Advertisement

ތިނަދޫ ކައުންސިލަށް ސިޓީގެ ދަރަޖަ ދޭން ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

26 މާރިޗު 2024 - 21:41 0

ނިމާ ހަސަން

ނިމާ ހަސަން

ތިނަދޫ ބަދަރުމަތި; ތިނަދޫއަށް ސިޓީގެ ދަރަޖަދޭން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި -- ފޮޓޯ: އަދަދު


ތިނަދޫ ކައުންސިލަށް ސިޓީގެ ދަރަޖަ ދޭން ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

26 މާރިޗު 2024 - 21:41 0

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބަދަލު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ ބިލުގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ) އަދި (ކ) އަށް އިސްލާހު ގެނެސްފައިވެ އެވެ.

އެ ބިލުގައި ވާގޮތުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާއިރު އެ ރަށް ނުވަތަ ރަށްތައް ތަމްސީލުކުރާ ކައުންސިލްގެ ދައުރު ހަމަވުމަށް އެއް އަހަރު ދުވަހަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ އަލަށް އެކުލަވާލެވޭ ކައުންސިލްގެ އިންތިހާބަށް ފަހު އެވެ.

ނަމަވެސް އެ ކައުންސިލްގެ ދައުރު ހަމަވުމަށް އެއަށްވުރެ ދިގު މުއްދަތެއް އޮތްނަމަ، އެ ރަށް ނުވަތަ ރަށްތަކަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، ސިޓީއަކަށް ބަދަލުވާނެ ކަމަށް ވެސް އިސްލާހުގައި ވެއެވެ. އެހެންކަމުން, ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުކުރުމަށް މިހާރު ގާނޫނީ ހުރަހެއް ނެތެވެ.

ސިޓީއެއް އުފައްދަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ކަމަށްވާނަމަ، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލް އެ ހިނދުން ފެށިގެން އުވޭނެ ކަމަށް ވެސް އޭގައި ބަޔާންކޮށްފައިވެ އެވެ, އަދި އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއި، ދެމުން ގެންދިޔަ ހިދުމަތްތައް ކުރިއަށް ގެންދާނީ އަލަށް އުފެދޭ ސިޓީ ކައުންސިލުންނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރެއްވުމާއެކު ދެން އަމަލު ކުރާނީ އިސްލާހުކޮށްފައިވާ ގޮތަށެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ އޮގަސްޓް 31، 2023ގަ އެވެ. އެ ކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ތިނަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގަ އެވެ.

ރައީސް ސޯލިހު ނެރުއްވި ގަރާރަކުން ތިނަދޫ އަކީ ސިޓީއެއް ކަމަށް ކަނޑައެޅުމާއެކު، މިހާރު އޮތް ރަށު ކައުންސިލަށް ލިބިދޭ ބާރުތައް ދިނުމުގައި ހުރި އިދާރީ ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް އެދި އެ ރަށުގެ ކައުންސިލުން މަޖިލީހަށް ސިޓީއެއް ފޮނުވާފައިވެ އެވެ. ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ އެހެންވެ އެވެ.

ތިނަދޫއަކީ ރާއްޖޭގައި ކަނޑައެޅުނު ފަސް ވަނަ ސިޓީ އެވެ. ތިނަދޫގެ އިތުރުން، ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ވެރިކަންކުރާ މާލެ ސަރަހައްދާއި އެންމެ ދެކުނުގައިވާ އައްޑު އަތޮޅާއި ފުވައްމުލަކު އަދި ރާއްޖޭގެ އުތުރުން ހދ. ކުޅުދުއްފުއްޓަށެވެ.