Advertisement

ޕީއެސްއެމް ހިމަނައިގެން ބިގްގެ 78 މިލިއަން ރުފިޔާގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގައިފި

19 މާރިޗު 2024 - 23:25 0

އަމަން ހަލީމް

އަމަން ހަލީމް

ޕީއެސްއެމް: އެ ކުންފުނިން މައްސަލަ ކޯޓަށް ހުށަހެޅީ ބިގްއަށް 30 މިލިއަން ރުފިޔާ ދިނުމަށް ފަހު -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ޕީއެސްއެމް ހިމަނައިގެން ބިގްގެ 78 މިލިއަން ރުފިޔާގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގައިފި

19 މާރިޗު 2024 - 23:25 0

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވުޖޫދުކުރި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ބިޒްނަސް އިމޭޖިން ގްރޫޕް (ބިގް) އަށް ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމް ކުރި މައްސަލައެއް އަލުން ބަލަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހައި ކޯޓުން އަލުން ބަލަން އެންގީ އެމްއެންބީސީއާ ވެވުނު އެއްބަސްވުމެއްގެ ދަށުން ބިގްއަށް 78.5 މިލިއަން ރުފިޔާ ދޭން ދަށު ކޯޓުން ކުރި ހުކުމެކެވެ. މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިންނެވެ.

ޕީއެސްއެމްއިން މި މައްސަލައިގެ ތެރެއަށް ވަދެ، މައްސަލަ ކޯޓަށް ހުށަހެޅީ، 2016 ގައި ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކުރަން ކަމަށް ބުނެ 2019 ގައި ބިގްއަށް ފައިސާތަކެއް ދޫކުރުމަށް ފަހުގަ އެވެ. ހުކުމުގައިވާ ގޮތުގައި ޕީއެސްއެމްއިން ފައިސާ ދެއްކުން ހުއްޓާލީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިރުޝާދަކާ ގުޅިގެން ފިނޭންސް މިނިސްޓްރީން އަންގައިގެންނެވެ.

ފައިސާ ދެއްކުން ހުއްޓާލިއިރު ޕީއެސްއެމްއިން ވަނީ ފިނޭންސްއިން ލޯނެއް ނަގައިގެން ބިގްއަށް 30 މިލިއަން ރުފިޔާ ދައްކާފަ އެވެ. ޕީއެސްއެމްއިން ކޯޓުގައި ބުނީ ބިގްއަށް މި ފައިސާ ދޫކުރީ "ނޭނގިގެން ނުވަތަ އޮޅިގެން" ކަމަށެވެ.

މި މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ޕީއެސްއެމް ހިމަނައިގެން ދަށު ކޯޓުގައި އަލުން މައްސަލަ ކުރިއަށް ގެންދިއުމަށް އެ މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކޮށްފަ އެވެ. ސަބަބެއް ކަމަށް، މި މައްސަލައިގައި އަގުލަބިއްޔަތު ލިބުނު ފަނޑިޔާރު ފަރުހީޒާގެ ރައުޔުގައި ބަޔާންކޮށްފައިވަނީ، މި މައްސަލައިގައި މަސްލަހަތު ބޮޑުކަމަށް ފެންނަނީ ދަށު ކޯޓުގައި ޕީއެސްއެމްއަށް ބަސް ބުނުމުގެ ފުރުސަތުދީ، ޝަރީއަތްކުރެވުމުން ކަމަށް ވާތީ އެވެ.

ފަނޑިޔާރު ފަރުހީޒާގެ ރައުޔަށް ތާއީދުކުރެއްވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. މި މައްސަލައިގައި ރައުޔު ތަފާތުވީ ފަނޑިޔާރު މުހައްމަދު ނިޔާޒު ނިންމެވީ ޕީއެސްއެމްއަކީ އެމްއެންބީސީގެ ދަރަންޏަށް ޒިންމާވާން ޖެހޭނެ ފަރާތަކަށް ނުވާތީ ސިވިލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ޖެހޭ ތަނެއް ނެތް ކަމަށެވެ.