Advertisement

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ ދެ ވަނަ އަށް

18 މާރިޗު 2024 - 10:02 0


އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ ދެ ވަނަ އަށް

18 މާރިޗު 2024 - 10:02 0

މެޑްރިޑް (މާޗް 18) - ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑް އަތުން 3-0 އިން މޮޅުވެ، ބާސެލޯނާ އިން ލީގު ތާވަލުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 29 މެޗުން 72 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އަށް ޖެހިލި ބާސެލޯނާ އަށް 29 މެޗުން ވަނީ 64 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޖިރޯނާ އަށް 29 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތީ، 29 މެޗުން 56 ޕޮއިންޓާ އެކު، އެތުލެޓިކް ބިލްބާއޯ އެވެ. ފަސް ވަނަ އަށް ވެއްޓުނު އެތުލެޓިކޯ އަށް 29 މެޗުން ވަނީ 55 ޕޮއިންޓް ލިބިފަ އެވެ.

އެތުލެޓިކޯގެ ސްޓޭޑިއަމް ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުުނު މެޗުގައި ބާސެލޯނާ އިން ލީޑުނެގީ 38 ވަނަ މިނިޓްގައި ޖޮއައޯ ފެލިކްސް ޖެހި ގޯލުންނެވެ. އެތުލެޓިކޯގެ ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާ އަށް ކުޅެމުން އަންނަ ފެލިކްސް މި ލަނޑު ޖެހީ، ރޮބަޓް ލެވަންޑޯސްކީ ދިން ބޯޅައަކުންނެވެ.

ބާސެލޯނާ ލީޑުނެގުމުގެ ކުރިން އެތުލެޓިކޯ އަށް ލަނޑު ޖަހަން ލިބުނު ރަނގަޅު ފުރުސަތުތަކެއް އަލްވާރޯ މޮރާޓާ އަތުން ވަނީ ގެއްލިފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިތާ ދެ މިނިޓް ތެރޭ، ބާސެލޯނާ އިން ދެ ވަނަ ލަނޑެއް ޖެހި އެވެ. މި ގޯލު ޖެހީ، ލެވަންޑޯސްކީ އެވެ. މިއީ ރަފީނިއާ ދިން ބޯޅައަކުން ޖެހި ގޯލެކެވެ. މެޗުގެ 65 ވަަނަ މިނިޓްގައި ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ ފާމިން ލޮޕޭޒް އެވެ.

މެޗުގެ އިތުރު ވަގުތުގައި ބާސެލޯނާގެ ވިޓޯ ރޮކޭ އަށް ކުރި ފައުލަކަށް އެތުލެޓިކޯގެ ނަހުއެލް މޮލީނާ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.

މިއީ، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން، ލީގުގައި އެތުލެޓިކޯ އަމިއްލަ ދަނޑުގައި ބަލިިވި ފުރަތަމަ މެޗެެވެ. އެ ފަހަރު ވެސް އެތުލެޓިކޯ ބަލިވީ ބާސެލޯނާ އަތުންނެވެ.