25 މާރިޗު 2024 - 05:54 12
އަހުމަދު އާއިދު
25 މާރިޗު 2024 - 05:54 12
ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާއި އަމިއްލަ ޖަމިއްޔާ, ޖަމާއަތްތަކަށް ކުވެއިތު ފަންޑުން އެހީ ފޯރުކޮށްދެ އެވެ. އެފަދަ އެއް މަޝްރޫއުއަކީ މިހާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލުގެ ޖަމިއްޔާ، އަބްދުﷲ ހަލީލު ފައުންޑޭޝަން (އޭކޭ ފައުންޑޭޝަން) އިން، އޭނާގެ އުފަން ރަށް، ފ. ނިލަންދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި، މީގެ ހައެއްކަ އަހަރު ކުރިން ހަދަން ފެށި ދެ ބުރި އިމާރާތެވެ. އެ އިމާރާތުގައި ހިމެނެނީ ހަތަރު ކްލާސްރޫމާއި، ކޮމްޕިއުޓަރު ލެބެއްގެ އިތުރުން ޓްރެއިނިން ރޫމަކާއި ލައިބްރަރީ އެކެވެ.
"މިއީ ނިލަންދޫގެ ތާރީހުގައި ޖަމިއްޔާއަކުން ކުރެވޭ މިފަދަ އެންމެ ބިޔަ ބޮޑު މަސައްކަތް،" އޭކޭ ފައުންޑޭޝަނުގެ ފޭސްބުކް ޕޭޖުގައި ޖެނުއަރީ 29، 2019 ގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެ އެވެ.
އެ މަޝްރޫއުއަށް ހިނގާނެ ޖުމުލަ ހަރަދުގެ ގޮތުގައި، ކުވައިތު ފަންޑަށް ހުށަހެޅި ޕްރޮޕޯސަލްގައި ލިޔެފައި ވަނީ 300،000 ޑޮލަރެވެ. އެ މަޝްރޫއަށް ކުވެއިތު ފަންޑުން ބޭނުންވާ ކަމަށް ހުށަހަޅާފައި އޮތީ 200،000 ޑޮލަރެވެ. އެ ފައިސާ ކުވައިތުން ހަމަޖެއްސި އެވެ. އެ އެހީ ލިބުނުކަން މީޑިއާތަކުން އޮގަސްޓު 3، 2017، ގައި ރިޕޯޓުކުރީ ސްރީ ލަންކާގެ ކޮލަމްބޯގައި ހުންނަ ކުވައިތުގެ އެމްބަސީން ނެރުނު ބަޔާނާ ގުޅިގެންނެވެ. ނަމަވެސް އަދިވެސް އިމާރާތް ނުނިމެ އެވެ.
މިކަމުގެ ފުނަށް ފީނުމަށްޓަކައި މަޝްރޫއުގެ ޕްރޮޕޯސަލާއި އޭކޭ ފައުންޑޭޝަނުގެ ބޭންކު ސްޓޭޓްމަންޓާއި ޕްރޮގްރެސް ރިޕޯޓާއި ކުވެއިތު އެމްބަސީގެ ބައެއް ސިޓީތަކާއި މަޝްރޫއުއާ ގުޅޭ ގޮތުން ސަރުކާރުގެ ބައެއް މުއައްސާތަކުން ދޫކޮށްފައިވާ ސިޓީތަކާއި މަޝްރޫއާ ގުޅޭ މާލީ ބައެއް މުއާމަލާތަތަކާއި ޝާއިއުކޮށްފައިވާ މީޑީއާ ރިޕޯޓުތައް މި ނޫހުން ބަލައިލީމެވެ.
