Advertisement

އަހަރެއް ފަހުން ޔުނައިޓެޑުން ޔޫރަޕްގައި މޮޅެއް ހޯދައިފި

about 4 hours 0


އަހަރެއް ފަހުން ޔުނައިޓެޑުން ޔޫރަޕްގައި މޮޅެއް ހޯދައިފި

about 4 hours 0

މެންޗެސްޓާ (ނޮވެމްބަރު 8) - ޔޫރޮޕާ ލީގުގައި ރޭ ގްރީސްގެ ޕީއޭއޯކޭ އަތުން 2-0 އިން ކުރިހޯދައި، އަހަރެއްގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑުން ޔޫރަޕްގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި އެވެ.

ރޭގެ މެޗުގެ ކުރިން، ޔުނައިޓެޑް އެންމެ ފަހުން މޮޅެއް ހޯދީ މީގެ 380 ދުވަސް ކުރިން، ކޯޕެންހާގެން އަތުންނެވެ. މި ފަހަރުގެ ޔޫރޮޕާ ލީގުގައި ޔުނައިޓެޑް ފުރަތަމަ ކުޅުނު ތިން މެޗުން ވެސް ވަނީ އެއްވަރުވެފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޔުނައިޓެޑަށް ފުރަތަމަ ހާފުގައި ޕީއޭއޯކާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ. މި ހާފުގައި ޕީއޭއޯކޭ އިން ރަނގަޅު އެޓޭކްތަކެއް ކުރިއިރު، ޔުނައިޓެޑްގެ ގޯލްކީޕަރު، އަންދްރޭ އޮނާނާ ވަނީ ރަނގަޅު ހަމަލާތަކެއް ހުއްޓުވައިފަ އެވެ. އެ ގޮތުން، މެޑީ ކަމާރާ އާއި އަންޑްރިޖާ ޒިވްކޮވިޗްގެ ޝޮޓްތައް ދިފާއުކުރުމުގައި އޮނާނާގެ ހުށިޔާރުކަން ފެނުނެވެ.

ޔުނައިޓެޑުން މި މެޗުގައި ކާމިޔާބުކުރި ދެ ގޯލު ވެސް ޖެހީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ފުރުސަތު ލިބުނު އަމަދު ޑިއާލޯ އެވެ. ދެ ވަނަ ހާފު ފެށިގެން ފަސް މިނިޓް ތެރޭ، އަމަދު ފުރަތަމަ ގޯލު ޖެހިއިރު، މިއީ ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން ޖެހި ގޯލެކެވެ.

މެޗުގެ ތިން ޕޮއިންޓް ޔުނައިޓެޑަށް ޔަގީންކޮށްދިން ގޯލު އަމަދު ޖެހީ މެޗުގެ 77 ވަނަ މިނިޓްގަ އެވެ. މިއީ އިންޑިވިޖުއަލީ ބަލާއިރު، އަމަދުގެ މަސައްކަތް ފެނިގެންދިޔަ ގޯލެކެވެ.

ޔުނައިޓެޑްގެ ވަގުތީ ކޯޗު، ރޫޑް ވޭން ނިސްޓަލްރޫއީ، މެޗަށް ފަހު ބުނީ، މި މޮޅު ހޯދުމުގައި ތަފާތަކަށް ފެނުނީ އަމަދު ކަމަށެވެ. އަދި ލިބުނު ފުރުސަތުތަކުގައި އޭނާ އަކީ ޓީމަށް ކިހާ ބޭނުންތެރި ކުޅުންތެރިއެއްކަން، އަމަދު ސާބިތުކޮށްދިން ކަމަށް ވެސް ނިސްޓަލްރޫއީ ވަނީ ބުނެފަ އެވެ.

ޔޫރޮޕާ ލީގުގައި 36 ޓީމު ވާދަކުރާ ލީގު ބުުރުގައި، މި މޮޅަށް ފަހު، ޔުނައިޓެޑް ވަނީ 15 ވަނަ އަށް ޖެހިލައިފަ އެވެ.

ރޭ ޔޫރޮޕާ ލީގުގައި ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ގަލަސަތަރާއި އިން ވަނީ 3-2 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފަ އެވެ. ނީސް އާއި ޓްވެންޓޭ 2-2 އިން އެއްވަރުވިއިރު، ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ފެނަބާޗޭ އަތުން އޭޒެޑް އަލްކްމާރު މޮޅުވީ 3-1 އިންނެވެ. އަަދި ލިޔޯނާއި ހޮފެންހައިމް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.