Advertisement

ލިވަޕޫލް ބަލިކޮށް ޔުނައިޓަޑް ސެމީ ފައިނަލަށް

18 މާރިޗު 2024 - 09:47 0


ލިވަޕޫލް ބަލިކޮށް ޔުނައިޓަޑް ސެމީ ފައިނަލަށް

18 މާރިޗު 2024 - 09:47 0

މެންޗެސްޓާ (މާޗު 18) - އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހު ވަގުތުގައި އަމަދު ޑިއާލޯ ޖެހި ލަނޑާއެކު އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ލިވަޕޫލް އަތުން 4-3 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑް ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗުން ބަލިވުމާ އެކު، މި ސީޒަންގައި ހަތަރު ތަށި ހޯދުމަށް ލިވަޕޫލުން ކުރަމުންދިޔަ އުންމީދު ވަނީ ގެއްލިފައެވެ. އަދި މި ސީޒަންގައި ތައްޓެއް ހޯދުމަށް ޔުނައިޓެޑަށް ކުރަމުންދިޔަ އުންމީދުތައް ވަނީ އާވެފައެވެ.

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ޔުނައިޓެޑް މެޗު ފެށީ ވަރަށް ރަނގަޅަށެވެ. މެޗުގެ 10 ވަނަ މިނިޓުގައި ޔުނައިޓެޑުން ލީޑު ނެގީ ސްކޮޓް މެކްޓޮމިނޭ ޖެހި ލަނޑުންނެވެ.

އެކަމަކު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން، ލިވަޕޫލުން ވަނީ މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލައިފަ އެވެ.

މެޗުގެ 44 ވަނަ މިނިޓުގައި ލިވަޕޫލުން މެޗުގެ ނަތީޖާ އެއްވަރުކުރީ އެލެކްސިސް މެކް އަލިސްޓާ ޖެހި ލަނޑުންނެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މުހައްމަދު ސަލާހް ވަނީ ލަނޑެއް ޖަހައި، ލިވަޕޫލަށް ލީޑު ހޯދައިދީފަ އެވެ. މިއީ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު 14 މެޗުގައި އެ ޓީމު ކޮޅަށް ސަލާހް ޖެހި 13 ވަނަ ލަނޑެވެ.

ދެ ވަނަ ހާފުގައި ލީޑު ފުޅާކުރުމަށް ލިވަޕޫލަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ޓީމަށް އެ ފުރުސަތުތަކުގެ ބޭނުމެއް ނުހިފުމެވެ. ނަތީޖާއަކަށްވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ގާތްވެފައި ވަނިކޮށް، ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރުމެވެ. ޔުނައިޓެޑްގެ ދެ ވަނަ ލަނޑު ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ބްރެޒިލްގެ ވިންގާ އެންތަނީ އެވެ.

އަދި އިތުރު ވަގުތުގައި، ޔުނައިޓަޑްގެ ފޯވަޑް މާކަސް ރަޝްފޯޑަށް ވަނީ އެ ޓީމު މޮޅުކޮށްދިނުމަށް ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެކަމަކު، އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އެކްސްޓްރާ ޓައިމްގައި ލިވަޕޫލުން ލީޑު ނެގީ ހާވީ އެލިއަޓް ޖެހި ލަނޑުންނެވެ.

އެކަމަކު، ޔުނައިޓަޑުން އުންމީދު ގެއްލުވައި ނުލައި، އަނެއްކާވެސް މެޗުގެ ނަތީޖާ އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބުވީ 112 ވަނަ މިނިޓުގައި ރަޝްފޯޑް ލަނޑު ޖެހުމުންނެވެ.

މެޗު ޕެނަލްޓީ ޝޫޓްއައުޓަކަށް ދާނެ ކަމަށް ބެލެވިފައި ވަނިކޮށް، ޔުނައިޓަޑް އިން ކުރި ހޯދީ އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހު މިނިޓުގެ ތެރޭގައި އަމަދު ޖެހި ލަނޑުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެންއެރި އަމަދު ލަނޑު ޖެހީ، ލިވަޕޫލްގެ ކުޅުންތެރިއެއް އަތުން ބޯޅަ ހޯދައި، އޭނާ އުފެއްދި ކައުންޓާ އެޓޭކެއްގައެވެ.

މި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމުގައި އަމަދު ޖޯޒީ ބޭލުމުން، އޭނާ އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައިފައެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ޔުނައިޓަޑް ނުކުންނާނީ ކޮވެންޓްރީ ސިޓީއާ ދެކޮޅަށެވެ. އަނެއް ސެމީގައި ޗެލްސީ ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާ އެވެ.