އޭކޭ ފައުންޑޭޝަނުން ކުވެއިތު އެމްބަސީއަށް ފޮނުވި ޕްރޮޕޯސަލްގައިވާ ހިނގާނެ ކަމަށް ބުނި ހަރަދުތައް
ދެ ބުރިއަށް ހަދާ އެ އިމާރާތުގެ އިންފްރާސްޓްރަކްޗާ މަސައްކަތަށް ޖުމްލަ 130،000 ޑޮލަރު، އަދި ކަރަންޓު ސާމާނާއި ފަރުނީޗަރާއި އެހެނިހެން ވަސީލަތްތައް ހޯދަން 70،000 ޑޮލަރު ހަރަދު ވާނެ ކަމަށް ޕްރޮޕޯސަލްގައި ބުނެފައިވެ އެވެ. އަދި އެހެން މަސައްކަތްތަކަށް ހޭދަވާނެ ކަމަށް ބުނެފައިވާ 100،000 ހޯދަން ރާވާފައި އޮތީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީންނެވެ.
ބޭންކު ސްޓޭޓުމެންޓުން އެނގޭ ގޮތުގައި ކުވެއިތު ފަންޑުގެ ފުލް އެހީ ޖޫން 25، 2018 ގެ ނިޔަލަށް އޭކޭ ފައުންޑޭޝަންގެ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ. ފައިސާ ލިބެމުން ދިޔައީ މަސައްކަތް ނިންމަމުން ދިޔަ މިންވަރަކަށެވެ.
ނަމަވެސް ކުވައިތު ފަންޑުން ލިބުނު ގިނަ އަދަދެއްގެ ޑޮލަރު ޓްރާންސްފާކޮށްފައި ހުރީ ހަލީލުގެ އަމިއްލަ އެކައުންޓަށް ކަން ބޭންކު ސްޓޭޓުމެންޓުން ދައްކަ އެވެ. .
ހަލީލުގެ އަމިއްލަ އެކައުންޓަށް ޑޮލަރު ޖަމާކުރި އަދަދުތަކާއި ތާރީހުތައް:
ކުވައިތުން ދިން އެހީގެ ތެރެއިން ހަލީލުގެ އަމިއްލަ އެކައުންޓަށް ޖުމްލަ 89،080 ޑޮލަރު ޓްރާންސްފާކޮށްފައިވެ އެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 1.3 މިލިއަން ރުފިޔާ އެވެ. ހަލީލުގެ އަމިއްލަ އެކައުންޓުން އޭކޭ ފައުންޑޭޝަންގެ އެކައުންޓަށް ދެ ފަހަރެއްގެ މަތިން ޖުމްލަ 8،080 ޑޮލަރު ޖަމާކޮށްފައިވެ އެވެ.
އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު އެކައުންޓަށް ދެ ފަހަރެއްގެ މަތިން 20،000 ޑޮލަރު އަދި އަދި ހަލީލުގެ ކޮއްކޮ ޝަމްސުﷲ ފަޒީލްގެ އެކައުންޓަށް 2،100 ޑޮލަރު ވެސް އޭކޭ ފައުންޑޭޝަނުން ޖަމާކޮށްފައިވެ އެވެ.
އެ ދުވަސްވަރުގެ ބޭންކު ސްޓޭޓުމެންޓުން ފެންނަ ގޮތުން އެ ޖަމިއްޔާއިން ފައިސާ ދީފައިވަނީ ދިވެހި އެންމެ ކުންފުންޏަކަށެވެ. އެއީ އައިމް ކޮންސްޓްރަކްޝަން އެވެ. އެ ކުންފުންޏަށް ދެ ފަހަރެއްގެ މަތިން ޖުމުލަ 9،050 ޑޮލަރު ޖަމާކޮށްފައިވެ އެވެ.
އައިމް ކޮންސްޓްރަކްޝަންގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ހަލީލުގެ އެއްބަނޑު އެއްބަފާ ތިން ބެއިންނެވެ. އެއީ ޝަމްސުﷲ، ފަތުހުﷲ އަގީލް އަދި ނަސްރުﷲ ޖަލީލް އެވެ.
އަބްދުﷲ ހަލީލު އަދަދު ނޫހަށް ވިދާޅުވި ގޮތުގައި އައިމްއާ ހަވާލުކުރީ އެ އިމާރާތުގެ އަމަލީ މަސައްކަތެވެ. އެ ކުންފުންޏަށް ދީފައިވާ ފައިސާއަކީ އެ މަސައްކަތުގެ އުޖޫރަ އެވެ.
