Advertisement

ސަރުކާރު މެމްބަރުން ނެތުމުން އެސްޑީއެފް ބިލަށް ވޯޓުލީ ދެ މެމްބަރުން، ރިޔާސަތުން ވޯޓު ދިނީ ބޭރުކޮށްލަން

26 މާރިޗު 2024 - 14:22 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ސަރުކާރު މެމްބަރުން ނެތުމުން އެސްޑީއެފް ބިލަށް ވޯޓުލީ ދެ މެމްބަރުން، ރިޔާސަތުން ވޯޓު ދިނީ ބޭރުކޮށްލަން

26 މާރިޗު 2024 - 14:22 0

މި ސަރުކާރުގެ ފަރާތުން ހުށަހެޅި ދައުލަތުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަކުރަން އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑާ ގުޅޭ ބިލަށް ވޯޓުލުމަށް ސަރުކާރު މެމްބަރުން ނެތިވެ ނެގި ވޯޓު އެއްވަރުވެ, ރިޔާސަތުން ދިން ވޯޓާއެކު އެ ބިލު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މި ބިލު މަޖިލީހަށް ހުށަހެޅި ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓު ނެގި ވަގުތު މަޖިލީހުގައި 28 މެމްބަރުން ތިއްބެވި އެވެ.

ނަމަވެސް, ވޯޓުގައި ބައިވެރިވީ އެންމެ ދެ މެމްބަރުންނެވެ. ފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް މެމްބަރަކު ވޯޓު ދެއްވި އެވެ. ނަތީޖާ އެއްވަރުވުމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް ވޯޓު ދެއްވީ އެ ބިލު މަޖިލީހަށް ބަލައިނުގަތުމަށެވެ.

"ވޯޓާ ހިސާބަށް އައިއިރު ތަކުރާރުކޮށް އަޅުގަނޑު ދަންނަވަމުން ދިޔައީ މި ގަޑީގައި ވޯޓު އޮންނާނެ ކަމަށް. ފްލޯއިން މި ފެންނަނީ ސަރުކާރުގެ އެއްވެސް މެމްބަރަކު, ހަމަ އެއްވެސް މެމްބަރަކު ހާޒިރުވެ ނެތްކަން. އެހެންވީމާ މި ބިލުގެ މުހިންމުކަން ސަރުކާރުގެ މެމްބަރުންގެ ފަރާތުން ފެނިފައި ނުވާތީ އަޅުގަނޑު ވޯޓު ދެނީ ނުފެންނަ ކަމަށް," ވޯޓު ދެއްވި ސަބަބު ހާމަކުރައްވަމުން ސަލީމް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނޭނގެ ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި މިފަދަ ވޯޓެއް މިގޮތަށް ނެގުނު ކަމެއް."

ސަރުކާރުން ހުށަހެޅި ބިލުގައި ސޮވްރިން ފަންޑަށް އިންވެސްޓްކޮށްގެން ނަފާ ހޯދުމުގައި އަމަލުކުރަންޖެހޭ ސިޔާސަތުތަކާއ،ި ފަންޑު ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި ފަންޑާ ގުޅުންހުރި ދައުލަތުގެ ފަރާތްތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ޒިންމާތައް ވަނީ ބަޔާންކޮށްފަ އެވެ.

އެ ފަންޑުގެ މަގުސަދަކީ ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމާއި ގައުމަށް ދިމާވާ އިގުތިސޯދީ ކާރިސާގެ ހާލަތުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެއްސުމެވެ.

ކުރިން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން އެ ފަންޑަށް ޖަމާކުރަނީ ޓޫރިސްޓުންގެ އަތުން ނަގާ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އެވެ.