Advertisement

އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލީ ބައްސާމް އާއި ތޯރިގު

17 މާރިޗު 2024 - 10:29 5


އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލީ ބައްސާމް އާއި ތޯރިގު

17 މާރިޗު 2024 - 10:29 5

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމަަށް ކުރިމަތިލައްވާފައިވަނީ މިހާރު އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ކުރިން އެ އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވި އަހުމަދު ތޯރިގު (ޓޮމް) ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އިއްޔެގެ މެންދުރު ފަހުގެ ނިޔަލަށް އިންތިހާބުގައި ވާދަކުރަން ކެންޑިޑެސީ ހުށަހަޅަން ފުރުސަތު އޮތްއިރު، ސުންގަނޑި ހަމަވިއިރު، މަގާމަށް ކުރިމަތިލިކަން ތޯރިގު ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ. އިތުރު ކެންޑިޑޭޓަކު ވެސް ކުރިމަތިލާފައިވާކަން އެނގިފައިވާއިރު، އެ ކެންޑިޑޭޓަކީ، ދެ ވަނަ ދައުރަކަށް އެފްއޭއެމްގެ ރައީސްކަން ކުރައްވަމުން އަންނަ ބައްސާމް ކަމަށް އިތުބާރު ހުރި މަސްދަރަކުން ވަނީ މައުލޫމާތު ލިބިފަ އެވެ.

އިންތިހާބުގައި ވާދަކުރަން ކެންޑިޑެސީ ހުށަހެޅޭނީ ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ ތެރެއިން ތިން ކްލަބްގެ ތާއީދާ އެކު އެވެ. މި ވަގުތު ކްލަބް ވެލެންސިއާ ސަސްޕެންޝަނެއްގައި އޮތުމުން، އެ ކްލަބަށް ވޯޓުލުމުގެ ހައްގެއް ނެތެވެ. އެހެންކަމުން، ވެލެންސިއާގެ ތާއީދު ހިމަނައިގެން، ކުރިމަތިލާ ކެންޑިޑޭޓަކު، އެ ކްލަބް ނުލައި، ތިން ޓީމެއްގެ ތާްއީދު އޮންނަން ޖެހޭނެ އެވެ.

ވެލެންސިއާ އިން ތުހުމަތު ކުރާ ގޮތުގައި އެ ކްލަބް ސަސްޕެންޑްކުރީ، އެފްއޭއެމް އިންތިހާބުގެ ކަންކަން ރޭވުމެއްގެ ތެރެއިން ގެންދިއުމަށެވެ.

"އަދަދު" އަށް ތޯރިގު ވިދާޅުވީ، އޭނާ ކެންޑިޑެސީ ހުށަހެޅީ ވެލެންސިއާ ހިމެނޭ ގޮތަށް 11 ކްލަބްގެ ތާއީދާ އެކު ކަމަށެވެ.

އަަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ބައްސާމް ވާދަކުރައްވަން ނިންމަވާފައިވާއިރު، އެންމެ ފަހުން ކެންސަލްކުރަން ޖެހުނު އިންތިހާބުގައި އޭނާ ވާދައެއް ނުކުރެ އެވެ. އެ އިންތިހާބުގައި ވާދަކުރީ ތޯރިގު އާއި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އެވެ. ޖެނުއަރީ 31 ގައި ބާއްވަން އުޅުނު އެ އިންތިހާބު ކެންސަލްކުރީ، އިލެކްޓޯރަލް ކޯޑާ އެއްގޮތަށް، އިންތިހާބާ ބެހޭ ކޮމިޓީތައް އެކުލަވާލައިފައި ނުވާތީ އެވެ.

އެ ކޮމިޓީތައް އެކުލަވާލުމަށް އެފްއޭއެމް އިން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައްސާމް ވަނީ، އިތުރު ދައުރަކަށް އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލައިފާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

އެ ގޮތުން، ބައްސާމް ވިދާޅުވީ، ވާދަނުކުރައްވާނެ ކަމަށް އިއުލާނުކުރި އިންތިހާބު މިހާރު އޮތީ ކެންސަލްވެފައި ކަމަށާއި ދެން ބާއްވާ އިންތިހާބަކާ ގުޅޭގޮތުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

ފީފާ އާއި އޭއެފްސީން ރާއްޖޭގެ ފުޓްބޯޅަ އަށް ދޭ ފައިސާ އެފްއޭއެމްގެ ރައީސް ބައްސާމް ހިމެނޭހެން އެފްއޭއެމްގެ ބައެއް ވެރިން އަމިއްލަ މަންފާ އަށް ބޭނުންކުރި މައްސަލަތަކެއް ބަލަމުން އަންނައިރު، އޭގެއިން އެއް މައްސަލައިގައި ބައްސާމްގެ މައްޗަށް ވަނީ މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ އުފުލައިފަ އެވެ. ފީފާ އިން އެފްއޭއެމް އަށް ދިން 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ލޯންގެ ފައިސާ ބޭނުންކުރި ގޮތުގެ ކޮރަޕްޝަންގެ މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެފްއޭއެމް އިން ދޭން ޖެހޭ ފައިސާ ނުދީގެން، އެ އެސޯސިއޭޝަނާ ދެކޮޅަށް ގިނަ ކުންފުނިތަކަކުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ކޯޓުން ވަނީ ހުކުމް ވެސް ކޮށްފަ އެވެ.