Advertisement

އުސޫލުތަކެއް ކަނޑައަޅައި ވޮލީބޯލް އެސޯސިއޭޝަން އަށް އިންތިހާބުގެ ފުރުސަތުދީފި

14 މާރިޗު 2024 - 23:37 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ސްޕޯޓްސް ކޮމިޝަނަރު ތޮލާލް (ކ) އާއި ކުޅިވަރާ ބެހޭ ވަޒީރު، ރާފިއު.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އުސޫލުތަކެއް ކަނޑައަޅައި ވޮލީބޯލް އެސޯސިއޭޝަން އަށް އިންތިހާބުގެ ފުރުސަތުދީފި

14 މާރިޗު 2024 - 23:37 0

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އޮޑިޓްގެ މަސައްކަތް ކުރަަން މުހުލަތެއްދިނުމަށް ފަހު، ގާނޫނީ ގޮތުން ދެން ފުރިހަމަވާން ޖެހޭ ކަންކަން ވެސް ފުރިހަމަކޮށް، ހުސްވެފައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމުގެ ފުރުސަތު ދޭން ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ނިންމަވައިފި އެވެ.

މި މަހު 15 ގައި ބާއްވަން ނިންމި ވީއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ސްޕޯޓްސް ކޮމިޝަނަރު ތޮލާލް އަންގާފައިވަނިކޮށް އެކަން ކުރިއަށް ގެންދިޔަ އެވެ. އެ މަސައްކަތްތައް ކުރިއަށް ގެންގޮސް، ވީއޭއެމް އިން ވަނީ އިންތިހާބަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް އިއުލާނުކުރުމަށް ފަހު، އޭގެ ފަހުން، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، އިންތިހާބު މި މަހު 19 އަށް ލަސްކުރަން ފާސްކޮށްފަ އެވެ. އެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަންނަން ސްޕޯޓްސް ކޮމިޝަަނަރު ތޮލާލް ނިންމެވި އެވެ.

އަދި ވޮލީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއާ އެކު މިއަދު ވަނީ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފަ އެވެ.

"އަދަދު" އަށް ދިން އިންޓަވިއުއެއްގައި ތޮލާލް ވިދާޅުވީ، ވޮލީބޯލް އެސޯސިއޭޝަނާ އެކު މިއަދު ބޭއްވުނު ބައްދަލުވުމަށް ފަހު، އެސޯސިއޭޝަންގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދައިގެން ކުރިއަށްދެވޭނެ ގޮތުގެ ގާނޫނީ ލަފާ އެޓާނީ ޖެނެރަލްގެ ފަރާތުން ވެސް ހޯދާފައިވާނެ ކަމަށެވެ.

އެ ގޮތުން، ނިންމުނު އެންމެ މުހިންމު އެއް ކަމަކީ، 90 ދުވަހުގެ ތެރޭގައި ވޮލީބޯލް އެސޯސިއޭޝަންގެ މިދިޔަ ހަތަރު އަހަރުގެ އޮޑިޓްގެ ކަންކަން ފުރިހަމަ ކުރުމަށެވެ. އަދި މީގެ އިތުރުން، ވޮލީބޯލް އެސޯސިއޭޝަނުން ރާއްޖޭގެ ގާނޫނާ އެއްގޮތަށް ނިންމަން ޖެހޭ ކަންކަން ފުރިިހަމަ ކުރުމަށް ފަހު، އިންތިހާބަކަށް ދިއުމަށް ހުރަހެއް ނެތްކަން ވަނީ އަންގައިފަ އެވެ.

"އެހެންވީމަ، އޮޑިޓްގެ މަސައްކަތް ކުރިއަށްދާއިރު، ގާނޫނީ އިޖުރާތުތައް ފުރިހަމަކޮށްގެން، ހުސްވެފައިވާ ރައީސް އަދި އެކްސްކޯގެ ބާކީ މެމްބަރުން އިންތިހާބު ކުރެވޭނެ. އަދި އިންތިހާބު ކުރެވޭ މަގާމުތައް ވެސް، މިހާރު އޮތް އެކްސްކޯ (ހިންގާ ކޮމިޓީ)ގެ ދައުރާ އެކު މުއްދަތު ހަމަވާނެ،" ތޮލާލް ވިދާޅުވި އެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމު ހުސްވީ، 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އެ މަގާމަށް އިންތިހާބުވި މުހައްމަދު ރަނޭޝް (ރަނޭ)، މިދިޔަ މަހުގެ 27 ގައި ސިޓީ ލުމަށް ފަހު، މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މަގާމުން އިސްތިއުފާދިނުމާ އެކު އެވެ.

ވީއޭއެމް އިން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން، އެ އަށް ނަން ހުށަހެޅި ފަރާތްތައް ވަނީ އިއުލާނުކޮށްފަ އެވެ. އެ ގޮތުން، ރައީސްގެ މަގާމަށް ކުރިމަތިލައިފައިވަނީ، ދާދި ފަހުން، ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވި މުހައްމަދު ލަތީފް (ލަތީބެ) އެވެ. އޭނާ ވަނީ ވޮލީ އެސޯސިއޭޝަންގެ ރައީސްކަން، 2016-2019 އަށް ކޮށްފަ އެވެ. ދެން މަގާމުތަކަށް ކުރިމަތިލައިފައިވަނީ، ސީނިއާ ނައިބު ރައީސަކަށް މުހައްމަދު ސާޖިދު (ބޮޑުކާއްޓެ)، ނައިބު ރައީސް ވޮލީބޯލްގެ މަގާމަށް އަލީ ލަތީފް، ނައިބު ރައީސް އިދާރީގެ މަގާމަށް އިއްޒަތު ވަހީދު، ނައިބު ރައީސް/އަންހެން މަގާމަށް އާއިދާ އަބްދުލް ހަކީމް، ހިންގާ ކޮމިޓީ މެމްބަރުންގެ މަގާމަށް ފަތުހުﷲ ވަހީދު (ފައްލޯ)، ސޮފްވާން އަހުމަދު ޝިޔާމް އަލީ އަދި ހިންގާ ކޮމިޓީ މެމްބަރު/އަންހެން މަގާމަށް އައިޝަތު ފަތީނަތު އެވެ.