Advertisement

މާފުށީ އަލަށް ހިއްކި ބިމުގެ ބީޗު ކައިރިން ހަ ގޯތި ވިއްކާލަނީ

23 މާރިޗު 2024 - 11:48 0

މާފުށީ ހިއްކާފައި އޮތް ސަރަހައްދު: ވިއްކާލަނީ ގާތްގަނޑަކަށް 2000 އަކަފޫޓުގެ ބިންތަކެއް -- ފޮޓޯ: އަދަދު ފައިލް


މާފުށީ އަލަށް ހިއްކި ބިމުގެ ބީޗު ކައިރިން ހަ ގޯތި ވިއްކާލަނީ

23 މާރިޗު 2024 - 11:48 0

ގެސްޓް ހައުސްގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރާ ކ. މާފުށީގައި އަލަށް ހިއްކި ބިމުގެ ގޮނޑުދޮށް ކައިރިން ހަ ބިމެއް ވިއްކާލަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން ހުކުރު ދުވަހު ކުރި އިއުލާނެއްގައި ބުނީ ވިއްކަނީ ގާތްގަނޑަކަށް 2000 އަކަފޫޓުގެ ބިންތަކެއް ކަމަށެވެ. ވިއްކާ ގޯތިތަކުގެ ތެރެއިން ދެ ގޯތީގެ ބޮޑު މިނަކީ 1991 އަކަފޫޓެވެ. އަނެއް ހަތަރު ގޯތީގެ ބޮޑުމިނަކީ 1961 އެވެ.

ކައުންސިލުން ބުނީ މާދަމާއިން ފެށިގެން 30 ދުވަސް ވަންދެން އެކަމުގެ ބިޑު ފޮތް ވިއްކާނެ ކަމަށެވެ. ބިޑު ފޮތެއްގެ އަގަކީ 30،000ރ. އެވެ. ބިޑު ކާބިޔާބު ކުރާ ފަރާތްތަކުން ޕްރޮސެސިން ފީއެއްގެ ގޮތުގައި 50،000ރ. ދައްކަންޖެހެ އެވެ. އެ ފީ ދައްކަންޖެހެނީ ގޯތި އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިންނެވެ.

ވިއްކާ ގޯތިތައް ފާހަގަކޮށްފައި:


ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރާތާ ހަތް ދުވަހުގެ ތެރޭގައި ގޯއްޗަށް ފައިސާ ދައްކަންޖެހެ އެވެ. އެއިރުން ހަތް ދުވަހުގެ ތެރޭގައި ގޯތީގެ ރަޖިސްޓްރީ ކައުންސިލުން ދޫކުރާނެ އެވެ.

މާފުށީ ކައުންސިލުން ބުނެފައި ވަނީ ގޯތި ގަނެވޭނީ 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކާއި 18 އަހަރު ފުރިފައިވާ މީހުންނާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ކަމަށެވެ.

މާފުށިން ހަ ގޯއްޗެއް ވިއްކުމަށް އިއުލާނުކޮށްފައި މި ވަނީ އެ ރަށުގެ ބިމުގެ އަގު ވަނީ ވަރަށް ބޮޑުވެފަ އެވެ. އެ ރަށުން ބިމެއް ކުއްޔަށް ހިފަން ލިބެނީ ވެސް ވަރަށް ބޮޑު އަގެއްގައި ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

ގެސްޓް ހައުސްގެ ވިޔަފާރި އެންމެ ކުރިން ފެށި މާފުށީގައި މިވަގުތު ވެސް މަދުވެގެން 50 ގެސްޓް ހައުސް ހިންގަ އެވެ. އެއީ 600 އަށް ވުރެ ގިނަ ކޮޓަރި އެވެ.