ނިލަންދޫ ސްކޫލުގައި އޭކޭ ފައުންޑޭޝަނުން ހަދަން ފެސި އިމާރާތް
ނިލަންދޫ ސްކޫލުގައި ދެ ބުރީގެ އިމާރާތެއް ހެދުމަށް އޭކޭ ފައުންޑޭޝަނުން ފެށި މަޝްރޫއުގެ ދަށުން އެކިއެކި ކުންފުނިތަކަށް އެތައް ހާސް ޑޮލަރެއްގެ ދައްކާފައިވެ އެވެ. އެންމެ ފުރަތަމަ ޕޭމަންޓެއް ހަދާފައިވަނީ ޗައިނާގެ 'ޝިއަމެން އަލޮޓް ސްޓޯން' ކިޔާ ކުންފުންޏަކަށެވެ. އެއީ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިމާރާތް ފަރުމާ ކުރުމަށް ދިޔަ ހަރަދު ކަމަށް ބެލެވެ އެވެ. ނަމަވެސް މި ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން މިއީ ތަށިމުށި ވިއްކާ ކުންފުންޏެކެވެ. އެ ކުންފުންޏަށް ދައްކާފައި ވަނީ ފުރަތަމަ ފިޔަވަހީގެ ދަށުން ކުވެއިތުން ދިން 2،700 ޑޮލަރުގެ ތެރެއިން 1،838 ޑޮލަރެވެ.
އެންމެ ގިނަ ފައިސާ ދައްކާފައި ވަނީ ޗައިނާގެ ދަގަނޑު ވިއްކާ ކުންފުންޏަކަށެވެ. 'ހެބޭ ޝައޮހޮން ސްޓީލް ސްޓްރަކްޗާ' ނަމަކަށް ކިޔާ ކުންފުންޏަށް ޖުމްލަ 57،900 ޑޮލަރު ދައްކާފައިވެ އެވެ. އެ ފައިސާ ފޮނުވާފައި ވަނީ ޖެނުއަރީ 7، 2018 އަދި ޖެނުއަރީ 29، 2018 ގަ އެވެ.
އޭކޭ ފައުންޑޭޝަންގެ ފޭސްބުކް ޕޭޖަށް ބަލާއިރު އެ ތަކެތި މާލެ ގެނެސް ނިލަންދޫއަށް ގެންގޮސްފައި ވަނީ މާޗު 19، 2018 ގަ އެވެ.
ބޭންކު ސްޓޭޓްމަންޓުން ދެން ފެންނަނީ ކުޅިވަރު ސާމާނު އަދި ކުޑަކުދިންގެ ޕާކުތަކަށް ހާއްސަ ސާމާނު ވިއްކާ ކުންފުންޏަކަށް ފޮނުވާފައިވާ ފައިސާ އެވެ. ޗައިނާގެ 'ގުއަންޒޯ ޖިންމިކި ސްޕޯޓްސް އިކުއިޕްމަންޓު' އަށް 44،477 ޑޮލަރު ފޮނުވާފައި ވަނީ ޖެނުއަރީ 18، 2018 ގަ އެވެ. ބާކީ 11،666 ޑޮލަރު ޗައިނާގެ ކުންފުންޏަށް ފޮނުވާފައި ވަނީ ފެބްރުއަރީ 6، 2018 ގަ އެވެ.
ނިލަންދޫ ސްކޫލު އިމާރާތުގެ މަޝްރޫއުގައި ކުޅިވަރު ސާމާނު ނުވަތަ ޕާކެއް ތަރައްގީ ކުރުމުގެ އެއްވެސް ވާހަކައެއް ނެތެވެ. ކުވެއިތުން އެފަދަ މަސައްކަތަކަށް ފައިސާ ދީފައެއް ނުވެ އެވެ.
