Advertisement

މަގުތަކަށް ދޫކޮށްލާފައި ހުރި 29 ވެހިކަލެއް ޓޯ ކޮށްފި

25 މާރިޗު 2024 - 11:32 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފުލުހުން ރޭ ޓޯކުރި ވެހިކަލެއް : ސިނާއީ ސަރަހައްދުގައި ގިނަ ދުވަސްވީ 29 އުޅަނދެއް ފުލުހުން ވަނީ ޓޯކޮށްފަ - ފޮޓޯ: ފުލުހުން


މަގުތަކަށް ދޫކޮށްލާފައި ހުރި 29 ވެހިކަލެއް ޓޯ ކޮށްފި

25 މާރިޗު 2024 - 11:32 0

މާލޭގެ ސިނާއި ސަރަހައްދާއި މާފަންނުގެ އެކި އެ ސަރަހައްދުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޕާކުކޮށްފައި ހުރި އުޅަނދުތަކެއް ފުލުހުން ޓޯ ކޮށްފި އެވެ.

ފުލުހުންގެ އިދާރާގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ރޭގެ އެކި ވަގުތަކުގައި އެ ސަރަހައްދުތަކުން ޖުމުލަ 29 އުޅަނދެއް ނަގާފައިވާ ކަމަށެވެ. ބައެއް އުޅަނދުތަކުގެ ފޮޓޯ ހިއްސާކޮށްފައި ވާއިރު ގިނަ ވެހިކަލްތައް ހުރީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފަ އެވެ.

މިދިޔަ ބުދަ ދުވަހު 60 އުޅަނދު، އަދި ބުރާސްފަތި ދުވަހު 31 އުޅަނދެއް ވެސް ވަނީ ޓޯކޮށްފަ އެވެ. އެއީ މާލޭގެ ސްކޫލް ޒޯނުތަކުގައި އުނދަގޫވާ ގޮތަށް ޕާކުކޮށްފައިވާ ވެހިކަލްތަކެވެ.

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލް ނަގާނެ ބުނެ ފުލުހުން އިންޒާރު ދިނީ މިމަހުގެ 3، ގަ އެވެ. އެ ފަހު ފުލުހުން ދަނީ ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ އިތުރުން ކާރޫބާރު ބޮޑު ސަރަހައްދުތަކުގައި ފޯރިމަރަމުންނެވެ.

ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ނ. އާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ ށ. ގެ ދަށުންނެވެ.

އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާއިރު، ޕާކު ކުރާނެ ޖާގަ ނުދައްކައި ޖޫރިމަނާ ނުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ޕާކު ކުރާނެ ޖާގަ ނުދައްކައި ކުރީ ސަރުކާރުން ޖޫރިމަނާ ކޮށްފައި ވާތީ ރައީސް މުއިއްޒު ވަނީ ފާޑުވިދަޅުވެފަ އެވެ.