Advertisement

ފާޑުކިޔުން އަމާޒުވި ފަހުން "އެ ހަނދާނުގައި" ޝޯ ރޯދަމަހު ނުދައްކަން ނިންމައިފި

18 މާރިޗު 2024 - 13:45 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އެ ހަނދާނުގައި ޝޯގައި ލަވަ ކިޔާ ފަންނާނަކާއެކު އެއްބަސްވުން ހެދުމަށްފަހު: ޒީނާ ވިދާޅުވީ ޝޯ ފަސް ކުރީ ރިކޯޑިން ނުނިމޭތީ ކަމަށް -- ފޮޓޯ: ޕީއެސްއެމް


ފާޑުކިޔުން އަމާޒުވި ފަހުން "އެ ހަނދާނުގައި" ޝޯ ރޯދަމަހު ނުދައްކަން ނިންމައިފި

18 މާރިޗު 2024 - 13:45 0

އަޅުކަމަށްވުރެ މިޔުޒިކާއި މުނިފޫހިފިލުވުމަށް އިސްކަންދޭ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވި ފަހުން، ރޯދަމަހަށް ހާއްސަކޮށް "ޕަބްލިކް ސާވިސް މީޑިއާ އިން ގެނެސްދޭން ނިންމި "އެ ހަނދާނުގައި" ޝޯ މި ރޯދަ މަހު ނުދައްކަން ނިންމައިފި އެވެ.

އެ ޝޯ ރޯދަ މަހު ނުދައްކަން ނިންމީ ފަންނާނުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް، މި ރޯދަ މަހު ކޮންމެ ހުކުރު ދުވަހެއްގެ ރޭގަނޑު 11:00 ޖަހާއިރު ޝޯ ދައްކާނެ ކަމަށް އިއުލާނު ވެސް ކުރުމަށްފަހެވެ. ނަމަވެސް ފާޑުކިޔުންތަކަށް ފަހު، މިހާރު އެ ހަބަރަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. މީގެ އިތުރުން ޝޯގެ ހުރިހާ އިޝްތިހާރެއް ވެސް ޕީއެސްއެމުން ވަނީ ޑިލީޓުކޮށްފަ އެވެ.

އެ ޝޯ އިއުލާނުކުރުމާއެކު ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ވަރަށް ބޮޑަށް ޕީއެސްއެމްއަށް ފާޑުކިޔުން އަމާޒުވި އެވެ. އެފަދަ ޝޯތައް ދައްކަނީ މީހުން އަޅުކަމާއި ދުރުކުރަން ކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ.

މި ނޫހާ ވާހަކަ ދައްކަމުން އެ ކަމުގެ މައުލޫމާތު އެނގޭ ޕީއެސްއެމްގެ މުވައްޒަފަކު ބުނީ ރޯދަމަހަށްފަހު ޝޯ ދައްކަން ނިންމީ ދީނީ ގޮތުން އަމާޒުވި ފާޑުކިޔުންތަކަށްފަހު ކަމަށެވެ. ނަމަވެސް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އެކަން ދޮގު ކުރެއްވި އެވެ.

"ރިކޯޑިންތައް ހަމަ ކުރިއަށް ދަނީ. އަދިކިރިޔާ ދެ ޝޯ ނިމުނީ. ފަސް ޝޯ ނިންމާފަ ދައްކަންވެގެން ފަސްކުރީ،" ޒީނާ ވިދާޅުވި އެވެ.

ނަމަވެސް ޕީއެސްއެމް އިން ކުރިން ބުނެފައި ވަނީ "އެ ހަނދާނުގައި" ޝޯތައް ކުރިއަށް ގެންދާނީ ލައިވް އޯޑިއެންސަކާއެކު ވަގުތުން ޓީވީން ދައްކާ ގޮތަށް ކަމަށެވެ.

އެ ހަނދާން ޝޯގެ ބައެއް ބައިވެރިން: ޒީނާ ވިދާޅުވީ ޝޯ ފަސް ކުރީ ފާޑުކިޔުން އަމާޒުވެގެން ނޫން ކަމަށް -- ފޮޓޯ: ޕީއެސްއެމް


އޭގެ އިތުރުން ޒީނާ ވިދާޅުވީ "އެ ހަނދާނުގާ" ޝޯ ރޯދަ މަހުގައި ގެނެސްދޭން ޕީއެސްއެމުން ނިންމުމުން ރަސްމީ ސިފައެއްގައި އެއްވެސް ފާޑުކިޔުމެއް އައިސްފައިނުވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އެ ޝޯއަށް ފާޑުކިޔަމުން މީހަކު ބުނީ "ދައުލަތުގެ މީޑިއާއިން ރޭސް މި ޖަހަނީ މުނިފޫހިފިލުވައި މީހުން އަޅުކަމުން ދުރުކުރުމަށް" ކަމަށެވެ.

"މިއީ ވަރަށް ދެރަކަމެއް. ރޯދަ މަހަކީ އަހަރަކު އެއްފަހަރު އަންނަ މަހެއް. ދައުލަތުގެ މީޑިއާއިން ރޭސް މި ޖަހަނީ މުނިފޫހިފިލުވައި މީހުން އަޅުކަމުން ދުރުކުރުމަށް. ކީއްތަ ވާނީ ރޯދަމަހުގެ ބަރަކާތަށްޓަކާ ވެސް ތިޔަ ކަންތައް ހުއްޓާލަން،" ޝޯއަށް ފާޑުކިޔައި މީހަކު ބުނެފައިވެ އެވެ.

މި އަހަރުގެ އެހަނދާނުގައި ޝޯގައި ލަވަކިޔަން ހަމަޖެހިފައިވަނީ އެ ލަވައެއްގެ "އޮރިޖިނަލް" ލަވަކިޔާފައިވާ ފަންނާނުންނެވެ. ޕީއެސްއެމުން ވަނީ ޝޯގައި ބައިވެރިވާ ފަންނުންނާއެކީ އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ. އެއީ މުހައްމަދު މާޖިދު (މެޒޯ) އާއި އިސްމާއިލް އައްފާން އާއި އަބްދުﷲ އީސާ ފުޅު (އީސާ) އާއި އައިޝަތު އިނާޔާ އަދި އަހުމަދު ފަސީހު (ފަސީ) އެވެ.

މިއަހަރުގެ ޝޯގައި ޖުމުލަ ފަސް އެޕިސޯޑު ހިމެނޭއިރު ކޮންމެ އެޕިސޯޑެއް ހާއްސަކުރަން ހަމަޖެހިފައިވަނީ ވަކި ފަންނާނަކަށެވެ. އަދި އެ އެޕިސޯޑެއްގައި ލަވަ ކިޔާނީ އެ އެޕިސޯޑެއް ހާއްސަކުރެވޭ ފަންނާނުކަމަށް ޕީއެސްއެމްއިން މައުލޫމާތުދެ އެވެ.

"އެ ހަނދާނުގައި" އެންމެ ފުރަތަމަ ބޭއްވީ 2004 ވަނަ އަހަރުގެ ރޯދަ މަހުގަ އެވެ.