Advertisement

ރައީސް އަނެއްކާވެސް ވިދާޅުވީ އެއްވެސް ރައްޔިތަކު އުނި ނުކޮށް ގެޒެޓުގަވާ ލިސްޓަށް ގޯއްޗާ ފްލެޓު ދޭނެ ކަމަށް

25 މާރިޗު 2024 - 12:47 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ވިލުފުށީ ދާއިރާ އަށް ޕީއެންސީގެ ޓިކެޓުގައި ނުކުންނަވާފައިވާ ކެންޑިޑޭޓުގެ ޖަގަހަ ހުޅުވުމުގެ ހަފްލާގައި ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ: ޕީއެންސީ


ރައީސް އަނެއްކާވެސް ވިދާޅުވީ އެއްވެސް ރައްޔިތަކު އުނި ނުކޮށް ގެޒެޓުގަވާ ލިސްޓަށް ގޯއްޗާ ފްލެޓު ދޭނެ ކަމަށް

25 މާރިޗު 2024 - 12:47 0

އެއްވެސް ރައްޔިތަކު އުނި ނުކޮށް މިހާރު އިއުލާނުކޮށް ގެޒެޓުކުރެވިފައިވާ ލިސްޓަށް ފްލެޓާއި ގޯތި ދޫކުރާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ އިންތިހާބުގައި ތ. ވިލުފުށީ ދާއިރާ އަށް ޕީއެންސީގެ ޓިކެޓުގައި ނުކުންނަވާފައިވާ ކެންޑިޑޭޓު ހަސަން ވަހީދުގެ ޖަގަހަ ހުޅުވުމުގެ ހަފްލާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން މާލެ ރައްޔިތުންނަށް ބޯހިޔާވެހިކަން ކަށަވަރު ކޮށްދެވޭ ނަމަ، މިހާރާއި މިދިޔަ ފަސް އަހަރު އެކަން ނުވެ އޮތީ ކީއްވެގެންތޯ ވިދާޅުވެ އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވެފަ އެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދެެވެން އޮތީ އަލުން މަޖިލީހަށް އިންތިހާބުވެ އެމްޑީޕީއަށް މެޖޯރިޓީ ލިބުމުންތޯ ރައީސް ސުވާލުކުރެއްވި އެވެ.

"އެބޭފުޅުން އެހާ އިހުލާސްތެރި ބައެއް ނަމަ އަނެއްކާ އިންތިހާބަކުން މެޖޯރިޓީ ހަވާލުކުރީމަތޯ މިހާރު ނުކޮށް އޮތް ކަންކަން ކުރެވެން އަންނަނީ. މިހާރު ވެސް އޮތް މެޖޯރިޓީން އެކަމެއް ކުރަންވީ ނޫންތޯ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި އެމަނިކުފާނު ވެވަޑައިގަނެފައިވާ ހުރިހާ ވައުދެއް ވެސް ފުއްދަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމީ ސަލާމަތީ ކަންކަމަށްފަހު ދެން އެންމެ އިސްކަންދޭ ކަމަކީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން ކުރީ ސަރުކާރުން ގޯއްޗާއި ފްލެޓު ލިބޭ މީހުން އިއުލާނުކޮށް ނެރެ، ގެޒެޓުކޮށްފައިވާ ލިސްޓުން އެއްވެސް ރައްޔިތަކު އުނި ނުކޮށް ފްލެޓު އަދި ގޯތި ދޭނެ ކަމަށް ވައުދުވެވަޑައިގަނެފައިވާނެ ކަމަށާއި އެ ވައުދުގެ މަތީ ދެމިހުންނަވާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

"އެދޭން ފެށި ނުވަތަ އިއުލާނުކުރި ގެޒެޓުކުރި ގޯތިތަށް ނުވަތަ ފްލެޓުތައް އެ ދޭން ބުނި ތާކުން އެއްވެސް ރައްޔިތަކަށް އުނިނުކޮށް ދޭނެކަމަށް އަޅުގަނޑު ވައުދުވިން. އެ ވައުދު މަތީ މިހިރީ. އަދިވެސް ދޭ ގޮތަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން މި ފަސް އަހަރުގެ ތެރޭގައި މާލެ އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަ ކުރެއްވިއްޔާ މި ބުރު ނުލިބޭ މީހެއް ހުރި ނަމަ ދެން އެންމެ އަވަހަށް ހިންގާ މަޝްރޫއަކުން ފްލެޓު ދޭނަން. މާލެ ސަރަހައްދުން މާލޭގެ ހުރިހާ ރައްޔިތުންނަށް ފްލެޓާއި ގޯތި ދޭނަން. އަދި މާލޭ ދިރިއުޅޭ ރައްޔިތުންނަށް ވެސް ބޯހިޔާވެހިކަން ހަމަޖައްސައި ދޭނަން،" ރައީސް ވިދާޅުވި އެވެ.

ގެޒެޓުކުރި ލިސްޓުގައިވާ ހުރިހާ އެންމެނަށް ފްލެޓު ދޭނެކަމަށް ރައީސް މުއިއްޒު ރޭ ވިދާޅުވި އިރު، "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި މީހުންގެ ތެރެއިން 59 ޕަސެންޓު މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ބުނެފަ އެވެ. އަދި ޝަރުތު ހަމަވި ނަމަވެސް މައްސަލަ އުޅޭ 19.7 މީހުންނަށް ފްލެޓު ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.