Advertisement

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމު ޒަރީރަށް

25 މާރިޗު 2024 - 23:15 0

ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރި ޒަރީރު: ކުރިން މީރާ އަދި ފައިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރެއްވި -- ފޮޓޯ: ބީއެމްއެލް


ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމު ޒަރީރަށް

25 މާރިޗު 2024 - 23:15 0

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ހަސަން ޒަރީރު މިރޭ އައްޔަންކޮށްފި އެވެ.

ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނީ ޗެއާޕާސަންގެ މަގާމަށް ޒަރީރު އިންތިހާބު ކުރީ އެ ބޭންކުގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓީން (އީޖީއެމް) އަށްފަހު ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއްގައި ކަމަށެވެ.

ޒަރީރަކީ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ކުރިން އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ އުފެއްދުމުގައި ވެސް އޭނާ އިސް ދައުރެއް އަދާ ކުރެއްވި އެވެ. އޭގެ ކުރިން މަސައްކަތް ކުރެއްވީ ފައިނޭންސް މިނިސްޓްރީގަ އެވެ.

އޭނާއަކީ މާސްޓާސް އޮފް ސައިންސް، ފައިނޭންސް ހާސިލްކޮށްފައިވާ ބޭފުޅެވެ. އޭގެ އިތުރުން އެކައުންޓިން އިން ޑިގްރީއެއް ވެސް ހާސިލް ކުރެއްވި އެވެ.

މިރޭ ބޭއްވި އީޖީއެމްގައި ޑިރެކްޓަރުންގެ ބޯޑަށް ވެސް ވަނީ މީހަކު އައްޔަންކޮށްފަ އެވެ. އެއީ އަލީ ފާރިސް މުހައްމަދެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑު

  1. ކާރލް ސްޓުމްކަ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރު
  2. އައިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
  3. ހަސަން ޒަރީރު، ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B
  4. ޖުވައިރިޔާ ސައީދު، މއ. ކޮށީގެ
  5. އަބްދުﷲ ހަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
  6. އައިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ
  7. އަލީ ފާރިސް މުހައްމަދު، ގ. ސިނަމާލެ 3 35-04
  8. އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ
  9. އަޙްމަދު މުހައްމަދު، ގ. އުފާ
  10. އަބްދުلله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ

ބީއެމްއެލްއަކީ ދިވެހިރާއްޖޭގައި އެންމެ ފުޅާކޮށް ހިންގާ އެއް ބޭންކެވެ. އެ ބޭންކުގެ ކަސްޓަމަރުންގެ ގޮތުގައި 325،000 އެބަ ތިއްބެވެ. އެ ބޭންކުގެ މުވައްޒަފުންގެ ގޮތުގައި 1000 ވުރެ ގިނަ މީހުން މަސައްކަތް ކުރާއިރު އޭގެ ތެރެއިން 99 ޕަސެންޓަކީ ދިވެހިންނެވެ.