Advertisement

އޭސީސީއަށް ރަސްމާލެ ނުފެންނާތީ ޔާމީން ކަންބޮޑުވުން ފާޅުކޮށްފި

25 މާރިޗު 2024 - 15:33 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނު، ކުރިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ. އެމަނިކުފާނު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އޭސީސީއަށް ރަސްމާލެ ނުފެންނާތީ ޔާމީން ކަންބޮޑުވުން ފާޅުކޮށްފި

25 މާރިޗު 2024 - 15:33 0

ރައްޔިތުންގެ ކަންބޮޑުވުން ހުރި ގިނަ މައްސަލަތަކެއް ހުރި އިރު، އެންޓިކޮރަޕްޝަން ކޮމިޝަނުން އުޅެނީ މާ ކުދިކުދި މައްސަލަތައް ބެލުމުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ރޭ ވިދާޅުވެއްޖެ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން އަންނަ އޭޕްރިލް މަހު ބާއްވާ އިންތިހާބަށް ޔާމީނުގެ ތާއީދާ އެކު ނެރުއްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި އޯޑިއަންސްގައި އިންނަވައި އެ މަނިކުފާނު ވިދާޅުވީ ބޮޑެތި މަޝްރޫއުތައް ހިންގަން ޖެހޭނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ މަޝްރޫއު ކަމަށް ވާ ރަސްމާލެ މަޝްރޫއުގެ ވާހަކަ އެންމެން ދައްކަނީ އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި އެ މަޝްރޫއުގެ މައުލޫމާތު ނުުދޭތީ ކަމަށެވެ.

"އެހެން މިދެންނެވީ ރަސްމާލޭގެ ޕްރޮޖެކްޓްގެ ވާހަކަ މިހާރު އެންމެން މިދައްކަނީ، އޭސީސީ، ދެންމެ ނިޝާން ބުނުއްވިހެން އެ ދުވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ވެރިޔަކަށް ހުރި މޫސަ ފަހަތުން, އޭސީސީއަށް ހަމަ ނުފެންނަނީ ތޯ މިތާ ހިނގާފައި ހުރި ބޮޑެތި ވައްކަންތައް؟" ޔާމީން ސުވާލުކުރެއްވި އެވެ.

އޭސީސީން އިސްކަން ދޭން ޖެހޭ ބޮޑެތި މައްސަލަތަކުގެ މިސާލެއްގެ ގޮތުގައި އެމަނިކުފާނު ދެއްކެވި އެއް ކަމަކީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖްމަންޓުން އެކިއެކި ކުންފުނިތަކާ މަސައްކަތްތައް ހަވާލުކޮށްފައިވާ ގޮތާ ބެހޭ ގޮތުުން އެ ކޯޕަރޭޝަނުގެ މިހާރުގެ މެނޭޖްމަންޓުން ކުރާ ތުހުމަތެވެ.

"އެހެންވީމާ ތަނަކަށް ކޮރަޕްޝަނުގެ މައްސަލަ، ނޫނީ ބަލާ މައްސަލަ ވަނަސް، އިސްކަން ދޭނެ ތަރުތީބެއް އޮންނަން ވާނެ، އެކަމުގެ ބޮޑުމިނަށް، ނޫނީ ގެއްލިގެންދާ ފައިސާގެ ބޮޑުމިނަށް ބަލައި އިސްކަން ދެވޭނެ ގޮތްތަކެއް ހުންނާނެ،" އޭސީސީއާ މެދުު ނުރުހުން ފާޅުކުރައްވަމުން ޔާމީނު ވިދާޅުވި އެވެ.

ރަސްމާލެ ތަރައްގީ ކުރަނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ނޫން ކަމަށް ސަރުކާރުން ބުނާ ބުނުމަށް ވެސް އެމަނިކުފާނު ރޭ ރައްދު ދެއްވި އެވެ.

ޔާމީން ވިދާޅުވީ ބިމުގެ ގޮތުގައި ނުވަތަ އެޕާޓްމަންޓްގެ ގޮތުގައި އަގު ދިނަސް އެއީ ދައުލަތުން ހަރަދުވާ ފައިސާ ކަމަށެވެ. އެހެންވީމާ ބަޖެޓްގައި ނުޖަހައި އެ މަޝްރޫއު ހިންގާނީ ކިހިނެތްތޯ އެމަނިކުފާނު ސުވާލުކުރެއްވި އެވެ.

"ގާނޫނު އަސާސީގައި ހުދާއި ކަޅުން، ވަރަށް ވަރުގަދައަށް ލިޔެފަައި މިކަހަލަ އެއްވެސް ކަމެއް، ދައުލަތުގެ ބަޖެޓްގައި ޖަހައި، ފާސްކޮށްގެން ނޫނީ ނުކުރެވޭނޭ،" ޔާމީނު ވިދާޅުވި އެވެ.