Advertisement

ރޫޔާ 200 މީޓަރުގެ ގައުމީ ޖޫނިއާ ރެކޯޑް މުގުރާލައިފި

17 މާރިޗު 2024 - 10:47 0

މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގެ އިވެންޓެއްގައި ރޫޔާ ދުވަނީ.--- ފޮޓޯ: އިސްމާއިލް ތޯރިގު / އަދަދު


ރޫޔާ 200 މީޓަރުގެ ގައުމީ ޖޫނިއާ ރެކޯޑް މުގުރާލައިފި

17 މާރިޗު 2024 - 10:47 0

ޖެމެއިކާގައި ކުރިއަށްދިޔަ ވެލޯސިޓީ ފެސްޓް 14 ގައި ވާދަކޮށް، ރާއްޖޭގެ ހުނަރުވެރި އެތުލީޓު، މަރިޔަމް ރޫޔާ އަލީ، 200 މީޓަރު ދުވުމުގެ ގައުމީ ޖޫނިއާ ރެކޯޑް މުގުރާލައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްކޮލަޝިޕެއްގައި ޖެމެއިކާގައި ޓްރެއިނިން ހަދަމުން އަންނަ ރޫޔާ އަކީ މީގެ ކުރިން ވެސް 200 މީޓަރު ދުވުމުގެ ޖޫނިއާ ރެކޯޑް ހޯލްޑަރެވެ.

ރޫޔާ އެންމެ ފަހުން ރެކޯޑް ހެދީ މިދިޔަ އަހަރުގެ ޖުލައި މަހު، ޖެމެއިކާގެ 20 އަހަރުން ދަށުގެ މުބާރާތުގަ އެވެ. އެ ފަހަރު އޭނާގެ ޓައިމިން އަކީ، 25.59 ސިކުންތެެވެ.

ޖެމެއިކާގައި ޓްރެއިނިން ހަދަމުން އަންނަ މިންކޮ: އޭނާ އަންނަނީ ބޮޑު ކުރިއެރުންތަކެއް ހޯދަމުން.--- ފޮޓޯ: އިސްމާއިލް ތޯރިގު / މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ވެލޯސިޓީ ފެސްޓް 14 ގައި ދުވެ، ރޫޔާ އަމިއްލަ އަތުގައި އޮތް ރެކޯޑް މުގުރާލީ، 25.11 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ އިތުރުން މި މުބާރާތުގައި ވާދަކުރި އަނެއް ދިވެހި އެތުލީޓު، މުހައްމަދު މިންހާލް ޝާމިން (މިންކޮ) ވަނީ 200 މީޓަރު ދުވުމުގައި ވާދަކޮށް، އޭނާގެ އަމިއްލަ ޓައިމިން ރަނގަޅުކޮށްފަ އެވެ. މިންކޮ، ރޭސް ނިންމީ، 22.10 ސިކުންތުންނެވެ.

މިންކޮ އަކީ ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދިން ސްކޮލަޝިޕެއްގައި ޖެމެއިކާގައި ޓްރެއިނިން ހަދަމުން އަންނަ އެތުލީޓެކެވެ.