Advertisement

މަލްޝާ ގަބޫލުކުރަނީ އެމްޑީޕީ މެންބަރުންނަށް އިންޖީނުގެ މެނޭޖަރު ފަދަ މަގާމުތައް ދޭން ނުޖެހޭ ކަމަށް!

25 މާރިޗު 2024 - 16:49 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ސަސްޕެންޑުކޮށްފައިވާ ނައިބު ވަޒީރު މަލްޝާ (ވ)، ޝިއުނާ، ރައީސް މުއިއްޒު އާ އެކު - ފޮޓޯ: ރައީސް އޮފީސް


މަލްޝާ ގަބޫލުކުރަނީ އެމްޑީޕީ މެންބަރުންނަށް އިންޖީނުގެ މެނޭޖަރު ފަދަ މަގާމުތައް ދޭން ނުޖެހޭ ކަމަށް!

25 މާރިޗު 2024 - 16:49 1

އިންޖީނުގެ ފަދަ ތަންތަނުގެ މެނޭޖަރުންގެ މަގާމުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ތިބެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސަސްޕެންޑުކޮށްފައި ހުރި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަލްޝާ ޝަރީފު ވިދާޅުވެއްޖެ އެވެ.

މަލްޝާ މިހެން ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގައި ބައިވެރިވި އއ. މާޅޮސް އަދި ލ. މައިބާދޫ އިންޖީނުގެ މެނޭޖަރުން މަގާމުން ވަކިކުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެމުންނެވެ.

"ޕީއެންސީ ސަރުކާރެއްގަ އެއްވެސް ރަށެއްގެ އިންޖީނުގޭ މެނޭޖަރަކަށް އެމްޑީޕީ މީހެއް ހުނަން ޖެހޭ ސަބަބެއް ނުވިސްނޭ، ފައްޔާޒުމެން ވެސް 2018 ގަ އެމަގާމުތަކުގަ ތިބި މީހުންނަށް ހަދާލި ގޮތް ހަނދާންނެތޭހާ ދުވަހެއް ނުވޭ،" މަލްޝާ ރައްދުގައި ލިޔެފައިވެ އެވެ.

ކެމްޕޭނުގައި ބައިވެރިވާ މުވައްޒަފުން ވަކި ކުރާ މައްސަލަ ކުށްވެރިކޮށް ފައްޔާޒް ވިދާޅުވެފައި ވަނީ އެއީ ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ އަނިޔާވެރިކަން އިތުރުވާނެ ކަމަށެވެ.

"މަޖިލީހުގެ މެޖޯރިޓި ނެތި މިވަރުކޮށްލާއިރު، މެޖޯރިޓީ ލިބިއްޖެ ނަމަ މިސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ދާނެ،" ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ކޮންމެ ސަރުކާރަކުން ރަށްރަށުގެ އެފަދަ މަގާމުތަކަށް ބަދަލުގެނައި ނަމަވެސް، ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން މިއީ ސިޔާސީ މަގާމުތަކެއް ނޫނެވެ. ސަރުކާރު ތަކުގެ ސިޔާސީ މަގާމުތައް ގުނާއިރު ވެސް މި މަގާމުތައް ނުހިމަނަ އެވެ.

އެމްޑީޕީގެ މެންބަރުންނަށް ވަޒީފާ ދޭން ނުޖެހޭނެ ކަމަށް މަލްޝާ ވިދާޅުވުމުން ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑުކިޔައި، ސަސްޕެންޝަނުގައި ހުރުމުގެ ބަދަލުގައި އިސްތިއުފާދޭން ގޮވާލާފަ އެވެ. އޭނާ ސަސްޕެންޑުކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި ފުރައްސާކުރުމާ ގުޅިގެން ޖެނުއަރީ މަހު ކުރީކޮޅު އެވެ.

"ތިޔައީ މުޅީން ރަނގަޅު ވާހަކައެއް ނޫން، އިންޖީނުގޭގައި މަސައްކަތްކުރާނީ ޓެކްނިކަލް މީހުން، ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ޕްރޮފެޝަނަލް ބޮޑީތަކުގެ މީހުން ސިޔާސީ ކުރުން ހުއްޓާލަން އެބަޖެހޭ،" މަލްޝާއަށް ރައްދުދީ އެކަކު ލިޔެފައިވެ އެވެ.

މީގެ އިތުރުން މިއީ ސަރުކާރުގެ މަތީ މަގާމެއްގައި ހުންނަ މީހެއްގެ ބަސްމަގު ހުންނަން ޖެހޭ ގޮތް ނޫން ކަމަށް ވެސް ބައެއް މީހުން ފާހަގަކޮށްފައިވެ އެވެ. އަދި ކުރީގެ ސަރުކާރުން އިދިކޮޅު ފިކުރުގެ ފަރާތްތައް ވެސް މިފަދަ މަގާމުތަކުގައި ބޭތިއްބި ކަމަށް މީހުން ބުނެފައިވެ އެވެ.

"ހއ. ތުރާކުނު އިންޖީނުގޭގެ މެނޭޖަރަކަށް ނިމިދިޔަ އެމްޑީޕި ސަރުކާރުގައި ހުރީ މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އެއްބަނޑު އެއްބަފާ އަހުމަދު ސައީދު، އެމްޑީޕިގެ ވެރިކަން ނިމިގެން ދިޔަ އިރުވެސް އެހުރީ އެމަގާމުގަ، ހަމަ އެޒިންމާގައި، އަދިވެސް އެހުރީ އެމަގާމުގަ،" އޭގެ ތެރެއިން މީހަކު ލިޔެފައިވެ އެވެ.

ސަރުކާރު ކުންފުނިތަކުން ވަކިކުރާ މުވައްޒަފުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން އިދިކޮޅު އެމްޑީޕީން އިއްޔެ ވަނީ ނިންމާފަ އެވެ.

އެމްޑީޕީން ބުނީ, ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ބިރު ދައްކަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާނަމަ އެ ޕާޓީއަށް އީމެއިލް މެދުވެރިކޮށް ހިއްސާކޮށްދިނުމަށް އެމްޑީޕީން އެދެ އެވެ.