ނަމަވެސް އޭކޭ ފައުންޑޭޝަނުގެ ފޭސްބުކް ޕޭޖުގައި ކުޑަކުދިން ޕާކު ތަރައްގީ ކުރަން ކުވެއިތުން ފައިސާ ދިން ކަމަށް ބުނެފައިވެ އެވެ. އެ ޕާކުގެ ސާމާނު އޮކްޓޯބަރު 27، 2018 ގައި ނިލަންދޫއަށް ގެންދިޔަ ކަމަށް ވެސް އެ ޕޭޖުގެ ޕޯސްޓުތަކުން ފެންނަން އެބަހުއްޓެވެ.
މީގެ އިތުރުން 'އެކްސްއެލް ގްރޫޕް އިންޑަސްޓްރިއަލް ލިމިޓެޑު' ކިޔާ ޗައިނާގެ ކުންފުންޏަކަށް 5،000 ޑޮލަރު ފޮނުވާފައިވެ އެވެ. އެ ކުންފުންޏަކީ ކޮންސްޓްރަކްޝަން ސާމާނު ސަޕްލައި ކުރާ ކުންފުންޏެއް ކަމަށް ކުންފުނީގެ ވެބްސައިޓުގައިވެ އެވެ.
އޭކޭ ފައުންޑޭޝަންގެ މި މަޝްރޫއަށް އެތެރެކުރި ތަކެތީގެ އިމްޕޯޓު ޑިއުޓީ މައާފުކޮށް ދީފައިވެ އެވެ.
އޭކޭ ފައުންޑޭޝަނުންގެ ޑޮލަރު އެކައުންޓުގެ ބައެއް ޓްރާންސެކްޝަންތައް
އޭނާގެ އަމިއްލަ އެކައުންޓާއި ފަލާހު އަދި ކޮއްކޮގެ އެކައުންޓަށް ފައިސާ ޖަމާކުރި ސަބަބެއް ކަމުގައި ހަލީލު ދެއްކެވީ ޑޮލަރު މާރުކުރުމެވެ.
"ރާއްޖޭގަ މުއާމަލާތް މި ކުރަނީ ޑޮލަރަކުން ނޫން ރުފިޔާއިން، އެހެންވެ ފައިސާ ލިބުނީމަ އެ ކޮންވާޓުކުރަން ޖެހޭނެ. ރުފިޔާއަށް ކޮންވާޓުކޮށްގެން ގަންނަންޖެހޭ އެއްޗެއް މި ގަންނަން ޖެހެނީ، ރާއްޖެއިން ބޭރުގެ އެކައުންޓުތަކަށް ވެސް ހުންނާނެ ޓްރާންސްފާ ކޮށްފަ. އެއީ ރާއްޖެއިން ބޭރުން ގަންނާނީ ޑޮލަރުން ދެއްތޯ،" އޭނާ ވިދާޅުވި އެވެ.
ޑޮލަރު މާރުކޮށް އެ ފައިސާ، ރުފިޔާ އެކައުންޓަށް ވެއްދިކަން އަދަދު ނޫހަށް ލިބިފައިވާ ސްޓޭޓުމެންޓުން އެނގޭކަށް ނެތެވެ.
ލިޔުންތަކުން އެހެން މައްސަލައެއް ތިލަވެ އެވެ. ކުވައިތު ފަންޑުން ބައިބަޔަށް ފައިސާ ދޫކުރީ މަސައްކަތް ނިމެމުންދާ މިންވަރަށް، ޕްރޮގްރެސް ރިޕޯޓަށް ބަލައިގެން ނަމަވެސް، ހަތަރު ވަނަ ފޭހަށް ބޭނުންވާ 19,420 ޑޮލަރު ހޯދަން ހުށަހެޅިއިރު، ތިން ވަނަ ފޭހުގެ މަސައްކަތް ނުނިމެ އެވެ.
