Advertisement

މާޗުގެ ފުރަތަމަ ހަފުތާ ނިމުނިއިރު ބަޖެޓު ދަރަނިވެއްޖެ

19 މާރިޗު 2024 - 21:35 0

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: މާޗުގައި އެންމެ ބޮޑަށް އިތުރުވީ ސަރުކާރުގެ އިދާރީ އަދި ހިންގުމުގެ ހަރަދުތައް --- އަދަދު ފައިލް ފޮޓޯ


މާޗުގެ ފުރަތަމަ ހަފުތާ ނިމުނިއިރު ބަޖެޓު ދަރަނިވެއްޖެ

19 މާރިޗު 2024 - 21:35 0

މި އަހަރުގެ ފުރަތަމަ ދެ މަހުގައި ލިބުނު އާމްދަނީއަށް ވުރެ ހަރަދުތައް މަދުވުމާ ގުޅިގެން ބަޖެޓު އަރަނިވުމަށް ފަހު، މާޗުގެ ތެރޭގައި ހަރަދުތައް އިތުރުވުމާ ގުޅިގެން ބަޖެޓު ދަރަނިވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުތަކުން ދައްކާ ގޮތުގައި މާޗުގެ ފުރަތަމަ ހަފުތާ ނިމުނުއިރު 165 މިލިއަން ރުފިޔާއިން ބަޖެޓު ދަރަނިވީއިރު، ދެވަނަ ހަފުތާ ނިމުނުއިރު ބަޖެޓު ދަރަނި 215 މިލިއަން ރުފިޔާއަށް އަރައިފި އެވެ.

ހަރަދުތައް އިތުރުވީ ގޮތަށް ބަލާއިރު، މިހާތަނަށް ހަރަދުކުރީ 7.4 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން ބޮޑު އިންސައްތައަކީ ރިކަރަންޓް ހަރަދުތަކެވެ. ރިކަރަންޓް ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ ސަރުކާރުގެ އިދާރީ އަދި ހިންގުމުގެ ހަރަދަށެވެ.

މާޗުގައި އެންމެ ބޮޑު އިތުރުވުމެއް އައީ ވެސް ސަރުކާރުގެ އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށެވެ. މާޗުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި މި ދާއިރާއިން 700 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި މުއްދަތުގެ ތެރޭގައި ދެން އެންމެ ބޮޑު ހަރަދެއް ހިނގީ ލޯނު ދެއްކުމަށާއި ލޯނުތަކުގެ އިންޓްރެސްޓް އަދާކުރުމަށެވެ.

އާމްދަނީއަށް ބަލާއިރު އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ މަދު އަދަދެއް ނަމަވެސް މި އަހަރުގެ ޓެކްސް އާމްދަނީ ކުރީ އަހަރަށް ވުރެ ރަނގަޅެވެ. އަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ވަދެފައިވާއިރު، މިއީ ކުރީ އަހަރަށް ވުރެ 348 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ލަފާކުރެވެނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބަޖެޓު ދަރަނި މިއަށް ވުރެ އިތުރުވާނެ ކަމަށެވެ. މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ 15 ބިލިއަން ރުފިޔާއިން ދަރަނި ބަޖެޓެކެވެ.

މިހާރު ބަޖެޓު ދަރަނި ނުވަތަ ޑެފިސިޓް ކުޑައީ އުމްރާނީ ތަރައްގީއަށް ހަރަދުކުރުން މަޑުޖައްސާލާފައި އޮތުމާ ގުޅިގެންނެވެ. ސަރުކާރުން ބުނަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މަޝްރޫއުތަކަށް ފައިސާ ހަމަޖެހޭ ވަރަކުން ތަރައްގީގެ މަޝްރޫއުތައް ހިންގުން އިތުރުވާނެ ކަމަށެވެ.