Advertisement

ނަޝީދަށް ދިން ހަމަލާގެ އިތުރު މައުލޫމާތު ހުރި ކަމަށް ގައްސާން ވިދާޅުވުމުން، އެ ތަފުސީލު ހޯދަން އިމްތިޔާޒު އެދެފި

25 މާރިޗު 2024 - 14:40 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ފަހަތުގައި އިމްތިޔާޒު (ކ): ނަޝީދަށް ހަމަލާގެ އިތުރު މައުލޫމާތު ހޯދަން އިމްތިޔާޒު އެދެފި - ފޮޓޯ: މަޖިލިސް އިދާރާ


ނަޝީދަށް ދިން ހަމަލާގެ އިތުރު މައުލޫމާތު ހުރި ކަމަށް ގައްސާން ވިދާޅުވުމުން، އެ ތަފުސީލު ހޯދަން އިމްތިޔާޒު އެދެފި

25 މާރިޗު 2024 - 14:40 0

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަަހާރަކޮށްލަން ބަޔަކު ދިން ބޮމުގެ ހަަމަލާއާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން އެއްކޮށްފައިވާ އިތުރު ތަފުސީލު ހޯދަން މަޖިލީހުގެ އިދާރާއިން ރަސްމީކޮށް ހުށަހެޅުމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގައްސާން ވިދާޅުވީ ނަޝީދުގެ މައްސަލައާ ގުޅޭ އިތުރު ތަފްސީލްތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު މައުލޫމާތެއް ހާމައެއް ނުކުރައްވަ އެވެ.

"އަޅުގަނޑަށް މިހާރު ފެނިފަ ހުރި ކަންތައްތަކުން ބައެއް މައުލޫމާތު މި މަޖިލީހަށް ހަގީގަތުގައި މި މައްސަލާގައި އިތުރަށް ހިއްސާކުރަން ދިފާއީ ވުޒާރާގައި އެބަހުރި، އެހެން ނަމަވެސް އެ މައުލޫމާތު އަޅުގަނޑުމެންނަށް ހިއްސާ ކުރެވޭނީ ތިބޭފުޅުންގެ އެ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވީމަ،" ގައްސާން ވިދާޅުވި އެވެ.

ގައްސާން އެހެން ވިދާޅުވުމާއެކު، އިމްތިޔާޒު ވަނީ އެ މައުލޫމާތު ހޯދުމަށް ހުށަހެޅުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ސިޓީއެއް މިއަދު ފޮނުވައިފަ އެވެ.

މައްސަލައިގެ ފަސްފަހަތް

މެއި 6, 2021 ވަނަ ދުވަހުގެ ރޭ އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލިކަން ސާބިތުވެ އަހުމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

އޭނާގެ އިތުރުން އެ މައްސަލާގައި ތުހުމަތުގައި ހައްޔަރުކުރި ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފައިވެ އެވެ.

އަލި މަނިކާއެކު ދައުވާކުރި ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މި ދެ މީހުން ހައްޔަރު ކުރުމަށް ފަހު ފުލުހުން އޭރު ބުނެފައި ވަނީ މެއި 6، 2021 ގައި މާލޭގައި ގޮއްވި ބޮމުގެ ހަމަލާ ރޭވުމުގެ މޭސްތިރިން ކަމަށެވެ. ނަމަވެސް ތަހުގީގަށް ފަހު ދައުވާކުރީ ޓެރަރިސްޓް ޖަމާއަތް އައިސިސްއަށް ތާއީދުކުރުމުގެ ދައުވާ އެކަންޏެވެ.

މީގެ ދެ އަހަރާއި ފަސް މަސް ދުވަސް ކުރިން ހިނގި މި ހާދިސާގައި މިހާރު ޝަރީއަތްތައް ކުރިއަށްދަނީ އިސްހާގާއި, މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، ފަހުމީ އަލީގެ މައްޗަށެވެ.

މިއަހަރުގެ ނިޔަލަށް އެ ޝަރީއަތްތައް ނިންމަން ކްރިމިނަލް ކޯޓުން ތާވަލެއް ވެސް މީގެކުރިން ދީފައިވެ އެވެ. ނަމަވެސް ތާވަލު ދިން އަޑުއެހުމުގެ ފަހުން އަދި އަޑުއެހުމެއް ބޭއްވިފައެއް ނުވެ އެވެ. އަޑުއެހުންތައް ފަހުން ނުބޭއްވިދާ އެންމެ ބޮޑު ސަބަބަކީ ކްރިމިނަލް ކޯޓުގެ އިމާރާތުގެ ބޮޑު ބައެއް ބޭނުން ނުކުރެވޭ ހާލަތަށް ދިޔުމުން, ޖާގައިގެ ދަތިކަން އޮތުމުންނެވެ.