Advertisement

ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއެންޕީގެ ހުސެއިން، އެމްޑީޕީގެ ޖީހާންއަށް ތާއީދު ކުރަން ނިންމައިފި

17 މާރިޗު 2024 - 18:03 1


ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއެންޕީގެ ހުސެއިން، އެމްޑީޕީގެ ޖީހާންއަށް ތާއީދު ކުރަން ނިންމައިފި

17 މާރިޗު 2024 - 18:03 1

ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޑެޕިއުޓީ ލީޑަރު ހުސެއިން އިސްމާއިލް، ހިންނަވަރު ދާއިރާއަށް އިދިކޮޅު އެމްޑީޕީން ވާދަ ކުރާ ޖީހާން މަހްމޫދަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

ހުސެއިން ވަނީ މިއަދު ޖީހާން އާއި އެ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރައްވައި، ޖީހާންއަށް ތާއީދު ކުރަން ނިންމެވިކަން އިއުލާނުކޮށްފަ އެވެ.

"ސިޔާސީ ގޮތުން ފިކުރު ތަފާތުވިޔަސް އެހެން ޕާޓީއެއްގައި މަސައްކަތް ކުރި ނަމަވެސް ރައީސް ސޯލިހުގެ ނިންމެވުމަށް ތާއީދު ކުރާ، އިހުތިރާމް ކުރާ ކަމުގެ ހެއްކެއް މިއީ،" މި ނޫހާ ވާހަކަ ދައްކަވަމުން ޖީހާން ވިދާޅުވި އެވެ.

ހިންނަވަރު ދާއިރާއަށް ދެން ވާދަ ކުރަނީ ޕީއެންސީގެ މުހައްމަދު އަބްދުއްރަހްމާނެވެ. އޭގެ އިތުރުން އަމިއްލައަށް އަބްދުއްސަލާމް ވެސް ވާދަ ކުރެ އެވެ. ސަލާމަކީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ކެންޑިޑޭޓެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖީހާންއަށް ތާއީދު ކުރަން ހުސެއިން ނިންމިއިރު، އޭނާ މީގެ ކުރިން ހުންނެވީ އެގްރިކަލްޗާ މިނިސްޓްރީގެ ނައިބެއްގެ މަގާމުގަ އެވެ. ނަމަވެސް ޖެނުއަރީ 19، ގައި އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އޭޕްރީލް 21، ގަ އެވެ. މިފަހަރުގެ އިންތިހާބުގައި 93 ދާއިރާއަކަށް ޖުމުލަ 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނާއި ހަތް ސިޔާސީ ޕާޓީއަކުން ވާދަކުރާ 22 އަންހެނުން އަދި 216 ފިރިހެން ކެންޑިޑޭޓުންނެވެ.

މީގެ ކުރީގެ އިންތިހާބުތަކާ ހިލާފަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރާއްޖޭގެ ހުރިހާ ދާއިރާއަކަށް އެއްވެސް ޕާޓީއަކުން ވާދައެއް ނުކުރެ އެވެ. އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވާ އެމްޑީޕީގެ ޓިކެޓު ދީފައި ވަނީ 90 ކެންޑިޑޭޓަކަށެވެ. ސަރުކާރު ހިންގާ ޕީއެންސީން މަޖިލިސް އިންތިހާބަށް ނެރެފައި ވަނީ 89 ކެންޑިޑޭޓުންނެވެ.