Advertisement

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭންގެ ފުރަތަމަ ދަތުރު ކުޑަހުވަދޫއަށް

19 މާރިޗު 2024 - 17:33 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެއާއެމްބިއުލާންސް ސީޕްލޭން ކުޑަހުވަދޫގައި: އެއާ އެމްބިއުލާންސްގެ ސީޕްލޭންގެ ފުރަތަމަ ދަތުރުކޮށްފި - ފޮޓޯ: މޯލްޑިވިއަން


އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭންގެ ފުރަތަމަ ދަތުރު ކުޑަހުވަދޫއަށް

19 މާރިޗު 2024 - 17:33 0

ކުއްލި ހާލަތުގައި ބަލި މީހުން އުފުލަން އެތެރޭގެ އެއާ އެމްބިއުލާންސްގެ އުދުހުންތަކަށް ބޭނުންކުރަން އެކަމަށްޓަކައި ހާއްސަކޮށް ތައްޔާރުކުރި ސީޕްލޭނުގެ ފުރަތަމަ ދަތުރު މިއަދު ކޮށްފި އެވެ.

ސޯޝަލް މީޑިއާ އަދި ވައިގެ އުދުހުންތަކުގެ މައުލޫމާތު ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިން މި ދަތުރުގެ ފޮޓޯތަކެއް އެކްސްގައި ހިއްސާކޮށްފައިވެ އެވެ. ބަލިމީހުން އުފުލުމަށް ބަދަލުކުރި ސީޕްލޭނުގެ އެތެރެ ފުރަތަމަ ފަހަރަށް މި ފޮޓޯތަކުން ފެންނައިރު، ބަލިމީހާ ބޭއްވުމަށް ސްޓްރެޗަރެއް ހަރުކޮށްފައިވާތަން ފެނެ އެވެ.

މަތިންދާ އުޅަނދުތައް ޓްރެކްކުރާ ފްލައިޓް ރާޑާ އިން ދައްކާ ގޮތުގައި ސީޕްލޭނުގެ ފުރަތަމަ ދަތުރު ކޮށްފައިވަނީ، ދ. ކުޑަހުވަދޫ އަށެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭނެއް ބޭނުންކުރަން ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ އިއުލާނުކުރެއްވީ ޑިސެމްބަރު 29، ގަ އެވެ.

ނ. މަނަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެއާ އެމްބިއުލާންސްގެ ހިދުމަތުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާނީ ޑޭޝް-8 މަރުކާގެ މަތިންދާ ބޯޓަކާއި، ސީޕްލޭނެއް ކަމަށެވެ.

"ސީޕްލޭން ބޭނުންކުރާނީ ދުވާލުގެ ގަޑީގައި [އެކަނި]. ސީޕްލޭންގެ އެޑުވާންޓޭޖަކީ ކޮންމެ ރަށެއް ކައިރިއަށް ވެސް ކުއްލި ހާލަތުގައި ކައިރިކޮށްލެވޭނެތީ," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސީޕްލޭން އަދި ޑޭޝް-8 މަރުކާގެ ބޯޓު ވެސް ބޭނުންކުރަން ފަށާނީ އެއާ އެމްބިއުލާންސެއް ގޮތަށް އެތެރެ ބަދަލުކޮށްގެން ކަމަށެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭނުގެ އެތެރެ - ފޮޠޯ: މޯލްޑިވިއަން


ރައީސް މިހެން ވިދާޅުވި ނަމަވެސް ޑޭޝް-8 ގެ އެތެރެ ބަދަލުކުރި ގޮތުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އެގޮތުން ސީޓުތައް ތިރިކޮށް ސްޓްރެޗާ ހަރުކޮށްފައި ހުރުމުން ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ.

ފާޑުކިޔުން އިތުރުވީ ޑޭޝް-8 ކަމަށް ބުނެ ފޭކް ފޮޓޯއެއް ސަރުކާރުގެ އޮފިޝަލުން ސޯޝަލް މީޑިއާގައި ދައުރުކުރުމާ ގުޅިގެންނެވެ. ޑޭޝް-8 އަދި ސީޕްލޭނުގެވެސް އެތެރޭގެ ފުރަތަމަ ފޮޓޯތައް މޯލްޑިވިއަނުން ހިއްސާކުރިއިރު ފެންނަނީ ޑޭޝް-8 އާ އެއްކަހަލަ މަންޒަރެކެވެ.

އެއްފަހަރާ ދެ މީހުން އުފުލުމުގެ ކެޕޭސިޓީ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މަތިންދާބޯޓާއި އެންމެ މީހަކު އުފުލޭ ގޮތަށް ފަރުމާ ކޮށްފައިވާ ސީޕްލޭންގައި ކުރިއަށް އޮތްތަނުގައި އޮންނަ ޑިމާންޑަށް ބަލައި ސްޓްރެޗަރު އިތުރު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ފެބްރުއަރީ 29، ގައި ވިދާޅުވި އެވެ.

އެ ބޯޓުތަކުގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން އަވަސް ފަރުވާ ދިނުމަށް ތަމްރީނުކޮށްފައި ތިބި 15 ހިދުމަތްތެރިން ހަރަކާތްތެރިވާނެ އެވެ. އެއާ އެމްބިއުލާންސްގައި ބަލި މީހުން އުފުލާނީ އެންމެ ކައިރީގައި ހުންނަ ޓާޝަރީ ހޮސްޕިޓަލަށެވެ.