ތިން ވަނަ ފޭހުގައި ކުރަން ހުރި ކަންކަމުގެ ގޮތުގައި ރޭނުމާއި ސިމެންތި ޖެހުމާއި ކުޑަދޮރު ހަރުކުރުން ފަދަ މަސައްކަތްތައް ހިމެނެ އެވެ. އެންމެ ފަހު މަސައްކަތުގެ ގޮތުގައި ހަތަރު ވަނަ ފޭހުގައި ކުރަން ޖެހޭ ކަމަށް ކުވެއިތަށް ފޮނުވި ރިޕޯޓުގައި ލިޔެފައި އޮތީ ކުލަލުމާއި ކަރަންޓު ވަޔަރު ކުރުމެވެ.
އިމާރާތް އެ ހިސާބަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުގައި ލިޔެފައި އޮތަސް، ފެންނަން ހުރީ ހަމައެކަނި އިމާރާތުގެ ދަގަނޑު ސްޓްރަކްޗާއެކެވެ. މަޝްރޫއު އެ ހިސާބަށް ގެންގޮސްފައި ހުއްޓައިލީ ހަލީލު ވިދާޅުވި ގޮތުން ލިބުނު ފަންޑުން ނުފުދިގެންނެވެ.
އޭކޭ ފައުންޑޭޝަންގެ ރުފިޔާ އެކައުންޓުގެ ސެޓޭޓުމެންޓުތަކުގެ ތެރެއިން އަދަދު ނޫހަށް ލިބިފައިވާ ސްޓޭޓުމެންޓުން، އޮކްޓޯބަރު 21، 2016 އިން އޭޕްރީލް 2، 2018 ގެ ނިޔަލަށް ގާތްގަނޑަކަށް ހަ ލައްކަ ރުފިޔާ އެ ޖަމިއްޔާއަށް ލިބިފައިވެ އެވެ. އެ މުއާމަލާތްތަކުގެ ތެރެއިން, ސަރުކާރުގެ ބައެއް ކުންފުނިތަކުން އެ އެކި ފަހަރު މަތިން ޖުމުލަ 140،000ރ. ޖަމާކޮށްފައިވެ އެވެ.
ނަމަވެސް، ހަލީލުގެ ޖަމިއްޔާގެ ފަހުރެއްގެ ގޮތުގައި ދެކުނު، އަދި ރަށުގެ ދަރިވަރުން އުނގެނުމަށް ތަނަވަސް ޖާގައެއް ހޯދައި ދިނުމަށް ހަދަން ފެށި އިމާރާތަށް ހަ އަހަރަށް ވުރެ ގިނަ ދުވަސް ވެގެންދާއިރު، ފެންނަން ހުރި މަސައްކަތެއްގެ ގޮތުގައި ހުރީ ދަގަނޑު އޮނިގަނޑެވެ. އެ އޮނިގަނޑު ވެސް މިހާރު އެ ހުރީ ދަބަރަށް ވުމަށް ދޫކޮށްލައިފަ އެވެ.
0.00%
9.52%
85.71%
4.76%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކައިރިކައިރިން
12 months ago
ފޮޓޯއިން ފެންނަ އިމާރާތުގެ އޮނިގަނޑުން މިކަން އެބަ ރިއަލައިޒްވޭ. އެކަމަކު ދެރަކަންކަން. ޑރ.ޚަލީލަކީ ވަރަށް ގަދަރު ކުރެވޭ ބޭފުޅެއް، އެކަމަކު ބިތު ފަންގެ ނެގީމާ ފެންނަނީ ކެޔޮކޭ ވަރު. ހިތާމަހުރި.
