Advertisement

އިލެކްޝަންސް ކޮމިޝަން މެންބަރުން އައްޔަން ކުރުމުގެ ހުރިހާ ބާރެއް މަޖިލީހަށް ދޭން ބިލެއް

18 މާރިޗު 2024 - 11:30 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ: އިލެކްޝަންސްގެ މެންބަރުން އައްޔަން ކުރުމުގެ ހުރިހާ ބާރެއް މަޖިލީހަށް ދޭ ގޮތަށް ބިލެއް ހުށަހަޅައިފި - ފޮޓޯ: މަޖިލިސް


އިލެކްޝަންސް ކޮމިޝަން މެންބަރުން އައްޔަން ކުރުމުގެ ހުރިހާ ބާރެއް މަޖިލީހަށް ދޭން ބިލެއް

18 މާރިޗު 2024 - 11:30 0

ރާއްޖޭގައި އިންތިހާބުތަކުގެ މުޅި މަސައްކަތް ހަވާލުކޮށްފައި އޮންނަ މިނިވަން މުއައްސަސާ، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުން އައްޔަން ކުރުމުގެ ހުރިހާ ބާރެއް ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް އެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ބިލެއް ހުށަހަޅުއްވައިފި އެވެ.

އިދިކޮޅު އެންމެ ބޮޑު، އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު ޔޫނުސް ހުށަހެޅުއްވި ބިލުގައި ވަނީ މެންބަރެއްގެ މަގާމު ހުސްވެގެން އައްޔަން ކުރަން މީހަކު ހޯދުމަށް އިއުލާން ކުރާނީ ވެސް ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. މިހާރު އެ ކަން ކުރަނީ ރައީސް އޮފީހުންނެވެ.

އަދި ކުރިމަތިލާ މީހުންގެ ނަންތައް މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީއަކުން ދިރާސާކޮށް ތަޅުމަށް ފޮނުވާ ރިޕޯޓަށް ބަހުސް ކުރުމަށް ފަހު، އެއިން އައްޔަން ކުރާނެ މީހެއް މަޖިލީހުގެ މެންބަރުންގެ ވޯޓަކުން ފާސްކުރަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.

އަދި މަޖިލީހުން ފާސްކުރާ މީހަކު، ކޮމިޝަނުގެ މެންބަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަން ވާނެ ކަމަށް ވެސް ބިލުގައިވެ އެވެ.

މިހާރު އޮންނަ ގޮތުން ރައީސް އޮފީހުން އިއުލާންކޮށް ކުރިމަތިލާ މީހުންގެ ތެރެއިން، މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާނީ ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ނަންތައް އެކަންޏެވެ. އެހެންވެ މިހާރު ގާނޫނުގައި، ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގައި ރައީސްގެ ދައުރު ބޮޑެވެ.

ބިލުގައި މިކަމަށް އަމަލު ކުރަން ބުނެފައިވަނީ ބިލު ފާސްކޮށް ތަސްދީގު ކުރުމުން ގާނޫނަކަށްވާ ދުވަހުން ފެށިގެންނެވެ.

ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ވެސް ވަނީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން އައްޔަން ކުރުމުގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހަށް އޮތުން މުހިންމު ކަމަށް ދެކޭތީ އެވެ.

އެމްޑީޕީގެ މެންބަރަކު، މަޖިލީހަށް މިފަދަ ބިލެއް ހުށަހެޅީ ވެސް ކޮމިޝަނުގެ މަގާމެއް ހުސްވެފައިވަނިކޮށެވެ. ކޮމިޝަނުގެ ނައިބު ރައީސަކަށް ހުންނެވި އިސްމާއީލް ހަބީބުގެ ދައުރު ވަނީ ހަމަވެފަ އެވެ. ކޮމިޝަނުގެ މެންބަރަކަށް އެންމެ ގިނަވެގެން ހުރެވެނީ ފަސް އަހަރުގެ ދެ ދައުރަކަށެވެ. ހަބީބް، ކޮމިޝަނުގެ މެންބަރު ކަމުގައި ދެ ދައުރު ވަނީ ފުރިހަމަ ކުރަައްވައިފަ އެވެ.