Advertisement

ލިވަޕޫލަށް ވަރަށް ފަސޭހަ، ލެވަކޫސަން ފަހުވަގުތު ސަލާމަތްވެއްޖެ

15 މާރިޗު 2024 - 04:26 0

ލެވަކޫސަން މޮޅުވި ގޯލު ޖެހުމަށް ފަހު ޝިކް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ލިވަޕޫލަށް ވަރަށް ފަސޭހަ، ލެވަކޫސަން ފަހުވަގުތު ސަލާމަތްވެއްޖެ

15 މާރިޗު 2024 - 04:26 0

ލިވަޕޫލް (މާޗް 15) - ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި ލިވަޕޫލުން 6-1 އިން ސްޕާޓާ ޕްރާގް ބަލިކޮށް ކުއާޓާ ފައިނަަލަށް ދަތުރުކުރިއިރު، އިތުރު ވަގުތުގެ ތެރޭގައި ދެ ގޯލު ޖަހައި، ނަތީޖާ އަނބުރާލުމަށް ފަހު، ބަޔާ ލެވަކޫސަނުން ވެސް ގަދަ އަށް ޓީމުގެ ތެރެެއިން ފުރުސަތު ހޯދައިފި އެވެ.

ލިވަޕޫލުން ވަނީ ދެ ލެގަށް ބަލާއިރު، ޗެކް ރިޕަބްލިކްގެ އެއް ވަަނައިގައި އޮތް، ސްޕާޓާގެ މައްޗަށް 11-2 އިން އެގްރިގޭޓް މޮޅެއް ހޯދައިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ލިވަޕޫލުން ވަނީ 14 މިނިޓް ތެރޭ ސްޕާޓާ ކޮޅަށް ހަތަރު ގޯލު ޖަހައިފަ އެވެ. ޑާވިން ނޫނޭޒް ފުރަތަމަ ގޯލު ޖެހިއިރު، ލީޑުޅާކުރީ ބޮބީ ކްލާކް ޖެހި ލަނޑުންނެވެ. ތިން ވަނަ ލަނޑު ޖެހީ މުހައްމަދު ސަލާހު އެވެ. މި ގޯލާ އެކު، ސަލާހުވެފައިވަނީ ޖެހިޖެހިގެން ހަތް ސީޒަނުގައި ލިވަޕޫލަށް 20 ގޯލު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ލިވަޕޫލަށް ގޯލެއް ޖަހައިދިނުމަށް ފަހު ގަކްޕޯ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ލިވަޕޫލްގެ ހަތަރު ވަނަ ގޯލު ޖެހީ، ސަލާހު ދިން ބޯޅައަކުން ކޯޑީ ގަކްޕޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، ސްޕާޓާ ޕްރާގް އިން ގޯލެއް ޖެހި އެވެ. މި ލަނޑު ޖެހީ، ވެލްްޖްކޯ ބިރްމާންސެވިޗް އެވެ.

ދެ ވަަނަ ހާފުގައި ލިވަޕޫލްގެ އަނެއް ލަނޑުތައް ޖެހީ ގަކްޕޯ އާއި ޑޮމިނިކް ސޮބޯސްލާއި އެވެ. ހެޓްރިކް ހަދަން ގަކްޕޯ އަށް ލިބުނު ފުރުސަތުތަކުގައި ރަނގަޅަށް ފޮނުވާނުލެވުނެވެ. މި މެޗުގައި ލިވަޕޫލަށް ގިނަ ގޯލު ތަކެއް ޖަަހަން ފުރުސަތު ލިބުނުއިރު، ސްޕާޓާގެ ކީޕަރު، ޕީޓާ ވިންޑާލް ވަނީ ރަނގަޅު ބޯޅަތަކެއް ހުއްޓުވައިފަ އެވެ.

ލެވަކޫސަނުން ވަނީ އިތުރު ވަގުތުގައި ޕެޓްރިކް ޝިކް ޖެހި ދެ ގޯލުން 3-2 އިން އަޒަރުބައިޖާންގެ ގަރަބާގް ބަލިކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ގަރަބާގް އިން ވަނީ، އަބްދުﷲ ޒުބޭރު އާއި ޖޫނިނިއޯ ޖެހި ގޯލުތަކުން ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ.

ލެވަކޫސަނަށް އުންމީދެއް ލިބުނީ، 72 ވަނަ މިނިޓްގައި، ޖެރެމީ ފްރިމްޕޮންގް ޖެހި ގޯލުންނެވެ. ލެވަކޫސަނަށް ފަސޭހަވީ، މެޗުގެ 80 ވަނަ މިނިޓްގައި ގަރަބާގްގެ އެލްވީން ކަފަރްގުލިއޭފް އަށް ރަތް ކާޑެއް ދެއްކުުމުންނެވެ. ލެވަކޫސަން އިން ނަތީޖާ އަނބުރާލީ އިތުރު ވަގުތުގެ ތެރޭގައި ތަފާތު ދައްކައި ދެ ގޯލު ޖަހައިގެންނެވެ. ދެ ލަނޑު ވެސް ޖެހީ، ޗެކް ރިޕަބްލިކްގެ ފޯވާޑް ޝިކް އެވެ.

މި ނަތީޖާއާ އެކު، ލެވަކޫސަނުން މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ވަނީ 37 ވަނަ މެޗަކަށް އިތުރުކޮށްފަ އެވެ.

ގަދަ 16 ބުރުގެ އެހެން ނަތީޖާތަކަށް ބަލާއިރު، ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ 5-0 އިން ޖަރުމަނުގެ ފްރައިބާގް ބަލިކޮށް، ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ރޭންޖާސް ދަނޑުގައި ބެންފީކާ މޮޅުވީ 1-0 އިންނެވެ. ބްރައިޓަން އިން ދެ ވަނަ ލެގުގައި ރޯމާ އަތުން 1-0 އިން މޮޅުވިޔަސް، ފުރަތަމަ ލެގުގައި ނެރުނު ނަތީޖާއާ އެކު، 4-1ގެ އެގްރިގޭޓް ނަތީޖާއިން ރޯމާ ވަނީ ކުއާޓާ އިން ފުރުސަތު ހޯދައިފަ އެވެ.

ސްލާވިއާ ޕްރާގު ދަނޑުގައި އޭސީ މިލާނުން މޮޅުވީ، 3-1 އިންނެވެ. މިލާން ކުރިހޯދީ 7-3 ގެ އެގްރިގޭޓަކުންނެވެ. ވިޔަރެއާލުން ދެ ވަނަ ލެގުގައި، 3-1 އިން މާސޭ ބަލިކުރިޔަސް، ކުއާޓާ އިން ފުރުސަތު ހޯދީ މާސޭ އެވެ. މާސޭ އިން އެގްރިގޭޓަށް ބަލާއިރު ކުރިހޯދީ، 5-3 އިންނެވެ. އެޓަލަންޓާ އިން ވަނީ ސްޕޯޓިން ލިޒްބަން 2-1 އިން ބަލިކޮށްފަ އެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލް މެޗުތަކުގެ ގުރުއަތުލުން އޮންނާނީ މިއަދު އެވެ.