ކައުންސެލަރު
12 months ago
އޯކޭ! ޚަލީލު ވައްކަން ކުރިއްޔޯ؟ ދެން ވައްކަން ކުރިކަން އެނގުނީ އިންތިޚާބު ބޯމަތިވީމަތަ؟ މިނޫހަކީ މުޅިން މިކަހަލަ ކޮސްއަނގަތަޅާނޫހެއް. އެހެންވެ މިއަށް ނުވަންނަނީވެސް ހުވާ މިބުނީ. ރިޔާސީ އިންތިޚާބުގައި ދޮންއަމާ ގައިގައި އަޅައިގަނެގެން އުޅުނު ފިޔާޒުވެސް މިކަހަލަ ޖަމަލު ފޮޑިއެއްޖެހި. އެވެސް އެންމެފަހުން ގޮވީއަތަށް. މަދެލޯފުޅާބުނަން ވާހަކައެއް. މިއޮއްފަދަ ރޯދަމަހު ތިޔަކަހަލަ ކޮސްގޮވަންޏާ ކުރިކަންތައް ނުކުރާކަމަކަށް ނޫނީނުވާނެ. މޮޔަނުވެބަލަ
ރަންބެ
12 months ago
ހަލީލްގެ ކޮން އިންތިހާބެއް ބޯމަތިވެގެން ތިޔައުޅެނީ
ކެކެކެކެ
12 months ago
އިންތިޚާބު ބޯމަތިވީމަތަ ޚަލީލު ކުރި ވައްކަން އޯކޭވަނީތަ ނޫނީ ވައްކަމަކަށް ނުވަނީތަ ؟؟
އަލިބެ
12 months ago
ކައުންސެލަރު ވެސް ކޮމެންޓު ތި ކުރީ އަދަދު ނޫހަށް ވަދެގެން. އަދަދު ނޫހަކީ ފެށުނީއްސުރެ އިތުބާރު ބޮޑު ނޫހެއް.
އޯކޭނުން
12 months ago
ވައްކަން ކުރިވަރަކަށް ގަދަރު ބޮޑުވެ މަގާމު މަތިވާ ގައުމެއްމީ
ށ. ފުނަދޫ އިން
12 months ago
ދުނިޔޭގެ ތަހުޒީބު މުޖުތަމައުތަކުގައި މިކަހަލަ ކަމެއް ފަޅާއެރުމުން އެ ވަޒީރަކު އަމިއްލައަށް އިސްތިއުފާދޭ. އަދި ސަރުކާރުން އިންކުއަރީއެއްވެސް ހަދާ. އެކަމަކު މިއީ ދިވެހި ރާއްޖެ ވިއްޔަ! ވެލްކަމް ޓު ގޭންގްސްޓަރސް ޕެރަޑައިސް
ސްކޫލުންވެސް ވައްކަން!
12 months ago
ދިވެހި ދަރިންގެ މުސްތަގުބަލު ތިޔަ ނަގާލަނީ އަމިއްލަ މަންފާއަށް! ނަމުގަ ﷲ އިންނައިރުވެސް ހެއްދެވިފަރާތަށް އެއްވެސް ބިރެއް ނެތި ހަރާން ފައިސާއިން މުއްސަނދި ވެވޭތޯ އަވަދިނެތި!
ޖަލީލުގެ ޅިޔަނު
12 months ago
ލިބުނު ފައިސާއިން ނިރޮޅުމަގުގައި މީނާ ހާޑުވެއާރ އެއް ހުޅުވީ
އެކަލަ މީހާ
12 months ago
ހަޖަމް ކޮއްލަންޖެހޭނީ. މޭވާ އަޅާ ގަހަކަށް ގާ އުކާނީ
ޕޮލިސް ކުއްޖާ
12 months ago
ކަލޭނޭ ފައްތޮ އާ ނަސްރުއާވެސް ބައިވެރި ވެފަ! ޕޮލިސް އާ ސިފައިންނަށްވެސް ހުތުރު. ދެން އަހަރުންވީ މި އޮފިސަރުންނަށް ސެލިއުޓްކުރަން
އެއްކަލަ މީހާ
12 months ago
ހަޖަމް ކޮއްލަން ޖެހޭނީ ހަމަ. ކިތަމަ ފުއްޕާފަ އުޅުނަސް އެދެމީހުން އޮފީސް ވަގުތުގަ ފެނުނީމަޖެހޭނީ ހަމަ ސެލިއުޓް ނަގާ ސަލާމް ގޮވަށް. ވަރަށް ސަލާމް ޕޮލިސް ކުއްޖާއަށް އިންގޭ
Comment