Advertisement

އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް

21 މާރިޗު 2024 - 13:19 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް

21 މާރިޗު 2024 - 13:19 0

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ރާއްޖޭގައި އެކި ބޭނުންތަކަށް އޮޕަރޭޓު ކުރާ އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓްތައް ބޭނުންކުރުމުގެ ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭކަން އެނގިއްޖެ އެވެ.

ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓު ދުއްވަން ގާއިމުވެ ތިބޭ 89 ސިފައިން ރާއްޖެއިން ފޮނުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަނެފައިވާތީ އިންޑިއާއިން މިހާރު ވަނީ އެކަމަށް އެއްބަސްވެފަ އެވެ.

ދެ ގައުމުގެ ވާހަކަތަކަށް ފަހު އެއްބަސްވީ އެ އުޅަނދުތައް އޮޕަރޭޓު ކުރަން ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެނައުމަށެވެ. އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެއިން މާޗް 10، ގައި ފުރާފައިވާކަން ސަރުކާރުން ހާމަކޮށްފައިވާއިރު ފަހު ބެޗު ރާއްޖެއިން ދާނީ މެއި 10، ގެ ކުރިންނެވެ.

އެ އުޅަނދުތަކުގެ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އިންޑިއާގެ ސިފައިންގެ ބަދަލުގައި ގެންނަ މަދަނީ މީހުންގެ ފުރަތަމަ ބެޗު ރާއްޖެއަށް ވަނީ އައިސްފަ އެވެ. އެއީ އައްޑޫގައި ތިބި ސިފައިންގެ ބަދަލުގަ އެވެ.

އައްޑޫގައި ބޭނުންކުރި ހެލިކޮޕްޓަރު މަރާމާތަށް ފޮނުވައި އާ ހެލިކޮޕްޓަރެއް ވެސް އިންޑިއާއިން ވަނީ މިދިޔަ މަހު ފޮނުވައިފަ އެވެ. އާ ހެލިކޮޕްޓަރު ހިފައިގެން އައި އެ ގައުމުގެ މަނަވަރު އައްޑޫގައި ބަނދަރުކުރީ ފެބްރުއަރީ 29، ގަ އެވެ.

އާންމު ގޮތެއްގައި މި އުޅަނދުތައް ބޭނުންކުރަނީ ކަނޑުމަތީގެ ހާދިސާތަކުގައި ގެއްލޭ މީހުން ހޯދުމަށާއި އެކި މެޑިކަލް އިމަޖެންސީތަކުގައި ރަށްރަށުން މީހުން ގެނައުމަށެވެ.

"އަދަދު" ނޫހާ ވަހަކަ ދެއްކެވި ސަރުކާރުގެ އިސް އޮފިޝަލުން ވަނީ މި އުޅަނދުތައް ކުރިއަށް އޮތްތަނުގައި އޮޕަރޭޓު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް, އެ އޮޕަރޭޓު ކުރަން އިންޑިއާއިން ފޮނުވި "ޓެކްނިކަލް" މީހުންނާ މެދު އަމަލުކުރާނެ ގޮތެއް ނޭނގެ އެވެ.

ބެލެވޭ ގޮތުގައި އެއީ ސަރުކާރުން ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތާއި އެމްއެންޑީއެފަށް އިތުރުކުރި އެއާ ކޯގެ ސަބަބުންނެވެ.

މިކަމުގައި އިންޑިއާއިން މިހާތަނަށް ބުނަމުން އަންނަނީ ރާއްޖެ ފޮނުވީ އެ ގައުމުގެ ޓެކްނިކަލް މީހުން ކަމަށެވެ. އެކަމާ ގުޅޭގޮތުން ކުރާ ސުވާލުތަކަށް ދިވެހި ސަރުކާރުގެ އޮފިޝަލުން ދޭ ޖަވާބަކީ އިންޑިއާއިން ފޮނުވަނީ މަދަނީންކަން ކަށަވަރު ކުރާނެ ކަމެވެ. ނަމަވެސް، އެ ގައުމުން ފޮނުވަނީ މަދަނީންކަން ކަށަވަރުކުރާ ގޮތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.