Advertisement

ލިވަޕޫލް މެޗަށް ހޮއިލުންޑް ފިޓުވާނެ: ޓެން ހާގް

17 މާރިޗު 2024 - 15:08 0


ލިވަޕޫލް މެޗަށް ހޮއިލުންޑް ފިޓުވާނެ: ޓެން ހާގް

17 މާރިޗު 2024 - 15:08 0

މެންޗެސްޓާ (މާޗު 17) - އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ ލިވަޕޫލާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓަޑް ނުކުންނައިރު، ޔުނައިޓަޑް މުހިންމު ފޯވަޑް ރަސްމުސް ހޮއިލުންޑް މެޗަށް ފިޓުވާނެކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ރަނގަޅު ފޯމެއްގައި ހުއްޓައި ހޮއިލުންޑަށް ދިމާވި އަނިޔާގެ މައްސަލައަކާ ގުޅިގެން ޔުނައިޓަޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އޭނާ ނުކުޅެއެވެ. މި އަނިޔާގެ ކުރިން އޭނާ ވަނީ 8 މެޗުން 8 ލަނޑު ޖަހައިފައެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު، ޔުނައިޓަޑަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޑެންމާކްގެ ފޯވަޑް ހޮއިލުންޑް ފިޓުވުމެވެ.

މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ޓެން ހާގް ބުނީ ލިވަޕޫލް މެޗަށް ހޮއިލުންޑް ފިޓުވާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ. އަދި މީގެ އިތުރުން ޑިފެންޑަރު ހެރީ މެގުއާ އާޢި އާރޮން ވަން-ބިސާކާ ވެސް މި މެޗަށް ފިޓުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ލިވަޕޫލާއި ޔުނައިޓަޑްގެ ކުރިމަތިލުމަކީ މި ސީޒަންގެ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގެ މެޗުތަކުގެ ތެރެއިން އެންމެ ގިނަ ބައެއް ސަމާލުކަން ލިބޭނެ މެޗެވެ. ލިވަޕޫލާއި ޔުނައިޓަޑަކީ އިނގިރޭސި ފުޓްބޯޅައިގެ ޒަމާންވީ ދެ ވާދަވެރިންނެވެ. މި ދެ ޓީމުގެ ކުރިމަތިލުންތައް އަބަދުވެސް ފޯރިގަދައެވެ.

ޓެން ހާގް ބުނީ ލިވަޕޫލާ ދެކޮޅަށް ޔުނައިޓަޑް ކުޅޭ މެޗުތަކަކީ އަބދުވެސް "ބޮޑު ކުރިމަތިލުމެއް" ކަމަށެވެ. އަދި މި މެޗުން ކުރި ލިބޭނީ ޔުނައިޓަޑްގެ އެންމެ ރަނގަލު ކުޅުން ދައްކައިގެން ކަމަށެވެ.

"ލިވަޕޫލަކީ އެއް ފެންވަރެއްގައި ގިނަ މެޗުތައް ކުޅޭ ޓީމެއް. އެ ޓީމު ބަލިކުރެވޭނީ ޔުނައިޓަޑް ވަރަށް ރަނގަޅަށް ކުޅެގެން،" ޓެން ހާގް ބުންޏެވެ.

މި ސީޒަންގައި ތައްޓެއް ކާމިޔާބުކުރުމަށް ޔުނައިޓަޑްަށް އޮތް ފުރުސަތަކީ އެފްއޭ ކަޕެވެ. ޔުނައިޓާޑް އޮތީ އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ ހަ ވަނައިގައެވެ. ލިވަޕޫލް އޮތީ ތާވަލްގެ ދެވަނައިގައެވެ.

ސަލާހް ވެސް މި މެޗަށް ފިޓު

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އަށް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމުގެ މުހިންމު ފޯވަޑް މުހައްމަދު ސަލާހް މިރޭގެ މެޗަށް ފިޓުވުމެވެ. ޔުނައިޓަޑާ ދެކޮޅަށް ސަލާހްގެ ރެކޯޑް ރަނގަޅެވެ. ޔުނައިޓަޑާ ދެކޮޅަށް ކުޅުނު 13 މެޗުން އޭނާ ވަނީ 12 ލަނޑު ޖަހައިފަ އެވެ.

ކްލޮޕް ބުނީ މި މެޗަށް ސަލާހް އެނބުރި އައުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"ސަލާހް އަކީ ވަރަށް ތަފާތު ކުޅުންތެރިއެއް،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ މި މެޗަށް ލިވަޕޫލްގެ ޑިފެންޑަރު އިބްރާހިމް ކޮނާޓޭ ފިޓުވާނެކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. މީގެ އިތުރުން ކާޓިސް ޖޯންސް އާއި ޑިއޯގޯ ޖޮޓާ އަދި ޓްރެންޓް އަލެކްސަންޑާ އާނޯލްޑް ޓީމަށް އެނބުރި އަންނާނީ އިންޓަނޭޝަންލް ބްރޭކަށް ފަހު ކަމަށެވެ.