Advertisement

މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ފްލެޓާއި ގޯތި ހަވާލު ކުރާނަން: ސޯލިހު

21 މާރިޗު 2024 - 00:44 3

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އިފްހާމަށް ތާއިދު ހޯދުމަށް މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ


މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ފްލެޓާއި ގޯތި ހަވާލު ކުރާނަން: ސޯލިހު

21 މާރިޗު 2024 - 00:44 3

އެމްޑީޕީގެ ސަރުކާރުން ދޫކޮށްފައިވާ ގޯއްޗާއި ފްލެޓު މި ސަރުކާރުން ހިފަހައްޓާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި، ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިއްޖެ ނަމަ އެ ގޯއްޗާއި ފްލެޓު ވަކި މުއްދަތެއްގެ ތެރޭގައި ހަވާލު ކުރާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މާފަންނު އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ އިފްހާމް ހުސައިން އަށް ތާއިދު ހޯދަން ބޭއްވި ޖަލްސާއެއްގައި، ސޯލިހު ވިދާޅުވީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތި ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމާމެދު ޝައްކެތް ނެތް ކަމަށެވެ. މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރީ އެހެންވެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެރިކަމުގެ ފަހުކޮޅުގައި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އިންސާފުވެރި ކަމާއެކީގައި، މާލޭން ގޯތި ލިބޭނެ ފަރާތްތަކާއި ފްލެޓު ލިބޭނެ ފަރާތްތައް ކަނޑައަޅައި ނިންމިން. ގުޅީފަޅާއި ގިރާވަރު ފަޅުންނާއި ހުޅުމާލޭ ފޭސް ތިނަކުން ގޯތި ދިނުމުގައި އެ ނިންމުން ނިންމަށް ވެސް ވަރަށް އުނދަގޫވި،" ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނިންމީ ފުރަތަމަ ކަމަކަށް މާލޭގެ ރައްޔިތުންނަށޭ މިކަން ކޮށްދޭން ޖެހެނީ. އެއަށް ފަހުގައި މާލޭގައި ދިރިއުޅޭ ގިނަ ދުވަސްވީ ރަށްވެހިންނަށް ވެސް ގޯތި ލިބޭނެ ގޮތް ވެސް ހަދައި ދިނިން. މިއަދު އެ ހުރިހާ ކަމެއް އެ ވަނީ ގާތްގަނޑަށް ހުއްޓާލާފައި."

އެ ގޯއްޗާއި އެ ފްލެޓުތައް ހަވާލު ނުކުރެވެންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ކަމަށާއި އެ ގޯތިތަކާއި ފްލެޓު ހިފެހެއްޓުމަކީ ގާނޫނީ ގޮތުން ކުރާ ކުށެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.

މިހާރު ކަނޑައަޅާފައިވާ ލިސްޓާ އެއްގޮތަށް ގޯއްޗާއި ފްލެޓު ދިނުމަށްޓަކައި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުން މުހިއްމުކަން ފާހަގަ ކުރެއްވުމުގެ ގޮތުން ސޯލިހު ވިދާޅުވީ "މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ... ވަކި މުއްދަތެއްގެ ތެރޭގަިއ އެކަން ހައްލު ކޮށްދީ ގޯއްޗާއި ފްލެޓު ހަވާލުކޮށްދޭނަން" ކަމަށެވެ.

ހިފަހައްޓައިގެން ނުހުރެވޭނެ. ބޭނުން ގޮތަކަށް އެ ލިސްޓު ބަދަލެއް ނުކުރެވޭނެ. އެ ޖާގައެއް އަޅުގަނޑުމެންނެއް ނުދޭނަން،" ސޯލިހު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ވަނީ ގެދޮރުވެރިޔާ ސްކީމަށް އެދި ހުށަހެޅި މީހުން ގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓު ދޭން ނިންމައިފަ އެވެ. ފުލެޓުތަކަށް އެދި ހުށަހެޅި 20،697 މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ހަމަވި އެވެ.

ޝަރުތު ހަމަވި މީހުންގެ ތެރެއިން ފުރަތަމަ 4000 ފުލެޓު ލިބޭ މީހުންގެ ގޮތުގައި މިދިޔަ ސަރުކާރުން ކަނޑައެޅީ ތިން ކޮޓަރީގެ އެޕާޓުމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އަކަށް ވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނާއި ދެ ކޮޓަރީގެ އެޕާޓުމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެިން 73 އަކަށްށްވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނަށެވެ.

ބިންވެރިޔާ ސްކީމުން 9،000 އަށް ވުރެ ގިނަ ގޯތި ވަނީ ދޫކޮށްފަ އެވެ. އެއީ ހުޅުމާލެއިން ދޫކުރާ 1،351 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2،219 ގޯއްޗާއި ގިރާވަރުފަޅުން ދޫކުރާ 5،433 ގޯއްޗެވެ. މި ގޯތިތަކުގެ ރަޖިސްޓްރީ ހަވާލު ކުރި ނަމަވެސް، މިހާރު ގޯތި އިމާރާތް ކުރަން ފެށެން އޮތް ހުޅުމާލޭން ދޫކުރި ގޯތިތައް އިމާރާތް ކުރުމުގެ ހުއްދަ ވެސް އަދި ނުދެ އެވެ.

މި ގައުމު ހަމަ މަގަށް އެޅޭނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ނަގައި، އެއަށް ފަހު އަލުން ވެރިކަމަށް ވެސް އެ ޕާޓީން އައިސްގެން ކަމަށް ސޯލިހު ވިދާޅުވި އެވެ.

އިތުރަށް ކިޔާލުމަށް