Advertisement

ސާރީ އިސްތިއުފާ ދިނުމުން ލާޒިއޯ ކޯޗަކަށް ގެނައީ ޓޫޑޯ

19 މާރިޗު 2024 - 12:04 0


ސާރީ އިސްތިއުފާ ދިނުމުން ލާޒިއޯ ކޯޗަކަށް ގެނައީ ޓޫޑޯ

19 މާރިޗު 2024 - 12:04 0

ރޯމް (މާޗް 19) - ލާޒިއޯގެ ކޯޗުގެ މަގާމުން އިޓަލީގެ މައުރީޒިއޯ ސާރީ އިސްތިއުފާ ދިނުމާ އެކު، އެ މަގާމަށް ކުރިން ޔުވެންޓަސް އަށް ކުޅުނު، ކްރޮއޭޝިއާގެ އީގޯ ޓޫޑޯ ހަމަޖައްސައިފި އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު، ލާޒިއޯ ކޯޗުކަމުން ސާރީ އިސްތިއުފާދޭން ނިންމީ، އޭނާ ހުއްޓައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވުމުންނެވެ. ސާރީ، 65، މަގާމުން ދުރުވީ ބަދަލެއް އަންނަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ބުނުމަށް ފަހު އެވެ.

އެންމެ ފަހުން، އިޓާލިއަން ލީގުގައި ލާޒިއޯ އިން މިދިޔަ ހޮނިހިރު ދުވަހު، ފްރޮސިނޯނޭ އަތުން މޮޅުވި މެޗުގައި ލާޒިއޯ ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު، ޖިއޮވާނީ މާޓުޝިއޭލޯ އެވެ.

އެކަމަކު، ލާޒިއޯ އިން، ޓޫޑޯ، ކޯޗަކަށް ހަމަޖެއްސުމުން، ދެން އެންމެ އަވަހަށް އެ ޓީމުން ކުޅޭ މެޗުގައި، މި މަހު 30 ގައި ޔުވެންޓްސްއާ ދެކޮޅަށް ލާޒިއޯ ނުކުންނައިރު، އެ ޓީމުގެ ކޯޗަކަށް ހުންނާނީ ޓޫޑޯ އެވެ. ޓޫޑޯ ވަނީ ކުޅުމުގެ ކެރިއަރަށް ބަލާއިރު، 1998-2007 އަށް ޔުވެންޓަސްގައި ހޭދަކޮށްފަ އެވެ.

ކޯޗިން ކެރިއަރަށް ބަލާއިރު، އިޓާލިއަން ލީގުގައި ވެސް ޓޫޑޯ މަސައްކަތްކޮށްފައިވެ އެެވެ. އެއީ އުދިނޭޒީ އާއި ހެލަސް ވެރޯނާގަ އެވެ. އެންމެ ފަހުން، ޓޫޑޯ ހުރީ ފްރާންސްގެ ގަދަބާރު މާސޭގަ އެވެ. މާސޭ އަށް މިދިޔަ ސީޒަނުގައި ފްރެންޗް ލީގުގެ ތިން ވަނަ ހޯދައިދީފައިވެ އެވެ.

ލާޒިއޯ މި ވަގުތު އޮތީ އިޓާލިއަން ލީގުގެ ނުވަ ވަނައިގަ އެވެ. އެ ޓީމު ވަނީ އިޓާލިއަން ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ސެމީގައި ބައްދަލުކުރަން ޖެހެނީ ދެ ލެގު ކުޅޭ ގޮތަށް، ޔުވެންޓަސްއާ އެެވެ.