Advertisement

އެމްބާޕޭގެ ހެޓްރިކާ އެކު ޕީއެސްޖީ އަށް ފަސޭހަ މޮޅެއް

18 މާރިޗު 2024 - 10:28 0


އެމްބާޕޭގެ ހެޓްރިކާ އެކު ޕީއެސްޖީ އަށް ފަސޭހަ މޮޅެއް

18 މާރިޗު 2024 - 10:28 0

ޕެރިސް (މާޗު 18) - ފޯވަޑް ކިލިއަން އެމްބާޕޭގެ ހެޓްރިކާ އެކު ފްރާންސް ލީގުގައި ރޭ މޮންޕެލިއޭ އަތުން 6-2 އިން މޮޅުވެ، ތާވަލްގެ އެއް ވަނައިގައި ޕީއެސްޖީން 12 ޕޮއިންޓް ލީޑެއް ނަގައިފި އެވެ.

މޮންޕެލިއޭގެ ދަނޑުގައި ކުޅުނު މެޗުގެ 14 ވަނަ މިނިޓުގައި ޕީއެސްޖީ އަށް ލީޑު ހޯދައިދިނީ ވިޓީނިއާ އެވެ. އޭގެ ފަހުން އެމްބާޕޭގެ ހެޓްރިކެއް ހެދިިއިރު، ލީ ކަންގް އިން އަދި ނޫނޯ މެންޑޭސް ވެސް ވަނީ މި މެޗުގައި ލަނޑު ޖަހައިފަ އެވެ.

ޕީއެސްޖީ ތާވަލްގެ އެއް ވަނައިގައި އޮތީ 26 މެޗުން 58 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ބްރެސްޓް އަށް 26 މެޗުން 47 ޕޮއިންޓް ލިބިފައިވެ އެވެ. މޮނާކޯ ތިން ވަނައިގައި 26 މެޗުން 46 ޕޮއިންޓް ހޯދައިގެން އޮތްއިރު، ހަތަރު ވަނައިގައި އޮތީ ލިލް އެވެ. ލިލް އަށް ވަނީ ފަސް ވަނައިގައި އޮތް ނީސްއާ އެއްވަރަށް 43 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗުގައި ހެދި ހެޓްރިކާއެކު، އެމްބާޕޭ ވަނީ މި ސީޒަންގެ ލީގުގައި ޖުމްލަ 24 ލަނޑު ޖަހައިފަ އެވެ.

މި ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށް ރެއާލަށް ބަދަލުވާން ނިންމުމާ ގުޅިގެން، އެމްބާޕޭ އާއި ޕީއެސްޖީއާ ދެމެދު އޮތް ގުޅުން ވަނީ ގޯސްވެފަ އެވެ. ޕީއެސްޖީ އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުގައި އެމްބާޕޭ އިނީ ބެންޗުގަ އެވެ.

މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން، ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުން އެމްބާޕޭ އަށް ބަރޯސާނުވެ ކުޅެން ދަސްކުރަންޖެހޭ ކަމަށެވެ.