Advertisement

ޔުނައިޓެޑްގެ މައިނޫ އިނގިރޭސި ސީނިއާ ޓީމަށް ޕްރޮމޯޓްކޮށްފި

19 މާރިޗު 2024 - 21:54 0


ޔުނައިޓެޑްގެ މައިނޫ އިނގިރޭސި ސީނިއާ ޓީމަށް ޕްރޮމޯޓްކޮށްފި

19 މާރިޗު 2024 - 21:54 0

ލަންޑަން (މާޗް 19) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ 18 އަހަރުގެ މިޑްފީލްޑަރު، ކޯބީ މައިނޫ، އިނގިރޭސި ސީނިއާ ގައުމީ ޓީމުގެ ސްކޮޑަށް ނަގައިފި އެވެ.

އެންމެ ފުރަތަމަ މައިނޫ ހިމެނީ 21 އަހަރުން ދަށުގެ ޓީމުގައި ކަމަށް ވިޔަސް، މިހާރު އޭނާ ވަނީ ސީނިއާ ޓީމަށް ޕްރޮމޯޓްކޮށްފަ އެވެ. އެއީ، އިނގިރޭސި ކޯޗިން ސްޓާފުންނާ މަޝްވަރާ ކުރުމަށް ފަހު، ސީނިއާ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ނިންމި ނިންމުމެކެވެ.

އިނގިރޭސި ޓީމުން ހޮނިހިރު ދުވަހު ކުޅޭނީ ބްރެޒިލާ ދެކޮޅަށެވެ. އަދި އޭގެ ތިން ދުވަސް ފަހުން، ބެލްޖިއަމާ ބައްދަލުކުރާނެ އެވެ. ބައިނަލްއަގުވާމީ އެކުވެރިކަމުގެ މި ދެ މެޗު ވެސް ކުޅޭނީ، އިނގިރޭސި ރަސްމީ ސްޓޭޑިއަމް، ވެމްބްލީގަ އެވެ.

މި ދެ މެޗަކީ، ޖޫން/ޖުލައި ގައި ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްކޮޑު ނެގުމުގެ ކުރިން، އިނގިރޭސި ޓީމުން ކުޅޭނެ ފަހު މެޗުތަކެވެ.


ޔުނައިޓެޑްގެ އެކެޑަމީން ތަމްރީންވަމުން އަންނަ މައިނޫ ވަނީ އުމުރުފުރާ ލެވަލްގައި އިނގިރޭސި އެކި ގައުމީ ޓީމުތަކަށް ކުޅެފަ އެވެ. އެ ގޮތުން، 17، 18 އަދި 19 އަހަރުން ދަށުގެ އިނގިރޭސި ގައުމީ ޓީމަށް ކުޅެފައިވެ އެވެ.

ޔުނައިޓެޑްގެ ކޯޗު، އެރިކް ޓެން ހާގްގެ އިތުބާރު ހޯދައި، މައިނޫ އަންނަނީ ޔުނައިޓެޑްގެ ގިނަ މެޗުތަކެއްގައި މި ފަހުން ކުޅެމުންނެވެ. އެ ގޮތުން، މިދިޔަ ނޮވެމްބަރު މަހު، ޔުނައިޓެޑްގެ ސީނިއާ ޓީމަށް ފުރަތަމަ ފަހަރަށް ކުޅުމަށް ފަހު، އޭގެ ފަހުން، އޭނާ ވަނީ ޔުނައިޓެޑަށް 19 މެޗުގައި ކުޅެދީފަ އެވެ.

އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ނިއުޕޯޓް ކޮޅަށް މައިނޫ ލަނޑު ޖެހި އެވެ. އޭގެ ހަތަރު ދުވަސް ފަހުން، އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް އަތުން ޔުނައިޓެޑް މޮޅުކޮށްދޭން މެޗުގެ އިތުރު ވަގުތުގައި ވެސް ލަނޑު ޖެހީ މައިނޫ އެވެ.

މައިނޫގެ އިތުރުން މި ފަހަރު އިނގިރޭސި ޓީމުން ފުރުސަތު ހޯދި އެހެން ކުޅުންތެރިންނަށް ބަލާއިރު، ނިއުކާސަލް ޔުނައިޓެޑްގެ އެންތަނީ ގޯޑަން އާއި އެވަޓަންގެ ޖެރަޑް ބްރަންތުވެއިޓް ވަނީ މުޅިން އަލަށް ސީނިއާ ގައުމީ ޓީމަށް އަރައިފަ އެވެ. ބްރެންޓްފޯޑްގެ ފޯވާޑް އައިވާން ޓޯނީ އާއި ލިވަޕޫލްގެ ޑިފެންޑަރު، ޖޯ ގޯމޭޒް ވަނީ މެދުކެނޑުމަކަށް ފަހު ޓީމުން އަލުން ފުރުސަތު ހޯދައިފަ އެވެ.