16 މާރިޗު 2024 - 22:05 0
ލީވާން އަލީ ނާސިރު
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
16 މާރިޗު 2024 - 22:05 0
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ތިން ގައުމެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ "އަދަދު" އަށް ވިދާޅުވީ ވޯޓު ފޮށި ބަހައްޓާވަރަށް މީހުން ރަޖިސްޓްރީވެފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމް، ސްރީލަންކާ އަދި މެލޭޝިއާއަށް ކަމަށެވެ.
އިނގިރޭސިވިލާތުގެ ލަންޑަން އަދި ދުބާއީގެ އިތުރުން ތައިލޭންޑުންވެސް ބައެއް މީހުން ރީ-ރަޖިސްޓްރީ ކުރި ނަމަވެސް، ވޯޓު ފޮށި ބެހެއްޓޭ އަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވާ ކަމަށް ހަސަން ވިދާޅުވި އެވެ.
"ކުރިއެކޭ އެއްގޮތަށް ލަންކާ އާއި މެލޭޝިއާގައި ފޮށި ބަހައްޓާވަރަށް އަދަދު ހަމަވި. އަދި އިންޑިއާގެ ޓްރެވެންޑްރަމްއިން 150 މީހުން ހަމަވުމާއެކު ފޮށްޓެއް ބަހައްޓަން ވަނީ ނިންމާފައި" އޭނާ ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބު އެޕްރިލް 21، ގައި ބޭއްވުމަށް ނިންމާފައިވާއިރު، ވޯޓުލާ މަރުކަޒު ބަދަލުކުރުމަށް ރީ-ރަޖިސްޓާ ކުރުމަށް ހުޅުވާލި ފުރުސަތު މިއަދު 15:00 ގައި ވަނީ ހަމަވެފަ އެވެ.
އިލެކްޝަންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރީ-ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގައި ރާއްޖެއިން ބޭރުން އެންމެ ގިނައިން ރަޖިސްޓާ ކޮށްފައިވަނީ މެލޭޝިއާގައި ބަހައްޓާ ފޮށްޓަށެވެ.
Comment