެފަ އެވެ.

އެނގިފައިވާ ގޮތުގައި، މިހާރު އޮތީ، މި ވަގުތު އޮތް ހިންގާ ބޯޑުގެ މުއްދަތު އެއް މަަަހަށް ދަންމައިދީފަ އެވެ.

އައްޑޫ އިކުއޭޓްރަލް ވިލެޖުގައި، މި މަހު 22 ވަނަ ދުވަހު ބާއްވަން ނިންމި ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު މާހައުލު ތަންނުދޭތީ ވަނީ ފަސްކޮށްފަ އެވެ. އޭރު، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ ދެ ފަހަރެއްގެ މަތިން ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު މަޑުޖައްސާލަން އަންގައިފަ އެވެ. އެއީ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލުކޮށްގެން އިންތިހާބަކަށް ދިއުމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް ވަދެ، އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއްގައި އެ އޮފީސް ރެއިޑްކުރި އެވެ.

އޭގެ ފަހުން، އެންޓި ކޮރަޕްޝަން ކޮމިޝަނުން އެންގީ، ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބާ ގުޅޭ މި ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީވެ، ވަކި އެއްޗެއް އަންގަންދެން އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަށެވެ. އަދި ފަހުން، އޭސީސީން ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ތިން ވަނަ ދައުރަކަށް ފުރަމުން އަންނަ މޫސާ ނާޝީދު (މޫސަ)ގެ މަސްލަހަތު އޮންނަ ތަންތަން ވެސް ރެއިޑްކޮށްފަ އެވެ. މޫސައާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.