Advertisement

ނަމާދުކުރާ އަޑު ބޭރަށް އިއްވުމާ މެދު ޝަހީމް ދެއްކެވި ވާހަކަ، ފާޑުކިއުންތަކާއެކު ބަދަލުވެއްޖެ

18 މާރިޗު 2024 - 15:57 5

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު. ފޮޓޯ:އަދަދު


ނަމާދުކުރާ އަޑު ބޭރަށް އިއްވުމާ މެދު ޝަހީމް ދެއްކެވި ވާހަކަ، ފާޑުކިއުންތަކާއެކު ބަދަލުވެއްޖެ

18 މާރިޗު 2024 - 15:57 5

ގޭބިސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުގައި ބަންގި އާއި ގަމަތުގެ އަޑު ބޭރަށް ހުރުން ރަނގަޅު ކަމަށާއި ނަމާދުކުރާ އަޑު ރަނގަޅީ މިސްކިތުގެ އެތެރެއަށް ހުންނަ ގޮތަށް ބެހެއްޓުން ކަމަށް ވިދާޅުވީ ވަކި ހާއްސަަ މިސްކިތަކާބެހޭ ގޮތުން އަމިއްލަ ހިޔާލެއްގެ ގޮތުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ޝަހީމް އެ ހިޔާލު ފާޅުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

"ގޭބިސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދު ތަކުގައްޔާއި ތަރާވީޙު ނަމާދާއި ދަމު ނަމާދުގައި، މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތަށް ކުރުން ރަނގަޅީ. ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތި ނުވާނެހެން ގެންދިއުން ރަނގަޅީ،" ޝަހީމް ވިދާޅުވި އެވެ.

އެ ވާހަކަ މީޑިއާގައި ރިޕޯޓްކުރި ފަހުން ބައެއް މިސްކިތްތަކުން، ނަމާދުކުރާ އަޑު ބޭރަށް ނުއިވޭ ގޮތް ހެދި ކަމަށް ބައެއް މީހުން އަންނަނީ ތުހުމަތުކުރަމުންނެވެ. އެ ތުހުމަތު ކުރެއްވި އެއް ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އާ ޕާޓީ، ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

މަލީހު ކުރެއްވި އެ ތުހުމަތާ ގުޅިގެން ދެ ބޭފުޅުންގެ އަރައިރުމެއް ސޯޝަލް މީޑިއާގައި ހިނގާފައި ވަނިކޮށް، ފޭސްބުކް މެދުވެރިކޮށް، މިނިސްޓަރުގެ ހައިސިއްޔަތުން މިއަދު ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ އެއްވެސް މިސްކިތެއްގެ އަޑު މަޑުކުރަން އިސްލާމިކް މިނިސްޓްރީން އަންގާފައި ނުވާނެ ކަމަށެވެ.

"ހަގީގަތުގައި އެއީ ހުރިހާ މިސްކިތުގެ ވާހަކައެއް ނޫން އެއީ. އެއީ ވަކި ތަނެއްގައި ހުރި ވަކި މިސްކިތަކާ ބެހޭ ގޮތުން އައި ސުވާލެއް، ޓުވިޓާގައި އައި ސުވާލެއް، އެ ސުވާލުގެ ޖަވާބު އަޅުގަނޑު ދިނީ،" ފޭސްބުކް ލައިވް ގައި ޝަހީމް މިއަދު ވިދާޅުވި އެވެ.

އެހެން ވިދާޅުވެ، މިނިސްޓަރު ތަފްސީލު ކޮށްދެއްވީ އިބްރާގެ ސުވާލުގައި ހިމެނޭ މިސްކިތުން ނަމާދުގެ އަޑު ބޭރަށް، ތާޅަފިލިތަކަށް ދޫކުރުމުން މެދުވެރިވާ ހާލަތެވެ.

"ސުވާލު މިއަންނަނީ ވަކި ސްޕެސިފިކް ތަނަކާ ބެހޭ ގޮތުން، އެހެން ވެއްޖެއްޔާ އެހާލަތުގެ މައްޗަށް ބިނާކޮށް ދީނީ ގޮތުން ދޭން ޖެހޭ ޖަވާބެއް މި ދެވެނީ ދެއްތޯ؟ އެހެންވީމާ އަޅުގަނޑު ބުނީ ކޮންމެހެން ، އެކަހަލަ ހާލަތުގައި އެންމެ ރަނގަޅުވާނެ ގޮތަކީ އެތެރެއަށް އަޑު ހުރުމޭ. އެެއީ ވަކި ކަހަލަ ސުވާލެއްގެ ޖަވާބެއްގެ ގޮތުން ބުނި ވާހަކައެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެއީ ހުރިހާ މިސްކިތަކާ ގުޅޭ ގޮތުން ވިދާޅުވި ވާހަކައެއް ނޫން ކަމަށާއި އަދި އެ ޖަވާބު ދެއްވީ މިނިސްޓްރީން ދޭ އިރުޝާދެއްގެ ގޮތުގައި ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެން ވީމާ އެކަހަލަ ކަމެއް [ޖަމާއަތުގައި ކުރާ ނަމާދުގެ އަޑު، ތާޅަފިލި މެދުވެރިކޮށް ބޭރަށް އިއްވުން މަނާކުރުން ކަހަލަ ކަމެއް] މިތާކު ނުހިނގާ، މާލޭގައި ވެސް ނުއެއް ހިނގާ، އަދި އަތޮޅު ތެރޭގައި ވެސް ނުވެސް ހިނގާނެ،" ޝަހީމް ވިދާޅުވި އެވެ.

މި ސަރުކާރުން އެގޮތަށް ކަންތައް ނުކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

އިތުރަށް ކިޔާލުމަށް